ކ. ކުޑަވިލިނގިލި ތަރައްގީ ކުރަން ސަރުކާރާއި ޔޮޓް ޓުއާސް މޯލްޑިވްސް ގުޅިގެން އުފައްދާފައިވާ ޖޮއިންޓްވެންޗާ ކުންފުނީގައި އޮތް ޔޮޓް ޓުއާސްގެ ހިއްސާ އިންޑިއާގެ ވިޔަފާރިވެރިއަކު ހިއްސާވާ ކުންފުންޏަކަށް ވިއްކާލައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަވިލިނގިލި އިންވެސްޓްމަންޓްގައި އޮތް ޔޮޓް ޓުއާސް ވިއްކާލުމަށް ހުށަހެޅުމާ ގުޅިގެން އެ ކުންފުނީގެ ހިއްސާ ބަދަލުކުރުމުގެ ކަންތައްތައް މިއަދު ނިންމާލާފައިވާ ކަމަށެވެ. އަދި އެ ހިއްސާ ބަދަލުކުރީ ފިނޭންސް މިނިސްޓްރީ އާއި މީރާގެ އިއުތިރާޒެއް ނެތް ކަމަށް އެންގުމާ ގުޅިގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ހުރިހާ ލިޔެކިއުމެއް ފުރިހަމަކޮށް ހުށަހެޅުމާ ގުޅިގެން މިއަދު ވަނީ ހިއްސާ ބަދަލުކުރި ކަމުގެ ލިޔުން ދޫކޮށްފައި،" އެ އޮފިޝަލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ޔޮޓް ޓުއާސްގެ 95 ޕަސެންޓް ހިއްސާ އޮތް ކުޑަވިލިނގިލީގެ ހިއްސާ ވިއްކާލާފައި ވަނީ އިންޑިއާގެ ވިޔަފާރިވެރިއެއް ކަމަށްވާ ޑރ. ޕީ މުހައްމަދު އަލީ އުފައްދާފައިވާ އެމްފާ ހޮޓެލްސް އެންޑް ރިސޯޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށެވެ. އެ ކުންފުންޏަށް ޔޮޓް ޓުއާސްގެ ހިއްސާ ވިއްކާލާފައި ވަނީ 18 މިލިއަން ޑޮލަރަށް ކަމަށް ސަން އަށް އެނގިފައިވެ އެވެ.

ސަރުކާރުގެ ފަސް ޕަސެންޓް ހިއްސާ އޮންނަ ގޮތަށް ކުޑަވިލިނގިލި އިންވެސްޓްމަންޓް އުފެއްދީ 2010 ވަނަ އަހަރުގެ ފަހުކޮޅު އެވެ. އެ ކުންފުނި އުފެއްދީ ކ. ބިޔާދު އަށް ބިޑްކުރުމުގެ ޔޮޓް ޓުއާސް އަށް ގެއްލިފައި ވާތީ އެކަމުގެ ބަދަލު ދައުލަތުން ދިނުމަށް ސުޕްރީމް ކޯޓުން ފެބްރުއަރީ 25 ،2010ގައި ކުރި ހުކުމަކާ ގުޅިގެންނެވެ.

ޓޫރިޒަމް މިނިސްޓްރީގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވީ ކުޑަވިލިނގިލި އިންވެސްޓްމަންޓްގައި އޮންނަ ޔޮޓް ޓުއާސްގެ 95 ޕަސެންޓް ހިއްސާ ވިއްކާލަން ހުއްދަ ދިން ނަމަވެސް، ކުންފުނީގެ ހިއްސާ ބަދަލުކުރިކަން އަދި އަންގާފައިނުވާ ކަމަށެވެ. އަދި ހިއްސާ ބަދަލުކޮށްފި ނަމަ ހަތް ދުވަހުގެ ތެރޭގައި އަންގަން ޖެހޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އޮފިޝަލް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްުދުﷲ ޖާބިރުގެ ހިއްސާ އޮންނަ ކުންފުންޏަށް 36 މަސް ދުވަހުގެ ތެރޭގައި ކުޑަވިލިނގިލި ތަރައްގީކުރަން ހުއްދަ ދިނުމުން އެ ރަށުގެ އެންވަރަންމަންޓް އިމްޕެކްޓް އެސެސްމަންޓް )އީއައިއޭ( ހަދައި ހުށަހެޅުމުން 2010 ވަނަ އަހަރު ހުއްދަ ދީފައިވާ ކަމަށެވެ. ނަމަވެސް އެ ރަށުގެ ޑީޓެއިލް ޑްރޯވިން ހުށަހަޅާފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ޖާބިރުގެ ހިއްސާ އޮންނަ ޔޮޓް ޓުއާސް މޯލްޑިވްސް އިން ހިންގާ އދ. ކުޑަރަށް ރިސޯޓާއި ހއ. އަލިދޫ ރިސޯޓުން ދައުލަތަށް ދައްކަން ޖެހޭ ހަތް މިލިއަނަށް ވުރެ ގިނަ ޑޮލަރު ނުދައްކައިގެން އެ ދެ ރިސޯޓް ސަރުކާރަށް ނެގުމަށް ސަރުކާރުން ކުރި މަސައްކަތް ސިވިލް ކޯޓުގެ ވަގުތީ އަމުރަކުން ވަނީ ހުއްޓުވައިފަ އެވެ.