07 Nov 2010, 05:48
މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަން ކަމަށް ހެންވޭރު މާދިލް މުޙަންމަދު ޢާދިލް ސަލީމް އަދި މިނިސްޓަރު އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗާ ކަމަށް މާފަންނު ވައިނުޖެހޭގޭ ޑރ. މަރިޔަމް ޒުލްފާ ރައީސުލްޖުމްހޫރިއްޔާ ޢައްޔަން ކުރައްވައި އެ ދެ ބޭފުޅުންނަށް މަގާމުގެ ފަތްކޮޅު މިއަދު ދެއްވައިފި އެވެ.
މި ދެބޭފުޅުންނަށް މަގާމުގެ ފަތްކޮޅު ދެއްވުމުގެ ރަސްމިއްޔާތު އޮތީ، މިއަދު ހެނދުނު 10.30 ގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.
މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ދެއްކެވި ވާހަކަފުޅުގައި މި ދެބޭފުޅުން މި ޢައްޔަންކުރެއްވީ އެ ދެ ބޭފުޅުންނަކީ ރާއްޖޭގެ ތަރައްޤީ އަށް މަސައްކަތް ކުރައްވާ ޤާބިލު އަދި ކަމަށް އެކަށީގެންވާ އަދި ރައްޔިތުންނަށް ޚިދްމަތް ކޮށްދެއްވޭނެ ދެ ބޭފުޅުން ކަމަށް ފެނިވަޑައިގަންނަވާތީ ކަމުގައި ވިދާޅުވި އެވެ.
މަގާމުގެ ފަތްކޮޅު ދެއްވުމުގެ ކުރިން، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރު ކަމުގެ ހުވައި، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަލްއުސްތާޛު އާދަމް މުޙަންމަދު ޢަބްދުﷲގެ ކުރިފުޅުމަތީގައި ކުރެއްވި އެވެ. އަދި ހުވާކުރެއްވުމަށް ފަހު، އެ ދެބޭފުޅުން، ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ހުވާގެ އިޤްރާރުގައި ސޮއިކުރެއްވި އެވެ.
ޓްރާންސްޕޯޓް މިނިސްޓަރަކަށް މިއަދު ހަމަޖެއްސެވި އާދިލް ސަލީމް މިހާތަނަށް ހުންނެވީ އެކޮނަމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރެއްގެ މަގާމުގަ އެވެ. އަދި މަޓީގެ ސެކްރެޓްރީ ޖެނެރަލް ސިމް އިބްރާހިމް މުހަންމަދުގެ އަނބިކަނބަލުން އަދި ޕްރެސް ސެކްރެޓަރީގެ މުހަންމަދު ޒުހައިރުގެ ކޮއްކޮ ޒުލްފާ އެންމެ ފަހުން ސަރުކާރުގައި އަދާކުރެރެއްވީ ނުރަސްމީ ތައުލީމުދޭ މަރުކަޒުގެ ޑިރެކްޓަރެރެއްގެ ވަޒީފާ އެވެ. އޭގެ ކުރިން ހުންނެވީ ސިލެކްޓެޑް އައިލެންޑް ޔުނިޓްގެ ޑިރެކްޓަރަކަށެވެ.
ކުރިން ހަތަރު ބައެއްގެ މައްޗަށް އޮތް ޓްރާންސްޕޯޓް މިނިސްޓްރީ ވަނީ މީގެ ދެތިން މަސް ކުރިން ދެ ބަޔަކަށް ބަހާލައި ދެ މިނިސްޓްރީ އަކަށް ހަދައިފަ އެވެ. އޭރު ހައުސިން އެންޑް އެންވަޔަރަމަންޓް މިނިސްޓަރަކަށް ހަމަޖެއްސެވީ މުހައްމަދު އަސްލަމެވެ. މިއަދު އާދިލަށް ދެއްވީ ޓްރާންސްޕޯޓް އެންޑް ކޮމިއުނިކޭޝަންގެ މަގާމެވެ.