10 Jul 2013, 13:50
މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި ކަމަށް ތުހުމަތު ކުރެވޭ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ ޝަރީއަތް މާދަމާ އަށް ފަސްކޮށްފި އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު 11:00 އަށް ބާއްވަން ޝެޑިއުލް ކުރި ޝަރީއަތުގެ މަޖިލީސް މާދަމާ އަށް ފަސްކޮށްފައި ވަނީ ފޮރެންސިކް ރިޕޯޓު ދިފާއީ ވަކީލަށް ދޫނުކުރެވޭތީ އެވެ.
މިއަދު ބާއްވަން އޮތް ޝަރީއަތުގެ މަޖިލީސް ފެށުމާއެކު ހުމާމްގެ ދިފާއީ ވަކީލު އަބްދުﷲ ހަސީން ވިދާޅުވީ ފޮރެންސިކް ރިޕޯޓާ ގުޅޭގޮތުން އެކްސްޕާޓެއްގެ ހެކިބަސް މިއަދު ނަގަން ހަމަޖެހިފައިވާއިރު އެ ރިޕޯޓު އޭނާ އަށް ލިބިފައި ނުވާކަމަށެވެ.
ގާޒީ ވިދާޅުވީ ފޮރެންސިކް ރިޕޯޓު ދޫކޮށްފައި ނުވަނީ އެ ރިޕޯޓު ހޯދުމަށް ވަކީލު އެދިފައި ނުވާތީ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ގާޒީ ވަނީ ފޮރެންސިކް ރިޕޯޓު ވަކީލަށް ދޫކުރުމަށް ފަހު އެ ރިޕޯޓާ ބެހޭގޮތުން ހެކިބަސްދޭ މީހާއާ ކުރަންޖެހޭ ސުވާލުތަކަށް ތައްޔާރުވުމަށް 10 މިނެޓްގެ ވަގުތުކޮޅެއް ދިނުމަށްޓަކައި ޝަރީއަތް މެދުކަނޑާލާފަ އެވެ. އޭގެފަހުން ޝަރީއަތް ފެށުމަށް ފަހު ގާޒީ ވިދާޅުވީ ދައުލަތުން ހުށަހަޅާފައިވާ ސިއްރު ހެކީގެ މައުލޫމާތު އެ ރިޕޯޓުގައި އެބަހުރި ކަމަށާއި އެހެންކަމުން ރިޕޯޓު ދޫކުރެވޭނީ އެ ނަންނަތައް އުނިކުރުމަށް ފަހު ކަމަށެވެ.
ގާޒީ ވިދާޅުވީ ފޮރެންސިކް ރިޕޯޓުގައި ހުރި ސިއްރު ހެކީންގެ ނަންތައް އުނިކުރުމަށް ފަހު ވަކީލަށް ދޫކުރުމަށް ވަގުތު ބޭނުންވާތީ މާދަމާ 11:00 އަށް ޝަރީއަތް ފަސްކުރީ ކަމަށެވެ.
ޑރ. އަފްރާޝީމް އަވަހާރަކޮށްލި ކަމަށް ޝަރީއަތުގައި އިއުތިރާފުވުމަށް ފަހު އޭގެފަހުން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ހުމާމް ވަނީ އެކަމަށް އިންކާރުކޮށްފަ އެވެ. އޭގެ ފަހުން ވަނީ ދައުލަތުން ހުށަހެޅި ހެކީންގެ ތެރެއިން މީހެއްގެ ހެކިބަސް ނަގާފައެވެ.
މީގެކުރިން ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އަފްރާޝީމް އަވަހާރަކޮށްލި އިރު އެތަނުގައި ހުރި މީހަކު ވަނީ ހެކިބަސް ދީފަ އެވެ. ހެކިބަސްދެމުން އޭނާ ބުނެފައި ވަނީ އަފްރާޝީމަށް ހަމަލާދިން މަންޒަރު އޭނާ އަށް ނުފެންނަ ކަމަށާއި ނަމަވެސް ހަމަލާދިނުމުން ހ. ފުންވިލުގޭ ސިޑިކައިރިއަށް އަފްރާޝީމް ވެއްޓިފައި އޮއްވާ އޭނާ އަށް ފެނުނު ކަމަށް އޭނާ ވަނީ ބުނެފަ އެވެ.
އަފްރާޝީމް ސިޑިކައިރިއަށް ވެއްޓިފައި އޮތްއިރު ހުމާމްގެ އަތުގައި ލޭހޭކިފައި ހުރި ކަމަށާއި އަދި އެވަގުތު ކަތިވަޅިއެއް ވެސް އޭނާގެ އަތުގައި އޮތްކަމަށާއި އޭގައި ވެސް ލޭހޭކިފައި ހުރިމަށް ހެކިބަސް ދެމުން އޭނާ ވަނީ ބުނެފަ އެވެ.
އެ މީހާގެ ހެކިސް ނާގާފައި ވަނީ ކާކުކަން ނޭނގޭގޮތަށް އަޑުބަދަލުކޮށްގެނެވެ.