ގއ. ވިލިނގިއްޔަށް މަސްތުވާތަކެތި ގެންދަން އުޅުނު ކަމުގެ ތުހުމަތުގައި މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.

ސަން އަށް ކަށަވަރުވެފައިވާ ގޮތުގައި އެ މައްސަލައިގައި ފުލުހުން ހައްޔަރުކޮށްފައި ވަނީ އެއަތޮޅު ކޮލަމާފުށީ ދޮންވެލި ޝުއާއުﷲ ސައީދު، 31، އެވެ.

އޭނާ ހައްޔަރުކޮށްފައި ވަނީ މާލެއިން ފުރައިގެން ވިލިނގިއްޔަށް ދަތުރުކުރަމުން ދިޔަ "ކޮލަމާ" ބޯޓު މި މަހުގެ ހަތް ވަނަ ދުވަހުގެ ރޭ ވިލިގިއްޔަށް ބަނދަރުކުރުމުން ފުލުހުން އެބޯޓް ބަލައިފާސްކުރިއިރު އެބޯޓުގެ ކެޕްޓަންގެ ރޫމް ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ 20 ބްލެޓާއި ތިން ފޮށި ނައިޓްރެޒީޕަމް ފެނުމާ ގުޅިގެންނެވެ.

ޝުއާއުﷲ ސައީދު އަކީ އެ ބޯޓުގެ ކެޕްޓަނެވެ.

އޭނާ ހައްޔަރުކުރުމަށް ފަހު ބަންދުގެ މުއްދަތު އިތުރުކުރުމަށް އެއަތޮޅު ދާންދޫ މެޖިސްޓްރޭޓް ކޯޓަށް ގެންދިޔުމުން އެ ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާގެ ބަންދުގެ މުއްދަތު އިތުރުކޮށްފަ އެވެ.

މި މައްސަލަ މޯލްޑިވްސް ޕޮލިސް ސާވިސްއިން ދަނީ ތަހުގީގު ކުރަމުންނެވެ.