ރޯދަޔަކީ އިސްލާމްދީނުގެ ރުކުންތަކުގެ ތެރެއިން އެއްރުކުނެވެ. އަރަހުށި މާތްﷲ ރުއްސުންލެއްވި އަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާގެ އަރިހުން ރިވާވެފައިވެއެވެ. އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޡް ކުރެއްވިއެވެ.

އިސްލާމްދީން ބިނާވެގެންވަނީ ފަސްކަމެއްގެ މައްޗަށެވެ. "އެއީ ﷲ ފިޔަވައި އިލާހަކުނުވާ ކަމަށާއި، މުޙައްމަދުގެ ފާނީ ﷲ ގެ ރަސޫލާކަމަށް ހެކިވުމާއި، ނަމާދު ޤާއިމު ކުރުމާއި، ޒަކާތްދިނުމާއި، ޙައްޖުވުމާއި، ރަމަޟާން މަހުގެ ރޯދަ ހިފުމެވެ." (ބުޚާރީ: ކިތާބުލް އީމާން)

އިސްވެދިޔަ ޙަދީޡްފުޅުގައި އިސްލާމްދީން އޭގެ މައްޗަށް ބިނާވެފައިވާ ކަމުގައި ކަނޑައަޅުއްވައިފައި ވަނީ ފަސް ރުކުނެކެވެ. އެންމެ ފުރަތަމަ ކަމަކީ މާތްﷲ ގެ އެއްކައުވަންތަކަމާއި، މުޙައްމަދު ޞައްލަﷲ ޢަލައިހިވަސައްލަމަގެ ރަސޫލުކަމަށް ހެކިވުމެވެ. އެއީ އިސްލާމް ދީނުގެ އިޢުތިޤާދީ ރުކުނެވެ. ދެވަނަކަމަކީ ނަމާދު ޤާއިމުކުރުމެވެ. ތިންވަނަ ކަމަކީ ތިމާގެ މުދަލުން ޒަކާތް ނެރުމެވެ. ހަތަރުވަނަ ކަމަކީ ބައިތުﷲ އަށް ގޮސް ޙައްޖުވުމެވެ. ފަސްވަނަ ކަމަކީ ރަމަޟާން މަހުގެ ރޯދަ ހިފުމެވެ.

އިސްލާމްދީން ޢިމާރާތެއްގެ ގޮތުގައި ސިފަކޮށްފިނަމަ އެޢިމާރާތް ބިނާކުރެވިފައި ވާތީ ފެންނާނީ ފަސްތަނބެއްގެ މަތީގައެވެ. އެފަސްތަނބުގެ ތެރެއިން އެއް ތަނބަކީ ރޯދަ ހިފުމެވެ. ރޯދައިގެ ޙަޤީޤަތަކީ ކެތްތެރިވުމެވެ. ރޯދައިގެ މަޤްޞަދަކީ އިންސާނާގެ ކިބައިގައި ކެތްތެރިވުމާއި ބަރުދާސްކުރުމުގެ ޤާބިލުކަން އުފެއްދުމެވެ. ކެތްތެރިކަމަކީ އިސްލާމީ ދިރިއުޅުމެއްގެ ކޮންމެހެން ބޭނުން ސިފައެކެވެ. ކެތްތެރިކަމާ ނުލައެއް އެއްވެސް މީހަކަށް އިސްލާމްދީން މައްޗަކު ދެމިއެއް ނުހުރެވޭނެއެވެ. ނަފްސާނީ އެދުންތަކުގެ ކުރިމަތީގައި ކެތްތެރިވުމެވެ. ޝައިޠާނާގެ ވަސްވާސް ތަކުގެ ކުރިމަތީގައި ކެތްތެރިވުމެވެ.

މީސްތަކުން ކުރިމަތިކުރާ އުނދަގޫތަކާއި ދުއްތުރާތަކުގެ ކުރިމަތީގައި ކެތްތެރިވުމެވެ. ޖާނާއި މާލަށް ލިބޭ ގެއްލުންތަކާ މެދު ކެތްތެރިވުމެވެ. ތިމާގެ ހިތްނުރުހޭ ޒާތުގެ ކަންތައްތައް ތަޖުރިބާ ކުރަންޖެހޭ ހިނދު ކެތްތެރިވުމެވެ. ތިމާ މަޙްރޫމްކުރެވޭ ޙާލަތް ތަކުގައި ކެތްތެރިވުމެވެ. މުޞީބާތްތަކާއި ތުރާތައް ކުރިމަތިވާ ވަގުތު ކެތްތެރިވުމެވެ. އަދި މިނޫން ވެސް އެތައް ކަމެއްގައި ކެތްތެރިވުމެވެ.

މިދުނިޔޭގައި ކޮންމެ އިންސާނަކަށް ވެސް އޭނާގެ ހިތް ނުރުހޭ އެތައްކަމެއް ތަޖުރިބާ ކުރަންޖެހެއެވެ. އެފަދަ ޙާލަތްތަކުގައި އެދެވޭ ރަނގަޅު ނަފްސިއްޔާތެއްގައި ދެމިހުރެވޭނީ ކެތްތެރިކަމާ އެކު ދިރިއުޅެން ތައްޔާރުވެގެން ހުރި މީހަކަށެވެ. ރޯދައަކީ އެ ކެތްތެރިކަމުގެ ތަރްބިޔަތެވެ. ރޯދައިގެ ޙަޤީޤީ މަޤްޞަދާ އެއްގޮތަށް ރޯދަ ހިފާމީހާގެ ކިބައިގައި އޭނާގެ ހިތްނުރުހޭ ޙާދިޡާ ތަކުގެ ނޭދެވޭ އަސަރުން ސަލާމަތްވެ ހުރެ ދިރިއުޅުމުގެ ޤާބިލުކަން އުފެދެއެވެ. ހިތްވަރު އެލޭ ފަދަ ތަޖްރިބާ ތަކާ ކުރިމަތި ވިޔަސް ހިތްހަމަ ޖައްސައިލައިގެން ހަރުދަނާކަންމަތީ ސާބިތުވެ ހުރުމުގެ އެކަށޭނަކަން އުފެދެއެވެ. ކެތްތެރިކަމަކީ އިންސާނާ ހިތްވަރުގަދަކޮށްދޭ ކަމެކެވެ. ޢަޒުމު ވަރުގަދަކޮށްދޭ ކަމެކެވެ. ރޯދައަކީ އިންސާނާގެ ހިތްވަރުގަދަ ކުރުމާއި އަޒުމު ވަރުގަދަކުރުމުގެ ތަރްބިޔަތެކެވެ.

ޢަރަބިބަހުން ރޯދަޔަށް ކިޔާ ނަމަކީ "ޞައުމު" އެވެ. ސައުމުގެ މާނައަކީ ހުއްޓުމެވެ. އިންސާނާ ޙަޔާތުގައި ބޭނުންވަނީ ހަމައެކަނި ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔުމެއް ނޫނެވެ. އަދި ކީއްތޯއެވެ. ހުއްޓި މަޑުޖެހިލުމަކީ ވެސް އިންސާނީ ހަޔާތުގައި ވަރަށް މުހިންމު ޙިކުމަތެއްކަމުގައި ހިމެނޭތަން އާދެއެވެ. ކުރިޔަށް ފިޔަވަޅު އަޅަމުން ދިޔުމަކީ ޚާރިޖީ ގޮތުން ފުޅާވަމުން ދާއިރާ ތަނަވަސް ވަމުން ދިޔުމުގެ ޢަލާމާތެއް ކަމުގައިވާ ފަދައިން ހުއްޓިލައި، މަޑުޖައްސައިލައި، ފައިތިލަ ސާބިތުކޮށްލުމަކީ ދާޚިލީ ހަރުދަނާ ކަމުގެ ޢަލާމާތެކެވެ. އިންސާނީ ޙަޔާތް ހަރުދަނާ ގޮތުގައި ބިނާކުރުމަށް މިދެކަމަކީވެސް އެއްވަރަކަށް ބޭނުން ދެކަމެވެ.

މަޝްހޫރު ޞަޙާބީއެއްކަމުގައިވާ ޚާލިދު ބުނުލް ވަލީދު ރަޟިޔަﷲ ޢަންހުއަކީ އިސްލާމްދީނުގެ ނަބިއްޔާ ޞައްލަﷲ އަލައިހިވަސައްލަަމަ ސައިފުﷲ ގެ މަތިވެރި ލަޤަބު ދެއްވައިފައިވާ ބޭކަލެކެވެ. އެކަލޭގެ ފާނަށް އެމަތިވެރި ލަޤަބު ލިބިވަޑައިގަތީ ހިޖްރައިން އަށްވަނަ އަހަރު ހިނގި މަޝްހޫރު މުއުތާގެ ހަނގުރާމައިގައި ދެއްކެވި އާދަޔާ ޚިލާފު ހެވިކަމުގެ ޖައުހަރާއި، އެހަނގުރާމައިގެ މައިދާނުން އިސްލާމީ ލަޝްކަރު ސަލާމަތް ކުރައްވައިގެން އެނބުރި މަދީނާއަށް ވަޑައިގެންނެވި ޙައިރާންވާ ފަދަ އަސްކަރީ ބަޞީރަތުގެ ސަބަބުންނެވެ. އެހަނގުރާމައިގައި ބައިވެރިވެވަޑައިގެންނެވި ޞަޙާބީންނާ މެދު އިތުރު ސާހިބާ ވިދާޅުބަސްފުޅު އިއްވަވައިފައި ވަނީ އެބޭކަލުންނަކީ ފަހަށްޖެހި ކުރިއަރައި ވަޑައިގަންނަވާ ބޭކަލުންކަމުގައެވެ.

ރޯދަ އަޅުގަނޑުމެންނަށްދޭ ފިލާވަޅަކީ ކަނޑައެޅޭ ވަގުތެއްގައި ކައިބޮއި އުޅުން ދުވަސްކޮޅަކަށް ހުއްޓައިލުމުގެފިލާވަޅެވެ. ހަށިގަނޑުގެ ނިޒާމުތައް ވަރުބަލިފިލުވައިލައި އިތުރު ބުންވަރާއި ހަކަތަ ލިބިގަތުމަށެވެ. ރޯދަ އަޅުގަނޑުމެންނަށްދޭ ފިލާވަޅަކީ ދުވަސްކޮޅަކަށް އަޅުގަނޑުމެންގެ ޙަރަކާތްތައް އެތެރެފުށުގެ ރޫޙާނީ ބާރުތައް ތަރައްޤީކުރުމުގެ މަސައްކަތަށް ޚާާއްޞަކޮށްލުމުގެ ފިލާވަޅެވެ. އިތުރު ފޯރިޔާ އެކު ބޭރުގެ މަސައްކަތްތަކަށް އެނބުރުމުގެ އެކަށޭނަކަން ލިބިގަތުމަށެވެ.

މުއުމިނުންނަށްޓަކައި ރޯދަމަހަކީ ތައްޔާރުވުމުގެ މައްސަރެކެވެ. އަޅުގަނޑުމެންގެ ވިސްނުމުގެ ފެންވަރު މައްޗަށް ޖައްސައިލުމަށެވެ. އަޅުގަނޑުމެންގެ އަޅުކަމުގައި ތަޤްވާގެ ރޫޙު ވަރުގަދަ ކުރުމަށެވެ. އަޅުގަނޑުމެންގެ ރޫޙާނިއްޔަތުގެ ދާއިރާ ފުޅާކޮށް މާތް ﷲ އާ ބޮޑަށް ކުއްތަންވުމަށެވެ. ބަނޑުހައިކަމާއި ފެންބޮވައިގަތުމުގެ ތަޖުރިބާއިން ތިމާގެ ކިބައިގައި ޝުކުރުވެރިވުމުގެ ޖަޒުބާތު ހޭލެއްވުމަށެވެ. މާއްދީ މަޝްޣޫލިއްޔަތު މަދުކޮށްލައި އާޚިރަތަށްޓަކައި ތައްޔާރުވުމަށް ވަގުތު އިތުރުކޮށްލުމަށެވެ. މަސްދުވަހުގެ "ތަމްރީނު ކޯހެއް" ފުރިހަމަކޮށްގެން މުޅި އަހަރުދުވަހަށްޓަކައި ޝުކުރުވެރިވުމާއި ތަޤްވާވެރިވުމުގެ އާދަ ހިފުމަށެވެ. އަޅުގަނޑުމެން ހިފާ ރޯދަ ޤަބޫލުކުރެއްވުމުގެ މިންގަނޑު ތަކަކީ މިއީއެވެ.