ޅ. ހިންނަވަރުގައި ހިންގި ކޯހެއްގެ ބައިވެރިންގެ އަތުން މަކަރާއި ހީލަތުން އޮޅުވާލައިގެން ގިނަ އަދަދެއްގެ ފައިސާ ހޯދި ދެ މީހެއްގެ މައްސަލަ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

މި މައްސަލާގައި ދައުވާކުރުމަށް ފުލުހުން ފޮނުވާފައިވާ ދެ މީހުންނަކީ ތ. ކަނޑޫދޫ ރާސްޕަރީގެ، އިބްރާހީމް ރިޔާޒު އަދި ކެންޔާގެ ރައްޔިތެއް ކަމަށްވާ ޖަސިންތާ ސޮޔޮކްވާ ވަންބުއާ 35 އަހަރުގެ މައްޗަށެވެ.

ފުލުހުން ބުނީ އެ ދެ މީހުންގެ މައްޗަށް ދައުވާކުރަން ޕީޖީ އަށް ފޮނުވާފައި ވަނީ 2010 ވަނަ އަހަރުގެ ޖޫން މަހުގެ ތެރޭގައި ކުރީގެ މޯލްޑިވްސް އެކްރެޑިޓޭޝަން ބޯޑް (އެމްއޭބީ) ގަބޫލުކުރާ ސެޓްފިކެޓެއް ކަމަށް ބުނެ ހިންނަވަރުގައި ހިންގި އޮފީސް އެންޑް އެޑްމިނިސްޓްރޭޝަން ސްކިލްސް ކޯހުގެ ފީގެ ގޮތުގައި ކޮންމެ ބައިވެރިއެއްގެ އަތުން 3500 ރުފިޔާ މަކަރާހީލަތުން އަތުލާފައިވާ މައްސަލައަކާ ގުޅިގެން ކަމަށެވެ.

ފުލުހުން ބުނީ އެ ކޯހުގައި ޖުމްލަަ 28 މީހުން ބައިވެރިވި ކަމަށެވެ. އެހެންކަމުގައިވާ އިރު އެ ކޯހުގެ ބައިވެރިންގެ އަތުން އެމީހުން ވަނީ ޖުމްލަ 98،000 ރުފިޔާ ނަގައިފައި ކަމަށެވެ.

އެ މައްސަލައިގެ ތަޙުގީގު ނިންމައި ދައުވާކުރުމަށް ޕީޖީ އޮފީހަށް ފުލުހުން ފޮނުވާފައި ވަނީ މިދިޔަ ޖޫން މަހުގެ 30 ވަނަ ދުވަހު ކަމަށް ފުލުހުން ބުންޏެވެ.