ޤާހިރާ (ޖުލައި 10): މިސްރުގެ ނައިބު ކަމަށް ޑރ. މުޙައްމަދުލްބަރާދްޢީ ޢައްޔަންކުރައްވައި ބޮޑުވަޒީރު ކަމަށް ޙާޒިމް އަލްބިބްލާވީ ހަމަޖެއްސުމަށް ނިންމެވިކަމުގެ ރިޔާސީ ޤަރާރެއް ވަގުތީ ރައީސް ޢަދްލީ މަންސޫރު ނެރުއްވައިފި އެވެ.

މިކަން ކަށަވަރުކޮށްދެއްވަމުން މިސްރުގެ ރިޔާސީ ތަރްޖަމާން އަހްމަދުލް މުސަލްމާނީ ވިދާޅުވީ ނައިބު ރައީސްކަމަށް ޑރ. މުޙައްމަދުލްބަރާދްޢީ ހަމަޖެއްސެވީ ޚާރިޖީ ކަންކަމުގައި ވަގުތީ ރައީސަށް އެހީތެރިވެދިނުމަށް ކަމަށާއި ޙާޒިމް އަލްބިބްލާވީ އާ ޙަވާލުކުރައްވާފައި ވަނީ އައު ކެބިނެޓެއް އެކުލަވާލުމުގެ މަސައްކަތް ކަމުގަ އެވެ. ރިޔާސީ މިޤަރާރާ އެކު މިސްރުގައި އައު ކެބިނެޓެއް އެކުލަވާލުމުގެ މަޝްވަރާތައް ޙާޒިމް އަލްބިބްލާވީ އިއްޔެ ފައްޓާފައްޓަވާފައިވާ ކަމަށް ވެސް މުސަލްމާނީ ވިދާޅުވި އެވެ.

މިސްރުގެ ބޮޑުވަޒީރަކަށް ކުރިން ހަމަޖައްސަން އެގައުމުގެ ރިޔާސަތުން ބޭނުންވީ މުޙައްމަދުލްބަރާދްޢީ އެވެ. ނަމަވެސް ޑރ. މުހައްމަދު މުރުސީ ވެރިކަމުން ދުރުކުރުމަށް ސިފައިން ގެނައި ޢަސްކަރީ އިންޤިލާބަށް ތާއީދުކުރި ހަމައެކަނި އިސްލާމީ ފިކުރުގެ ޕާޓީ ކަމަށްވާ "ނޫރު ޕާޓީ" އެކަމާދެކޮޅު ހެދުމުން ރިޔާސަތުންވަނީ ބަރާދްޢީގެ ނަން އަނބުރައި ގެންގޮސްފަ އެވެ. އިސްލާމީ ސަލަފީ ފިކުރުމުގެ "ނޫރު ޕާޓީ" އަކީ މިސްރުގެ އެންމެ ބޮޑު އަދި އެންމެ ގިނަބައެއްގެ ތާއީދު ލިބިފައިވާ އިސްލާމީ ފިކުރުގެ އެންމެ ބޮޑު ޖަމާއަތް ކަމަށްވާ އިޚްވާނުލްމުސްލިމޫން ޖަމާއަތާ ސިޔާސީ ގޮތުން ވާދަޖަހަމުންދާ ޕާޓީއެކެވެ.
އިސްލާމީ ފިކުރުގެ އެންމެ ބޮޑު ޕާޓީއަކީ ވެސް ޑރ. މުރުސީ ނިސްބަތްވެވަޑައިގަންވަނާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން އުފައްދާފައިވާ ޖަސްޓިސް އެންޑް ފްރީޑަމް ޕާޓީ އެވެ. އެޕާޓީން ވަނީ މުރުސީ މިސްރުގެ ވެރިކަމަށް އަލުން އިޢާދަ ކުރަންދެން މިސްރުގެ ސިފައިންނާ މުޢާމަލާތް ނުކުރުމަށް ނިންމައި އަދި ސިފައިންގެ ބެލުމުގެދަށުން އެކުލަވާލާ ސަރުކާރުވެސް ގަބޫލު ވެސް ނުކުރާނެކަން އިޢްލާންކޮށްފަ އެވެ. މިސްރުގެ ނައިބު ރައީސަކަށް ޢައްޔަންކުރެއްވި އުމުރުފުޅުން 71 އަހަރުގެ މުޙައްމަދުލްބަރާދްޢީ އަކީ ގާނޫނީ ރޮނގުން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ އަދި ނިއުކްލިޔާ ހަކަތައާބެހޭ އދ.ގެ އެޖެންސީގެ ވެރިޔާގެ މަޤާމުގެ ދެދައުރެއްގެ މަތިން އަދާކުރައްވާފައިވާ ތަޖްރިބާކާރު ޑިޕްލޮމޭޓެކެވެ. އަލްބަރާދްޢީ އަކީ ސިޔާސީ ލީޑަރެއްގެ ހައިސިއްޔަތުން ޑރ. މުރުސީގެ ވެރިކަން ވައްޓާލުމަށް މިސްރުގެ އިދިކޮޅު ފަރާތްތަކުން އެކުލަވާލި އިއްތިޙާދުގައި އިސްދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް ނަމަވެސް އޭނާއަކީ ރައްޔިތުންގެ ތާއީދު ބޮޑު ބޭފުޅެއް ނޫނެވެ.

މިސްރުގެ ބޮޑުވަޒީރު ކަމަށް ޢައްޔަން ކުރެއްވި ޙާޒިމް އަލްބިބްލާވީ އަކީ އިޤްތިސާދީ ދާއިރާއިން ޕީއެޗްޑީ ޙާސިލްކުރައްވާފައިވާ އަދި މިސްރު ސަރުކާރުގެ އެކިމަޤާމުތަކުގައި ދިގުމުއްދަތަކަށް ޚިދްމަތްކުރައްވާފައިވާ ވަކިޕާޓީއަކަށް ނިސްބަތްނުވާ ޢިލްމީ ތަޖްރިބާކާރެކެވެ. (އަލްޖަޒީރާ)