10 Jul 2013, 11:57
މި އަހަރުގެ ރޯދަ މަހުގެ ފިތުރު ޒަކާތް ބަލައި ގަތުމާއި ފަގީރުންގެ ނަން ނޯޓް ކުރަން މިއަދު ފައްޓައިފި އެވެ.
ސަން އޮންލައިނަށް މިއަދު ދެއްވި އިންޓަވިއުއެއްގައި އިސްލާމިކް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ މުހައްމަދު
ދީދީ( ޑީޑީ) ވިދާޅުވީ މިއަދުން ފެށިގެން ރޯދަ މަހުގެ 26 ވަނަ ދުވަހާ ހަމައަށް ފިތުރު ޒަކާތް ބަލައިގަންނާނެ ކަމަށެވެ.
ރޯދަ މަހުގެ 26 ވަނަ ދުވަހަކީ އަންނަ އޮގަސްޓް މަހުގެ ތިން ވަނަ ދުވަހެވެ.
"އަޅުގަނޑުމެން މިއަދުން ފެށިގެން ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ރަސްމީ ގަޑީގައި ރަމަޟާން މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް ފިތުރު ޒަކާތް ބަލައި ގަންނަމުންދާނަން." ޑީޑީ ވިދާޅުވި އެވެ.
ޑީޑީ ވިދާޅުވީ މި އަހަރުގެ ފިތުރު ޒަކާތުގެ ގޮތުގައި ދައްކަން ޖެހޭނީ މީހަކަށް 2.4 ކިލޯ ހަނޑުލަށްވާ ފައިސާ ކަމަށެވެ. އެގޮތުން އާދައިގެ ހަނޑުލުން ނަމަ ބޮލަކަށް 10ރ. އެވެ. ހުދު ހަނޑޫ ނުވަތަ ތައި ހަނޑުލުން ނަމަ ބޮލަކަށް 40ރ. އެވެ. އަދި މީގެ އިތުރުން ބާސްމަތީ މޮޅު ހަނޑުލުން ނަމަ ބޮލަކަށް 60ރ. ކަމަށް ޑީޑީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ މާލެ ހިމެނޭ ސަރަހައްދުން ފިތުރު ޒަކާތް ބަލައިގަންނާނީ ތިން ތަނަކުން ކަމަށެވެ. އެއީ މާލޭގައި ނަމަ އިސްލާމީ މަރުކަޒުންނެވެ. ވިލި މާލޭގައި ނަމަ އެތަނުގެ ސިޓީ ކައުންސިލްގެ އޮފީހުންނެވެ. އަދި ހުޅުމާލޭގައި ނަމަ އެތަނުގައި ހުންނަ އެޗްޑީސީގެ އޮފީހުންނެވެ.
ޑީޑީ އިތުރަށް ވިދާޅުވީ މި އަހަރު ފަގީރުން ނަން ނޯޓް ކުރުން ވެސް މިއަދުން ފެށިގެން ރޯދަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ދާނެ ކަމަށެވެ. އެގޮތުން އެކަމަށް ޓަކައި ފޯމެއް ހުށަހަޅަން ޖެހޭނެ ކަމަށާއި ފޯމް ހުށަހެޅުމުގެ އެންމެ ފަހުގެ ތާރީހަކީ ރޯދަ މަހުގެ 17 ވަނަ ދުވަސް ކަމަށް ޑީޑީ ވިދާޅުވި އެވެ. އަދި އޭގެ ފަހުން ފޯމް ބަލައިނުގަންނާނެ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ. ރޯދަ މަހުގެ 17 ވަނަ ދުވަހަކީ މި މަހުގެ 25 ވަނަ ދުވަހެވެ. ފަގީރުންގެ ގޮތުގައި ނަންނޯޓް ކުރުމަށް އެދޭ ފޯމް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުންނާއި އެ އޮފީހުގެ ކައުންޓަރުން ލިބެންހުންނާނެ ކަމަށް ޑީޑީ ވިދާޅުވި އެވެ.