10 Jul 2013, 15:01
މާލޭގައި އަލަށް ޓެކްސީކުރުމުގެ ހުއްދަ 20 ކާރަކަށް ދީފައިވާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން މިއަދު ބުނެފި އެވެ.
ޗެއާމަން އަބްދުއް ރަޝީދު ނާފިޒު މިއަދު ސަން އަށް ވިދާޅުވީ ޓެކްސީކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުގެ ފުރުސަތު ދާދިފަހުން ހުޅުވާލުމުން ގިނަ އަދަދެއްގެ ބަޔަކު ހުއްދަ ހޯދަން ހުށަހަޅަމުން އަންނަ ކަމަށެވެ.
"އަޅުގަނޑުމެން ހުއްދަ ދެނީ މި އަހަރުގެ މެއި މަހުގެ ކުރިން އެތެރެކޮށް ރަޖިސްޓްރީކޮށްފައިވާ އުޅަނދުތަކަށް އެކަނި. އަދި އޭގެ އިތުރުން ޓެކްސީއެއްގެ ހުންނަން ޖެހޭ ޝަރުތުތައް ހަމަވާ ހުރިހާ ފަރާތްތަކަށް ވެސް ހުއްދަ ދެމުން މިގެންދަނީ،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ އިތުރު ޓެކްސީތަކަކަށް ހުއްދަދޭން ނިންމީ މިހާރު ހުއްދަދީފައިވާ 600 އެއްހާ ޓެކްސީން އެކަށީގެންވާ ވަރަށް ހިދުމަތް ނުދޭ ކަމުގެ ޝަކުވާ ތަކުރާރުކޮށް ލިބެމުން އަންނާތީ ކަމަށެވެ.
"އަޅުގަނޑުމެން ބެލިބެލުމުން ހުއްދަދީފައިވާ ކާރުތަކުގެ ތެރެއިން 50 ޕަސެންޓް ވެސް ހިދުމަތެއް ނުދޭ. އެހެންވުމުގެ ސަބަބުން އެތައް ބަޔަކަށް އެކަމުގެ އުނދަގޫތަކާ ކުރިމަތިވޭ. ދެން އެފަދަ ފަރާތްތަކާ މެދު ފިޔަވަޅެއް ނޭޅެނީ އެކަމާ ބެހޭ ގަވައިދެއް ނެތުމުން،" އޭނާ ވިދާޅުވި އެވެ.
ނާފިޒު ވިދާޅުވީ ޓެކްސީކުރުމާ ބެހޭ ގަވައިދެއް އެކުލަވާލުމަށް ފަހު ބަންޑާރަ ނައިބުގެ ލަފާ ހޯދަން ފޮނުވާފައިވާތާ މަހެއްހާ ދުވަސްވެއްޖެ ކަމަށެވެ. އަދި އެ ގަވައިދު ގެޒެޓްކުރުމާއެކު ގަވައިދާ ހިލާފުވާ ޓެކްސީތަކާ މެދު ފިޔަވަޅު އަޅަން ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަލަށް ހެދި ގަވައިދުގެ ދަށުން މަދުވެގެން ވަކި އަދަދެއްގެ ޓެކްސީ ކޮންމެ ދުވަހަކު ހިދުމަތަށް ނުކުންނަން ޖެހޭނެ. އަދި އެއިން ކޮންމެ ޓެކްސީއެއް ވެސް މަދުވެގެން ވަކި ވަގުތެއް ވަންދެން ހިދުމަތްދޭން ޖެހޭނެ. އަދި އެކަން އެނގޭނެ ލޮގް ފޮތެއް ވެސް އޮންނަން ޖެހޭ،" ނާފިޒު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޓެކްސީތަކާ ބެހޭ ގަވައިދަށް އަމަލުކުރަން ފެށުމާ އެކު މިހާރު ދިމާވެފައިވާ މައްސަލައަށް ވަރަށް ބޮޑު ހައްލެއް އަންނާނެ ކަމަށް އުއްމީދުކުރާ ކަމަށެވެ.
މާލޭގައި މިހާރު ވިއްސާރަ ދުވަހެއްގައި ޓެކްސީއެއް ހޯދުމަކީ ވަރަށް ދަތިކަމެކެވެ. އަދި ގިނަ ފަހަރަށް ޓެކްސީ ސެންޓަރަކަށް ގުޅައިގެން ވެސް ކާރެއް ނުލިބިގެން ވަރަށް ގިނަ ބަޔަކު ޝަކުވާކުރެ އެވެ.