ގެސްޓް ހައުސްއަކަށް ގެންގޮސްގެން ގަދަކަމުން ކުޑަ އަންހެން ކުއްޖަކާ ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދެ މީހެއްގެ މައްސަލަ ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން މިއަދު ބުނީ އެ މައްސަލާގައި ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ ކ. މާލެ މ. ލުނބޯމާގެ، މުހައްމަދު ހަސަން، 20، އަދި ކ. ތުލުސްދޫ ވެސްޓްވިލާ، އިސްމާއީލް އަހުސަން، 21،ގެ މައްޗަށް ކަމަށެވެ.

އެ ދެ މީހުންގެ މައްޗަށް ދައުވާކުރުމަށް ޕީޖީ އަށް ފޮނުވާފައި ވަނީ 2011 ވަނަ އަހަރުގެ ޖުލައި 28 ވަނަ ދުވަހުގެ ވަގުތެއްގައި އުމުރުން 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖެއް ގެސްޓް ހައުސް އަކަށް ގެންގޮސް އޭނާ އާ މެދު ގަދަކަމުން ބަދުއަހުލާގީ އަމަލު ހިންގާފައިވާ މައްސަލައާ ގުޅިގެން ކަމަށް ފުލުހުން ބުންޏެވެ.

އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށް ޕްރޮސެކިޔުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ އެއްވަނަ ދުވަހު ކަމަށް ވެސް ފުލުހުން ބުންޏެވެ.