އައިޖީއެމްއެޗުގެ ފެމެލީ ޕްރޮޓެކްޝަން ޔުނިޓް (އެފްޕީޔޫ) އަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން 20 ޕަސެންޓަކީ ކައިވެނިނުކޮށް ބަލިވެއިނދެގެން ރިޕޯޓް ކޮށްފައިވާ މައްސަލަތަކެއް ކަމަށް އެ ޔުނިޓުން ބުނެފި އެވެ.


އެފްޕީޔޫގެ ފަސް ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން އައިޖީއެމްއެޗްގައި ރޭ ބޭއްވި ހަފްލާއެއްގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ލައިލާ އަލީ ނެރެދެއްވި، އެ ޔުނިޓުގެ ފަސް އަހަރުގެ ތަފާސްހިސާބުގެ މައްޗަށް އެކުލެވޭ ލީފްލެޓެއް ބުނާ ގޮތުން، ކައިވެނިނުކޮށް ބަލިވެ އިންނަ މީހުންގެ ތެރެއިން ގިނައީ އަށާރަ އަހަރުން ދަށުގެ ކުދިންނެވެ.


އެ ލީފްލެޓް ބުނާ ގޮތުން ދިވެހި ރާއްޖޭގެ ކޮންމެ ތިން އަންހެނަކުން އެކަކީ އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގައި ޖިސްމާނީ ނުވަތަ ޖިންސީ ގޯނާއެއް ކުރިމަތިވެފައިވާ މީހެކެވެ. އަދި ނަފްސާނީ، ޖިސްމާނީ އަދި ޖިންސީ ގޯނާތައް ކުރިމަތިވާ މީހުންގެ ތެރެއިން 87 ޕަސަންޓަކީ އަންހެނުން ކަމަށް ވެސް އެފްޕީޔޫ ބުންޏެވެ.   


ތަފާތު ގޯނާތައް ކުރިމަތިވާ މީހުންގެ ތެރެއިން 83 ޕަސަންޓު މީހުންނަށް އެ ގޯނާއެއް ކުރިމަތި ވަނީ ރައްޓެއްސެއް ނުވަތަ އާއިލާގެ މެންބަރެއް ނުވަތަ ކޮންމެވެސް ދަންނަ މީހެއްގެ ފަރާތުން ކަމަށް ވެސް އެ ޔުނިޓުން ބުންޏެވެ. އަދި ތަފާތު ގޯނާތަކުގެ ޝިކާރައަކަށްވާ މީހުންގެ ތެރެއިން 42 ޕަސަންޓު މީހުންނަށް އެ ގޯނާތައް ކުރިމަތި ވަނީ އޭނާ ރައްޓެހިވެގެން އުޅޭ ފިރިހެން ކުއްޖާ ނުވަތަ ފިރިމީހާގެ ފަރާތުންނެވެ.


ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެ ޔުނިޓަށް 43 ރޭޕް ކޭސް ރިޕޯޓްކޮށްފައިވާ ކަމަށް އެ ޔުނިޓުން ބުންޏެވެ. އަދި އޭގެ ތެރެއިން 22 ކުދިންނަކީ އުމުރުން އަށާރަ އަހަރުނުވާ ކުދިން ކަމަށާއި އަށާރަ އަހަރު ނުވަނީސް ރޭޕްކުރާ ގިނަ ގުދިން ރޭޕްކުރަނީ ގޭންގު ތަކުންކަމަށް އެފްޕީޔޫ އިން ބުނެ އެވެ.


ވޭތުވެ ދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި އެޕްޕީޔޫން 620 މީހަކަށް ފަރުވަދީފައިވެ އެވެ. އެފްޕީޔޫގެ އަމާޒަކީ މީހުންނަށް ލިބޭ ތަފާތު ހާނީއްކަ އާއި ގޯނާތައް ހުއްޓުވުމާއި ހާއްސަކޮށް ކުޑަކުދިންނަށް ކުރާ ގޯނާތައް ހުއްޓުވުން ކަމަށް އެ ޔުނިޓުން ބުންޏެވެ.  


އެފްޕީޔޫ އަކީ ޖެންޑާ މިނިސްޓްރީ އާއި ހެލްތު މިނިސްޓްރީ ގުޅިގެން ޔޫއެންއެފްޕީ އާއި ޔުނިސެފާއި ޑަބްލިއުއެޗްއޯގެ އެހީގައި 2005 ވަނަ އަހަރު ހުޅުވި ޔުނިޓެކެވެ.