10 Jul 2013, 14:19
ކުރިއަށް އޮތް ސާފް ޗެމްޕިއަންޝިޕަށް ތައްޔާރު ވުމުގެ ގޮތުން ގައުމީ ފުޓްބޯޅަ ޓީމާއި، ރާއްޖޭގެ ކްލަބްތަކަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމަކާއެކު ފުޓްބޯޅަ މެޗެއް ކުޅެން ހަމަ ޖެހިފައިވާ ކަމަށް އެފްއޭއެމްއިން ބުނެފި އެވެ.
ސާފް ޗެމްޕިއަންޝިޕަށް، ގައުމީ ޓީމުގެ ތައްޔާރީތަކާ ބޭހޭ ގޮތުން، އެފްއޭއެމްގައި މިއަދު ވާހަކަ ދައްކަމުން، ގައުމީޓީމުގެ ކޯޗް އިސްތާން އުރުބާނީ ބުނީ، ގައުމީ ޓީމްގެ ފަރިތަކުރުންތައް ރަސްމީކޮށް ފަށާނީ، އަންނަ މަހުގެ 10ގައި ކަމަށާއި އަދި ބިދޭސީ ކުޅުންތެރިންނާ އެކު މެޗެއް ކުޅުމުގެ އިތުރުން ތައިލެންޑުގައި ރަހްމަތްތެރި ކަމުގެ މެޗުތަކެއް ކުޅުމަށްވެސް ހަމަޖެހިފައިވާ ކަމަށް އޭނާ ބުންޏެވެ.
"އަޅުގަނޑުމެން ރާވާފައި މިވަނީ، އެފްއޭ ކަޕްގެ ކުއާޓާ ފައިނަލް މެޗުތައް ނިންމާލުމަށް ފަހު އަންނަ މަހު 10 ގައި ރަސްމީކޮށް ތަމްރީނުތައް ފަށަން. އެކަމަކު އޭގެ ކުރިންވެސް ކުޅުންތެރިން ލިބޭ ވަރަކުން ތަމްރީނުތައް ކުރިއަށް ގެންދާނަން. ހުރިހާ ކުޅުންތެރިން ހިމަނައިގެން ޕްރެކްޓިސްއެއް ބޭއްވުމަށްފަހު ލީގަށް ކުޅޭ ބިދޭސީ ކުޅުންތެރިންގެ ޓީމެއް ނަގައިގެން ގައުމީ ޓީމާއެކު މެޗެއް ކުޅެން. އެ މެޗަކީ ގައުމީޓީމަށް ވަރުގަދަ މެޗެއް ކުޅެލުމުގެ ފުރުސަތު ލިބުމުގެ އިތުރުން ސަޕޯޓަރުންނަށްވެސް ރަނގަޅު މެޗެއް ބަލައިލުމަށް ލިބޭ ރަނުގެ ފުރުސަތެއް،" އުރުބާނީ ބުންޏެވެ. "އެ މެޗަށްފަހު ދެން ރާވާފައި އޮތީ، ބޭރު ގައުމެއްގައި ޓްރެއިނިން ކޭމްޕް ޖެހުމަށް. އަދި ބައިނަލްއަގްވާމީ ރަހްމަތްތެރި ކަމުގެ ތިން މެޗު ކުޅުމަށްފަހު އެނބުރި މާލެ އައިސް، ނޭޕާލަށް ފުރާނީ"
އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނެޝަނަލް ޓީމްސް އަލީ ސުޒޭން ވިދާޅުވީ ސާފް ޗެމްޕިއަންޝިޕަށް ތައްޔާރުވުމުގެ ގޮތުން ގައުމީ ޓީމު ކުޅޭ ފުރަތަމަ މެޗު އަންނަ މަހުގެ 15 ވަނަ ދުވަހު ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ކުޅުމަށްފަހު 16 ވަނަ ދުވަހު ތައިލޭންޑަށް ފުރާނެ ކަމަށެވެ.
"ކޯޗުގެ ރިކުއެސްޓް ކޮށްފައި އޮތް ގޮތަށް އެފްއޭއެމްއިން މިވަނީ އެ މެޗުތައް ހޯދައި ދިނުމަށް އެއްބަސް ވެފައި. ބޭރު ކުޅުންތެރިންނާ ދެކޮޅަށް ކުޅޭ މެޗު މިއޮތީ 15 ވަނަ ދުވަހު. އެހެންވީމާ 15 ވަނަ ދުވަހު އެ މެޗު ކުޅެފައި 16 ވަނަ ދުވަހު ފުރައިގެން ދާގޮތަށް. ދެން ތައިލެންޑުގައި މި ބަލަނީ ހަމަ ރަނގަޅު ތިން މެޗު ކުޅެވޭތޯ. އިރާދަ ކުރެއްވިއްޔާ ތައިލެންޑުގެ ނެޝަނަލް ޓީމް މިތަނުން އެއް މެޗަކަށް ހަމަޖެހިއްޖިއްޔާ ރަނގަޅު ތިން މެޗު ތައިލެންޑުގައި ހަމަޖެހޭނެ،" ސުޒޭން ވިދާޅުވި އެވެ.
ސުޒޭން ވިދާޅުވީ ތައިލެންޑުގައި ކުރިއަށްގެންދާ ތަމްރީނުތައް، ކޯޗު ރާވާފައި އޮތީ، ސާފް ޗެމްޕިއަންޝިޕްގެ މެޗުތައް ކުޅޭގޮތަށް ކައިރި ކައިރީގައި ތިން މެޗު ކުޅުން ކަމަށާއި އަދި އެނބުރި މާލެ އައިސް ނޭޕާލަށް ފުރާނީ، އޯގަސްޓް މަހުގެ 28 ގައި ކަމަށެވެ.
އޭނާ ވިދާޅުވީ ބިދޭސީ ކުޅުންތެރިންނާ ދެކޮޅަށް ގައުމީ ޓީމު ކުޅުމަށް ހަމަޖެހިފައިވާ މެޗަކީ ދިވެހި ކުޅުންތެރިންނަށް ވަރަށް މުހިއްމު މެޗަކަށް ވެގެންދާނޭ ކަމަށާއި އެމެޗު ބައްލަވައި ލެއްވުމަށް ވީހާވެސް ސަޕޯޓަރުން ދަނޑަށް ވަޑައިގަތުން އެދޭ ކަމަށެވެ.
"ބޭރު ކުޅުންތެރިންނާއި ގައުމީ ޓީމު ކުޅޭ މެޗަކީ ވަރަށް މުހިއްމު މެޗަކަށް ވާނެ. މި މެޗުގެ ސަބަބުން ދިވެހި ކުޅުންތެރިންގެ މޯޓިވޭޝަން ވަރަށް ބޮޑުތަން ރަނގަޅުވެގެން ދާނެ. އަނެއްކާ އެފްއޭއެމްއަށާއި ފުޓްބޯޅައަށް ވަރަށް ބޮޑު ސަޕޯޓަކަށްވާނެ، ވީހާވެސް ގިނަ ބެލުންތެރިން ވަޑައިގެން އަޅުގަނޑުމެންނަށް އޭގަ ކޮންމެ ބެލުންތެރިޔަކުވެސް ޓިކެޓެއް ބައްލަވައިގެން ކޮންޓްރިއުޝަންއެއް ދެއްވިއްޔާ،" ސުޒޭން ވިދާޅުވި އެވެ.
ގައުމީ ޓީމާ ދެކޮޅަށް ކުޅޭ ބިދޭސީ ޓީމުގެ ކޯޗަކަށް ހަމަޖައްސާފައިވަނީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗް، ވެލިޒާ ޕޮޕޯފް އެވެ.