10 Jul 2013, 12:35
ސެން ފުރެންސިސްކޯގެ ވައިގެ ބަނދަރަށް ޖައްސަން އުޅުމުގެ ތެރޭގައި ވެއްޓުނު އޭޝިއާނާގެ ބޮއިންގް 777 މަރުކާގެ މަތިންދާބޯޓު އުދުހެމުން ދިޔައީ މާ ތިރިން ކަން ދުއްވަން އިން ސީނިއާ ޕައިލެޓަށް އެނގުނު ކަމަށް އޭޝިއާނާގެ އޮފިޝަލުން ބުނެފި އެވެ.
މިދިޔަ ހޮނިހިރު ދުވަހު ސެން ފުރެންސިސްކޯ އިންޓަނޭޝަނަލްއަށް ޖައްސަން އުޅުމުގެ ތެރޭގައި ކައްސާލައިގެން ވެއްޓުނު އޭޝިއާނާގެ މަތިންދާބޯޓަކީ ދެކުނު ކޮރެއާގެ ވެރިރަށް ސޯލްއިން ސެން ފުރެންސިސްކޯއަށް ދަތުރު ކުރި ބޯޓެކެވެ. މިހާދިސާގައި ދެ މީހަކު މަރުވެ، 180 މީހަކަށް އަނިޔާވެފައިވާ ކަމަށް އެމެރިކާގެ އޮފިޝަލުން ބުނެ އެވެ.
އޭޝިއާނާ އެއާލައިންގެ އޮފިޝަލަކު ބުނީ ބޮއިންގް 777 ދުއްވަން އިން ޕައިލެޓަކީ ޓްރެއިނީއެއްގެ ގޮތުގައި މަތިންދާބޯޓު ދުއްވަމުންދިޔަ ޕައިލެޓެއް ކަމަށެވެ.
އެމެރިކާގެ ނެޝަނަލް ޓްރާންސްޕޮޓޭޝަން ސޭފްޓީ ބޯޑު (އެންޓީއެސްބީ) އިން ބުނީ ބޯޓު ވެއްޓިފައި ވަނީ ސެން ފުރެންސިސްކޯއަށް ޖައްސަން އުޅުމުގެ ތެރޭގައި އެއެއާޕޯޓުގެ "ސީވޯލް"ގައި ޖެހި ބޯޓު ކައްސާލުމުގެ ސަބަބުން ކަމަށާއި ބޯޓު ސީވޯލްގައި ޖެހުނު އިރު ބޯޓު ދުއްވަމުން ދިޔަ ސްޕީޑް ވަރަށް ދަށް ކަމަށެވެ.
އޭޝިއާނާގެ ފުލައިޓް 214 ވެއްޓުމުގެ ކުރިން ކަންތައް ހިނގާދިޔަ ގޮތް އެންޓީއެސްބީއިން ވަނީ ހާމަކޮށްފަ އެވެ. އެބޯޑުން ބުނީ ދެކުނު ކޮރެއާ އިން ފުރައިގެން 11 ގަޑިއިރުގެ ދަތުރު ނިންމާލާފައި ސެން ފުރެންސިސްކޯއަށް ބޯޓު ޖައްސަން މަސައްކަތް ކުރި އިރު، ބޯޓުގައި ތިބި ހަތަރު ޕައިލެޓުންގެ ތެރެއިން ތިން ޕައިލެޓުން ކޮކްޕިޓްގެ ތެރޭގައި ތިބި ކަމަށެވެ.
ބޯޓު ޖައްސަން ތިރިކުރި އިރު ކޮންޓްރޯލްގައި ހުރީ ޓުރެއިނީއެއްގެ ގޮތުގައި ތަމްރީންވަމުން އައި ޕައިލެޓް ލީ ކަންގު ކުކް އެވެ. އެއީ ސެން ފުރެންސިސްކޯ އިންޓަނޭޝަނަލަށް ކުކް ބޯޓެއް ތިރިކުރާ ފުރަތަމަ ފަހަރެވެ.
އެންޓީއެސްބީ އިން ބުނީ ކުކްގެ ކޯ-ޕައިލެޓް އަދި ބޯޓުގެ ކޮމާންޑަރަކަށް ހުރީ ފުރަތަމަ ފަހަރަށް އިންސްޓްރަކްޓާ ޕައިލެޓެއްގެ ގޮތުގައި ބޯޓެއް ކޮމާންޑުކުރި ޕައިލެޓެއް ކަމަށެވެ.
މި ދެ ޕައިލެޓުންގެ އިތުރުން ކޮކްޕިޓްގައި އެވަގުތު ހުރީ މޮނިޓަރިންގް ޕައިލެޓެއްގެ ގޮތުގައި ސެން ފުރެންސިސްކޯއަށް ތިރިކުރި ފަސް ބޯޓެއްގައި މަސައްކަތް ކުރި ރިލީފް ޕައިލެޓެ ކެވެ. އެވަގުތު ހަތަރުވަނަ ޕައިލެޓް އިނީ ކެބިންގައި ކަމަށް ވެ އެވެ.
ބޯޓު ޖައްސަން އައި ވަގުތު ޖެއްސުމަށް އޭޓީސީއިން ހުއްދަ ދިނުމުން ޖެއްސުމުގެ މަސައްކަތް ކުރީ ޓުރެއިނީ ޕައިލެޓް އެވެ. އެންޓީއެސްބީއިން ބުނީ ބޯޓު ސީވޯލްގައި ޖެހުމުގެ 34 ސިކުންތު ކުރިން ބޯޓު ދަތުރުކުރަމުންދިޔައީ 500 ފޫޓު މަތީގައި ގަޑިއަކު 154 މޭލުގެ ބާރު މިނެއްގައި ކަމަށާއި، މިވަގުތު އިންސްޓްރަކްޓާ ޕައިލެޓަށް ބޯޓު އުދުހެމުން ދިޔައީ މާތިރީގައި ކަން އެނގުނު ކަމަށެވެ.
އިންސްޓްރަކްޓާ ޕައިލެޓަށް މިކަން އެނގުމުން ބޯޓުގެ އޮލްޓިޓިއުޑް މަތިކުރަން ޕައިލެޓަށް އެންގި ކަމަށާއި ނަމަވެސް އެވަގުތު ބޯޓުގެ އޮޓޯ ތުރޮޓްލްގައި މައްސަލައެއް ޖެހުމުގެ ސަބަބުން ސްޕީޑް ނުހިފެހެއްޓޭ ކަން އެނގިގެންދިިޔަ ކަމަށް އެންޓީއެސްބީއިން ބުނެ އެވެ.
ބޯޓު ސީވޯލްގައި ޖެހުމުގެ ދެ ސިކުންތު ކުރިން ލޭންޑިންގް އެބޯޓް [ޖައްސަން ކުރި މަސައްކަތް ހުއްޓާލުން] ކުރުމަށް ޕައިލެޓް މަސައްކަތްކުރި ކަމަށާއި ނަމަވެސް އޭރު މާލަސްވެފައިވާ ކަމަށް އެންޓީއެސްބީއިން ބުނެ އެވެ.