ޖެންޑާ އެންޑް ފެމެލީ މިނިސްޓަރުކަން އެޑިޔުކޭޝަން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ ޑރ. އާމާލު އަލީ އަށް ރައީސުލްޖުމްހޫރިއްޔާ ދެއްވައި އެ ކަމަނާ އަށް މިރޭ ފަތްކޮޅު އަރުއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އޮފިޝަލަކު މިރޭ ސަން އަށް ވިދާޅުވީ މިރޭ ފަތް ކޮޅު އެރުއްވީ ޖެންޑާ މިނިސްޓަރަށް އެކަނި ކަމަށާއި ހޯމް މިނިސްޓަރުގެ މަގާމަށް ބޭފުޅަކު އައްޔަން ކުރެއްވާނީ އަދި ފަހުން ކަމަށެވެ.

ސަރުކާރުގެ އޮފިޝަލަކު ކުރިން ސަން އަށް ވިދާޅުވީ ހޯމް މިނިސްޓަރު ކަމަށް އައްޔަން ކުރެއްވުމަށް ކަނޑައަޅުއްވާފައި ވަނީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު ބިޝާމު ކަމަށެވެ. ނަމަވެސް މިރޭ އެ ކަމަނާ އަށް ފަތްކޮޅު ނޭރުއްވީ ކީއްވެގެން ކަމެއް ނޭނގެ އެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި އައިޝަތު އާޒިމާ އަށް ރައްޔިތުންގެ މަޖިލީހުން ރުހުން ނުދެއްވުމާ ގުޅިގެންނެވެ.