10 Jul 2013, 10:22
ލަންޑަން (ޖުލައި 10): މިހިނގާ ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި އިނގިރޭސިވިލާތުގެ ޓީވީ ސްޓޭޝަނެއް ކަމަށްވާ "ޗެނަލް 4" އިން ފަތިސްނަމާދުގެ ބަންގި ވަގުތުން (ލައިވްކޮށް) ގެނަސްދޭނެކަން އެޗެނަލް އިން ހާމަކޮށްފި އެވެ.
އިނގިރޭސިވިލާތުގެ ޣައިރު މުސްލިމުން ހިންގާ ޕަބްލިކް ޓީވީ ސްޓޭޝަނެއް ކަމަށްވާ "ޗެނަލް 4"ގެ ޕްރޮގްރާމްތަކާ ބެހޭ ބައިގެ ޑައިރެކްޓަރު ރޮލްފް ލީ ވިދާޅުވީ، މިޖުލައި މަހުގެ 9 ވަނަ ދުވަހުގެ ފަތިސްނަމާދުގެ ބަންގިން ފެށިގެން ރަމަޟާން މަސް ނިމެންދެން ފަތިސްނަމާދުގެ ބަންގި ލައިވްކޮށް އެސްޓޭޝަނުން ގެނަސްދޭނެކަމުގަ އެވެ. މިކަމުގެ ބޭނުމަކީ އިނގިރޭސިވިލާތުގެ ބައިމަދު މުސްލިމުންގެ އަޑު އިއްވުމާއި މުސްލިމުންގެ ދީނީ ޢަގީދާއާއި އަޅުކަމަށް އިޙްތިރާމް ކުރުމެވެ.
މިކަމުގެ ސަބަބުން އިނގިރޭސިވިލާތުގެ މުސްލިމުންނަށް އުފުލާއި ހިތްހަމަޖެހުން ލިބުމުގެ އިތުރުން މުސްލިމުންގެ އަޅުކަމާ މެދު ވިސްނުމުގެ ފުރްސަތު ޣައިރު މުސްލިމުންނަށްލިބި މުސްލިމުންނާއި ޣައިރު މުސްލިމުންގެ ގުޅުންތައް ބަދަހިވެ ދެފަރާތުގެ ދެމެދުގައި އިތުބާރު އުފެއްދުމަށް މަގުފަހިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ބަރަކާތްތެރި ރަމަޟާން މަހަކީ މުސްލިމުންގެ ހިތްތަކުގައި ޚާއްސަ ޤަދަރެއް ދެވިފައިވާ އަޅުކަމުގެ މައްސަރެއް ކަމަށްވާތީ މިމައްސަރުގައި މުސްލިމުންނަށް ޚިދްމަތެއް ދިނުމަކީ އެޓީވީ ޗެނެލްއަށްލިބޭ ފަޚްރެއްކަމަށް ވެސް ރޮލްފް ވިދާޅުވި އެވެ.
އިނގިރޭސިވިލާތުގެ ޓީވީ ސްޓޭޝަންތަކުން މުސްލިމުންނާ ބެހޭ ޚަބަރާއި މަޢްލޫމާތު ކަވަރުކުރާ ކޮންމެ ފަހަރަކުވެސް މުސްލިމުންނާ ގުޅުވަނީ ޓެރަރިޒަމާއި ހައްދުފަހަނަޅާދިޔުމާއި ހަރުކަށިކަން ފަދަ ނުބައި ކަންތައްތައް ކަމަށާ ފަތިސްނަމާދުގެ ބަންގި ގެނަސްދިނުގެ އެއްބޭނުމަކީ މުސްލިމުންނާ މެދު ކުރެވޭ މިފަދަ ނުބައި ޕްރޮޕަގެންޑާތަކުން މީސްތަކުންގެ ނަޒަރު އެއްފަރާތް ކުރުންކަމަށްވެސްރޮލްފް ވިދާޅުވި އެވެ. އިނގިރޭސިވިލާތުގެ މުސްލިމުންގެ ޖަމްޢިއްޔާ (ބްރިޓިޝް މުސްލިމް ކައުންސިލް) އިންވަނީ ޗެނަލް 4ގެ މިނިންމުމަށް މަރްޙަބާ ކިޔާފަ އެވެ. މިއީ އިނގިރޭސިވިލާތުގެ މުސްލިމުންނަށްޓަކައި އެޗެނެލް އިން ކޮށްދޭ ވަރަށްބޮޑު ޚިދްމަތެއްކަމަށް ވެސް އެޖަމްޢިއްޔާއިން ބުނެ އެވެ.
ޗެނަލް 4ގެ މިނިންމުމަށް އެގައުމުގެ މުސްލިމުން ސޯޝަލް މީޑިޔާގައި މަރްޙަބާ ކިޔާފައިވާއިރު މުސްލިމުންނަށް ނަފްރަތުކުރާ އިނގިރޭސިވިލާތުގެ ޣައިރު މުސްލިމުންގެ ހަރުކަށި ފަރާތްތަކުން ވަނީ މިއީ ނަސާރާ އިނގިރޭސިވިލާތް، އިސްލާމް ކުރުމަށް އެހީތެރިވުމުގެ ޢަމަލެއް ކަމަށް ސިފަކޮށް އިސްލާމީ އެއްވެސް ޝިޢާރެއް އިނގިރޭސި ޓީވީ ޗެނަލްތަކުން ނުގެނައުމަށް ގޮވާލަމުންނެވެ. ޗެނަލް 4 ޗެނަލް އިން ދާދިފަހުން އިނގިރޭސިވިލާތުގެ ސަލަފީ ފިކުރުގެ ޖަމާޢަތެއްގެ ވެރިއެއްކަމަށްވާ އަންޖުމް ޗައުދަރީގެ ބަސްދީގަތުމެއް ގެނަސްދިނުމުން ވެސް އިނގިރޭސި ނަސާރާ އަދި ޔަހޫދީ ހަރުކަށި ފަރާތްތަކުން ވަނީ އެކަން ބޮޑުކަމަކަށް ހަދައި އެޗެނަލްއަށް ވަރަށްބޮޑަށް ފާޑުކިޔާފަ އެވެ. (ނޫސްއެޖެންސީތައް)