09 Jul 2013, 23:25
މިސީޒަނުގެ ޓްރާންސްފާގައި ޖަރުމަންގެ ޗެމްޕިއަން ބަޔާން މިއުނިކުން ހޯދަން މަސައްކަތްކުރި ވާދަވެރި ބޮރޫސިއޯ ޑޯޓްމުންޑްގެ ޕޮލެންޑް ފޯވާޑް ރޮބާޓް ލެވަންޑޯސްކީ އަންނަ ސީޒަނުގައި ހިލޭ ޓްރާންސްފާއެއްގެ ދަށުން ބަޔާން އަށް ގެންނާނެ ކުޅުންތެރިއެއް ކަމަށް އެކްލަބުގެ ރައީސް ކާލް-ހެއިންޒް ރުމެނިޖް ބުނެފި އެވެ.
ލެވަންޑޯސްކީ ހޯދުމަށް ބަޔާން އިން ގިނަ މަސައްކަތްތަކެއް ކުރި ނަމަވެސް، ޑޯޓްމުންޑް އިން ވަނީ އޭނާ ދޫކޮށްލުމަށް ދެކޮޅު ހަދާފަ އެވެ.
މިދިޔަ އޭޕްރީލް މަހު ޑޯޓްމުންޑްއިން 37 މިލިޔަން ޕައުންޑަށް އެކްލަބުގެ ޖަރުމަން މިޑްފީލްޑަރު މާރިއޯ ގޮޓްޒޭ ވިއްކާލުމަށް އެއްބަސްވި ނަމަވެސް ވާދަވެރިންނަށް ލެވަންޑޯސްކީ ވިއްކާލުމަށް އެއްބަހެއް ނުވެއެވެ.
"އެއް އަހަރު ފަހުން އަހަރެމެން އަލުން ލެވަންޑޯސްކީ ގެންނާނެކަން ޑޯޓްމުންޑަށް އެނގޭނެ. ޑޯޓްމުންޑްގެ ރައީސްގެ ބަސްތައް އެގޮތުގައި ހިފަހައްޓާނެކަން އަހަރެންނަށް އެނގޭ. ނަމަވެސް އެމީހުންނަށް ލެވަންޑޯސްކީ ހިފެހެއްޓޭނީ އަންނަ އަހަރާއި ހަމައަށް،" އުމުރުން 57 އަހަރުގެ ބަޔާންގެ ރައީސް ރުމެނިޖް ބުންޏެވެ.
ލެވަންޑޯސްކީ 2010 ވަނަ އަހަރު ޑޯޓްމުންޑާއި ގުޅުނީ 4.5 މިލިޔަން ޔޫރޯގެ އަގަކަށެވެ. ލެޗް ޕޮޒްނާން އިން ޑޯޓްމުންޑާއި ގުޅުމަށްފަހު ލެވަންޑޯސްކީ ވަނީ އެކްލަބަށް ކުޅުނު 98 މެޗުން 54 ލަނޑު ކާމިޔާބުކޮށްދީފަ އެވެ. ބަޔާންގެ އިތުރުން މެންޗެސްޓާ ޔުނައިޓެޑް އަދި ރެއާލް މެޑްރިޑުން ވެސް ލެވަންޑޯސްކީ ހޯދަން މަސައްކަތްކުރެ އެވެ.