10 Jul 2013, 10:11
މިދިޔަ ދެ އަހަރު ރާއްޖޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިވި އެވެ. ހާއްސަކޮށް މިދިޔަ އަހަރުގެ ކުރީކޮޅު ވެރިކަން ބަދަލުވުމާ ގުޅިގެން ރާއްޖެއައި ޓޫރިސްޓުންގެ އަދަދު ވަރަށް ބޮޑަށް ދަށަށް ދިއުމާ ގުޅިގެން އިގްތިސާދު ހީނަރުވާން ފެށި އެވެ. އެއާ އެކު ބޭރު ފައިސާގެ ރިޒާވް ދަށްވެ އިގްތިސާދަށް ބޮޑެތި ލޮޅުންތަކެއް އެރި އެވެ. ނަމަވެސް މިދިޔަ އަހަރުގެ ފަހުކޮޅުން ފެށިގެން ޓޫރިސްޓުން އަންނަ މިންވަރު އިތުރުވުމާ އެކު ބޭރު ފައިސާގެ ރިޒާވް ވެސް މަޑުން މައްޗަށް ދާން ވަނީ ފަށައިފަ އެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ބޭރު ފައިސާގެ ރިޒާވު 355.6 މިލިއަން ޑޮލަރަށް ވަނީ އިތުރުވެފަ އެވެ. އެއީ ގާތްގަނޑަކަށް 2.6 މަހަށް ބޭނުންވާ މިންވަރަށް މުދާ އެތެރެކުރެވޭ މިންވަރެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު 13 ޕަސެންޓް އިތުރު އަދަދެކެވެ.
މަރުކަޒީ ބޭންކުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރުގެ މެއި މަހު ބޭރު ފައިސާގެ ރިޒާވްގެ ގޮތުގައި ހުރީ 342.2 މިލިއަން ޑޮލަރެވެ. އެ ތަފާސްހިސާބުތައް ދައްކާ ގޮތުން މަހުން މަހަށް ބޭރު ފައިސާގެ ރިޒާވް ވަނީ އިތުރުވެފަ އެވެ.
ބޭރު ފައިސާގެ ރަސްމީ ރިޒާވް އަކީ ކޮންމެ ގައުމެއްގެ މާލީ ހާލަތު ދައްކައިދޭ އިގްތިސާދީ ވަރަށް މުހިންމު މިންގަނޑެކެވެ. އަދި އެ ރިޒާވްގައި ހުންނަ ފައިސާ އިން ފުދޭނީ ކިތައް މަސް ދުވަހުގެ އިމްޕޯޓަށްތޯ ބަލާ މިންކުރެ އެވެ. އިގްތިސޯދީ ރިވިއުގައިވާ ގޮތުން މިހާރު ރިޒާވް ހުރި މިންވަރަކީ ކުރިއަށް އޮތް 2.6 މަހެއްހާ ދުވަހު ރާއްޖެ އަށް ބޭނުންވާ މުދާ އިމްޕޯޓް ކުރެވޭނެ މިންވަރެވެ.
އެމްއެމްއޭގެ ހިސާބުތައް ދައްކާ ގޮތުން މިދިޔަ މެއި މަހުގެ ނިޔަލަށް ދައުލަތަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 4.6 ބިލިއަން ރުފިޔާ އެވެ. ނަމަވެސް ހަރަދުގެ ގޮތުގައި 5.6 ބިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.
މަރުކަޒީ ބޭންކުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި އަހަރު ދައުލަތަށް ލިބޭ އާމްދަނީގެ މިންވަރު 12.6 ބިލިއަން ރުފިޔާއަށް އަރާނެ އެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާ އިރު އަދި އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު 33 ޕަސެންޓް އިތުރު އަދަދެއް ކަމަށް އެމްއެމްއޭގެ ތަފާސް ހިސާބުތަކުން ދައްކަ އެވެ.
އެ އޮތޯރިޓީން ބުނީ މިއަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އިތުރުވުމުގެ ބޮޑު ބައެއް ހިއްސާކުރަނީ ޓޫރިޒަމް ދާއިރާ އިން ނަގާ ޓެކްސް އިން ލިބޭ އާމްދަނީން ކަމަށެވެ. ދައުލަތަށް ޓެކްސްގެ ގޮތުގައި މިއަހަރު 8 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. މިއީ މިދިޔަ އަހަރާ އަޅާ ބަލާއިރު ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ.
މަރުކަޒީ ބޭންކުން ބުނީ ކޭޝްފްލޯ ހިސާބުތަކަށް ބަލާ އިރު މެއި މަހުގެ ނިޔަލަށް ސަރުކާރުގެ ހަރަދުތައް އިތުރުވީ މިންވަރަށް ވުރެ، އާމްދަނީ ލިބުނު މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި އާމްދަނީ އިތުރުވެފައި ވަނީ ޖީއެސްޓީ އާއި ވިޔަފާރީގެ ފައިދާއިން ނަގާ ޓެކްސް އިތުރުވުމާ ގުޅިގެން ކަމަށް އެ ރިވއުގައި ބުނެފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާގޮތުން މިދިޔަ އަހަރުގެ ފުރަތަމަ ފަސް މަސް ދުވަހު އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 3.9 ބިލިއަން ރުފިޔާ އެވެ. ނަމަވެސް މިއަހަރުގެ އެ މުއްދަތުގައި 4.6 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް އެމްއެމްއޭ އިން ބުންޏެވެ.
އެމްއެމްއޭ އިން ބުނީ އެ މުއްދަތުގައި އާމްދަނީ އިތުރުވި ނަމަވެސް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ލިބުނު އާމްދަނީ އާއި ޓެކްސް ނޫން ގޮތްގޮތުން ލިބުނު އާމްދަނީ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި އެ މުއްދަތުގެ ތެރޭގައި ސަރުކާރުގެ ހަރަދަށް ބަލާއިރު މުސާރަ އާއި އިނާޔަތްތައް އިތުރުވުމާ ގުޅިގެން ރިކަރަންޓް ހަރަދު އިތުރުވެފައިވާ ކަމަށް ރިވިއުގައި ބުނެފައިވެ އެވެ.
ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ވުރެ ގާތްގަނޑަކަށް އެއް ބިލިއަން ރުފިޔާ އިތުރަށް ހަރަދުވެފައިވެ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި ލިބުނު އާމްދަނީ އަށް ވުރެ އިތުރަށް 2.6 ބިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް އެމްއެމްއޭގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
ދައުލަތުގެ ހަރަދުތައް ފޫބައްދަނީ ލިބޭ އާމްދަނީގެ އިތުރުން ޓީ ބީލް ވިއްކައިގެންނެވެ. އެމްއެމްއޭ މެދުވެރިކޮށް ބޭންކުތަކަށާއި އަމިއްލަ ފަރާތްތަކަށް ޓީ ބިލް ވިއްކި އަދަދު މަހުން މަހަށް ބަލާއިރު މަދުވެފައިވާ ކަމަށް އެ ތަފާސްހިސާބުތަކުން ދައްކަ އެވެ. އޭގެ މައިގަނޑު ސަބަބެއް ކަމަށް އެމްއެމްއޭ އިން ބުނީ 28، 91 އަދި 180 ދުވަހަށް ވިއްކާފައިވާ ޓީބިލްގެ އަދަދު މަދުވުން ކަމަށެވެ.
އެމްއެމްއޭ އިން ބުނީ ބެލެންސް އޮފް ޕޭމަންޓްގެ ހިސާބުތަކަށް ބަލާއިރު މިއަހަރު ކަރަންޓް އެކައުންޓް ޑެފިސިޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާ ކަމަށެވެ. އަދި އުފެއްދުންތެރިކަމުގެ ނިސްބަތުން އެ މިންވަރު 28 ޕަސެންޓަށް އިތުރުވި ނަމަވެސް ރާއްޖޭގައި ކުރާ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް އިތުރުވާނެ ކަމަށް ލަފާކޮށްފައިވާތީ މުޅި ޖުމްލަ ޑެފިސިޓް މިދިޔަ އަހަރަށް ވުރެ ކުޑަވާނެ ކަމަށް މަރުކަޒީ ބޭންކުން ބުންޏެވެ.
އެމްއެމްއޭގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިގްތިސާދު މަޑުމަޑުން ކުރިއަރަމުން ދިޔަ ނަމަވެސް ދައުލަތަށް ލިބޭ އާމްދަނީއަށް ވުރެ ހަރަދުތައް އަދިވެސް ދަނީ ބޮޑުވަމުންނެވެ. އިގްތިސާދު ހަމަ މަގަށް އެޅުވުމަށް ދައުލަތުގެ ހަރަދުތައް ވީހާވެސް ބޮޑަށް ކުރުމަކީ ވަރަށް މުހިންމު ކަމެކެވެ.