09 Jul 2013, 23:26
އަދާލަތު ޕާޓީގައި ހަރުކަށި ވިސްނުމުގެ މީހުން ތިބި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން ވާހަކަފުޅު ދެއްކެވި ކަމަށް ބުނެ އަދާލަތުން ރައީސަށް ރައްދުފީފި އެވެ.
ސްރީލަންކާ އަށް ރައީސް ވަހީދު މި ދިޔަ ހަފުތާގައި ކުރެއްވި ދަތުރުފުޅުގައި ބޭރުގެ މީޑިއާއަކަށް ދެއްވި އިންޓަވިއެއްގައި ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދެއްކެވި ވާހަކަފުޅުތަކާ ގުޅިގެން އަދާލަތުން މިއަދު ނެރެފައިވާ ނޫސް ބަޔާނެއްގައި ބުނެފައި ވަނީ އަދާލަތުގައި ހަރުކަށި ވިސްނުމުގެ މީހުން ތިބި ކަމަށް ރައީސް ވަހީދު ވިދާޅުވި ކަމަށާއި އެއީ އެ ޕާޓީއާ މެދު ރައީސް ވަހީދު ވިދާޅުވި ކުޑައިމީސް ބަހެއް ކަމަށް އެ ޕާޓީން ދެކޭ ކަމަށެވެ.
އެފަދަ ތުހުމަތެއް އެ ޕާޓީއާ މެދު ރައީސް ކުރެއްވުމަކީ އެކަމާ މެދު އެ ޕާޓީގެ ގިޔާދަތާއި އަދި މެމްބަރުން ހިތާމަކުރާ ކަމެއް ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެ އެވެ.
"ގައުމީ އިއްތިހާދު ޕާޓީ އާއި އަދާލަތު ޕާޓީ އެކުގައި މަސައްކަތް ކުރަމުން ގެންދާ ވަގުތެއްގައި އެފަދަ ގޮތަކަށް ރައީސް ވަހީދު ވާހަކަފުޅު ދެއްކެވުމަކީ ދެ ޕާޓީގެ ދެމެދުގައި އޮތް ގުޅުމަށް ވަރަށްބޮޑު ބުރުލެއް އަރާނެ ކަމެއް،" ނޫސް ބަޔާނުގައިވެ އެވެ.
އަދާލަތުން ބުނީ އެ ޕާޓީއަކީ ފަހަރެއްގައި ވެސް ހަރުކަށި ހިޔާލުގެ މީހުން ތިބި ޕާޓީއެއް ނޫން ކަމަށާއި އަދާލަތު ޕާޓީން އަބަދު ވެސް މަސައްކަތް ކުރަނީ ރާއްޖޭގައި އިސްލާމީ ރީތި އުސޫލުތައް އަށަގެންނެވުމަށް ކަމަށެވެ. އަދި އެ ޕާޓީން މަސައްކަތް ކުރަނީ ރާއްޖާގައި އިސްލާމީ ވަހުދަތާއި ރާއްޖޭގެ ސިޔާދަތު ރައްކާތެރި ކުރުމަށް ކަމަށް ވެސް ބުނެފައިވެ އެވެ.
ގައުމީ އިއްތިހާދު ޕާޓީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާ މިރޭ ސަން އަށް ވިދާޅުވީ ރައީސް ވަހީދު ދެއްކެވި ވާހަކަފުޅުތަކުގެ ތެރެއިން ސީދާ އަދާލަތުން ރައްދު ދީފައި ވަނީ ކޮން ވާހަކައަކަށް ކަމެއް އެނގިވަޑައިނުގަންނަވާ ކަމަށާއި އެކަމުގެ ތަފްސީލު މާރަނގަޅަށް އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އަދާލަތުގެ ތެރޭގައި ޖެހިގެން އުޅޭ މައްސަލައަކީ އެ ޕާޓީގެ އެތެރޭގައި ތިބި ބައެއް ބޭފުޅުންގެ މެދުގައި ޖެހިގެން އުޅޭ މައްސަލައެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އަދާލަތު ޕާޓީގެ އެތެރޭގައި އެބައޮތް ޕޮލިޓިކަލް އިން-ފައިޓިންއެއް. އެބޭފުޅުންގެ ތެރެއިން އެއްބައި ބޭފުޅުން އެކި އެކި ކަންކަމުގައި ސުވާލު އުފައްދަވަމުން ގެންދަވަނީ، އޭގެތެރެ އިން މެޖޯރިޓީ މަސައްކަތް ކުރައްވަމުން ގެންދަވަނީ ކޯލިޝަންއާ އެކީގައި. އަދާލަތުން ކޯލިޝަނުން ވަކިވުމުގެ ވިސްނުމެއް ގެންގުޅޭ ކަމެއް އަދި އެނގިފައެއް ނުވޭ،" އައްބާސް ވިދާޅުވި އެވެ.
ރައީސް ވަހީދު ރިޔާސީ އިންތިހާބަށް ނުކުންނެވުމަށް އުފައްދާފައިވާ ކޯލިޝަނުން ރިޔާސީ އިންތިހާބަށް ކެމްޕެއިންގެ ހަރަކާތްތައް ކުރިއަށް ގެންދާ ގޮތާ މެދު ހިތްހަމަނުޖެހިގެން މީގެ ކުރިން ވެސް އަދާލަތުން ވަނީ ކޯލިޝަނުން ވަކިވާން ޖެހިދާނެ ކަމަށް ބުނެ ވާހަކަތަކެއް ދައްކައިފަ އެވެ.