ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގައި މިފްކޯ ބައިކުރި އިރު ކޫއްޑު އަށް އެސެޓް ދިން ލިޔެކިޔުންތައް ރަނގަޅަށް ބަލަހައްޓާފައި ނުވާކަން ހާމަވެއްޖެ އެވެ.

އޮޑިޓާ ޖެނެރަލް އިއްޔެ ނެރެފައިވާ ކޫއްޑޫ ފިޝަރީޒްގެ 2011 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ބުނެފައި ވަނީ މިފްކޯ ބައިކުރުމަށް ފަހު ކޫއްޑޫ އުފެއްދި އިރު އެ ކުންފުންޏަށް އެސެޓްތައް ދީފައިވާ ގޮތުގެ ލިޔެކިޔުންތައް ބަލަހައްޓާފައިނުވާ ކަމަށާއި އެކަމުގެ ސަބަބުން އެ ލިޔެކިޔުންތަކުގެ ސައްހަކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ. އެގޮތުން ކޫއްޑު އަށް އާމްދަނީގެ ގޮތުގައި އެ އަހަރު ލިބިފައިވާ 17.8 މިލިއަން ރުފިޔާގެ ޔަގީންކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

އެ ރިޕޯޓްގައި ބުނެފައިވާ ގޮތުން މިފްކޯ ބައިކުރުމަށް އެދެ ކުންފުނީގެ ދެމެދުގައި ވެވުނު އެއްބަސްވުމުގެ ދަށުން 207 މިލިއަން ރުފިޔާ ކޫއްޑު އަށް ލިބިފައިވާ ކަމަށާއި އަދި އެއިގެ ތެރެއިން އެއް މިލިއަން ހަރަދުކޮށްފައިވީ ނަމަވެސް އެއްވެސް ފައިސާއެއް ޝެއާ ކެޕިޓަލްގެ ގޮތުގައި ހަރަދު ކޮށްފައިނުވާ ކަމަށެވެ.

އެރިޕޯޓްގައި ބުނެފައި ވަނީ އޮޑިޓަށް ލިބިފައިވާ މައުލޫމާތަށް ބަލާ އިރު އެންމެ ފުރިހަމަ މައުލޫމާތު ލިބިފައިނުވުމުގެ ސަބަބުން ކޫއްޑޫގެ ފައިނޭންޝަލް ސްޓޭޓްމަންޓާ ގުޅޭ ގޮތުން ވަކި އެއްޗެއް ބުންނަ ބޭނުންނުވާ ކަމަށެވެ.