07 Nov 2010, 06:19
އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމަށް މައްޗަންގޮޅީ ބޯގަންވިލާ އިބްރާހީމް އިސްމާޢީލް (އިބްރާ) މިއަދު ހެނދުނު ޢައްޔަން ކުރައްވައިފި އެވެ. އިބްރާހީމް އިސްމާޢީލް، އެމަގާމަށް ޢައްޔަން ކުރައްވައި، އެކަމުގެ ފަތްކޮޅު ދެއްވުން އޮތީ، މީގެ ކުޑައިރުކޮޅެއް ކުރިން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް އެކި ދާއިރާތަކުގައި އިބްރާހީމް އިސްމާޢީލް ކޮށްދެއްވާފައިވާ ޚިދްމަތްތައް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންނަށް ލުއިދެއްވުމަށް ބޭނުންވާ ސަރުކާރުގެ ގަވާއިދުތައް ބައްލަވައި، ރައްޔިތުންނަށް އެ ގަވާއިދުތައް ފަސޭހައިން ލިބޭނެގޮތް ހަމަޖައްސަވައިދެއްވުމަށް އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓް ކަމުގެ މަގާމުގައި ހުންނަވައިގެން މަސައްކަތް ކޮށްދެއްވުމަށް އިބްރާހީމް އިސްމާޢީލްގެ އަރިހުން ރައީސް އެދިވަޑައިގެންނެވިއެވެ.