ފުލްހަމްއަށް ކުޅުނު ކީޕަރު މާކު ޝްވާޒާ ހިލޭ ޓްރާންސްފާއެއްގެ ދަށުން ޗެލްސީއާ ގުޅިއްޖެ އެވެ.

އިނގިރޭސި މީޑިއާތައް ބުނާގޮތުން މާކް ޝްވާޒާ ޗެލްސީއާ ގުޅުނީ އެއް އަހަރު ދުވަހުގެ މުއްދަތަކަށެވެ. ޝްވާޒާ ފުލްހަމް ދޫކޮށްލި އަސްލު ސަބަބަކީ އެޓީމަށް ހޮލެންޑުގެ ކީޕަރު މާކް ސްޓެކްލަންބާގް ގެނައުމުން ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސްވާޒާ ބުނީ، ޗެލްސީއަކީ އަބަދުވެސް އޭނާ ކުޅޭ ހިތްވާ މޮޅު ޓީމެއް ކަމަށާއި ޗެލްސީގައި ހުރެގެން އެޓީމަށް ކާމިޔާބު ހޯދާދިނުމުގައި ގިނަގުނަ މަސައްކަތް ތަކެއް ކުރާނެ ކަމަށެވެ.

"އަހަރެން ޗެލްސީއާ ގުޅުނު އެކުލަބަށް ކާމިޔާބު ހޯދަދޭން. ޗެލްސީއަކީ މޮޅު ޓީމެއް. އެޓީމުގެ މޮޅެތި ކުޅުންތެރިންނާއެކު ކުޅެލުމުގެ ފަހުރު ލިބުމުން އަހަރެން މިހިރީ ވަރަށް އުފަލުން،" ޝްވާޒާ ބުންޏެވެ.

އޮސްޓޭލިއާއަށް އުފަން އުމުރުން 40 އަހަރުގެ ސްވާޒާ ފުލްހަމްއާއި ގުޅިފައި ވަނީ 2008 ވަނަ އަހަރު އެވެ. އަދި ފުލްހަމްއާއެކު އޭނަ ހޭދަ ކޮށްފައިވާ ދުވަސްތަކުގައި އެކުލަބަށް 200 އަށް ވުރެ ގިނަ މެޗް އޭނާ ކުޅެފައިވާކަމަށް ރިޕޯޓުތައް ބުނެ އެވެ.