ކުރީގެ ރައީސް މުހައްމަދު ނަޝީދު އުމްރާއަކަށް ވަޑައިގަތުމަށް ޝައުދީ އަރަބިއްޔާ އިން ވިސާ ހޯދުމަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.

ނަޝީދުގެ ސްކޯސްޕާސަން މާރިއާ އަހުމަދު ދީދީ މިއަދު ސަން އަށް ވިދާޅުވީ ރައީސް ނަޝީދު އުމްރާއަކަށް ވަޑައިގަތުމަށާއި އަމިއްލަފުޅު ބޭނުމެއްގައި ޝާއުދީއަށް ކުރައްވާ ދަތުރުފުޅުގައި ވިސާ ނުލިބި މައްސަލަތަކެއް ދިމާވެފައިވާ ކަމަށެވެ. އަދި މިވަގުތު ނަޝީދު ހުންނެވީ ލަންކާގައި ކަމަށާއި ވިސާ ހޯދުމުގެ މަސައްކަތްތައް ކުރިއަށް ގެންދާ ކަމަށެވެ.

މާރިޔާ ވިދާޅުވީ ވިސާ ނުލިބިގެން އުޅެނީ ސީދާ ކޮން ސަބަބަކާ ހުރެ ކަމެއް ތަފްސީލްކޮށް ވިދާޅުވެދެއްވަން ދަތިފުޅު ކަމަށާއި އެކަމާ ގުޅިގެން ރައީސް ނަޝީދުގެ އޮޕީހުން މިއަދު ބަޔާނެއް ނެރޭނެ ކަމަށެވެ.

"ނަޝީދު މިހާރު ހުންނެވީ ލަންކާގައި. ވިސާގެ ކަންތައް ހަމަޖެހުމުން ފުރާވަޑައިގެންނަވާނެ،" މާރިޔާ ވިދާޅުވި އެވެ.

ނަޝީދަށް ވިސާ ދިނުމަށް ސައުދީ ސަރުކާރުން ދެކޮޅު ހަދަނީ ކީއްވެގެންތޯ ސާފުކުރުމަށް ސްރީލަންކާގައި ހުންނަ ސައުދީ އެމްބަސީ އަށް މިއަދު ސަން އިން ގުޅުމުން ސައުދީ އެމްބަސީގެ އޮފިޝަލަކު ވިދާޅުވީ އެ މައުލޫމާތު ހޯދުމަށް ސިޓީއެއް ފޮނުވުމަށެވެ. ނަމަވެސް ސައުދީ އެމްބަސީ އިން ހަވީރަށް ވާހަކަ ދެއްކި އޮފިޝަލަކު ވިދާޅުވީ ސައުދީ ސަރުކާރުން ނަޝީދަށް ވިސާ އަދި ދީފައި ނުވާ ކަމަށާއި ނަމަވެސް އިތުރަށް ހުށަހަޅައިގެން ވިސާ ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ސްރީލަންކާގައި ހުންނަ ދިވެހި އެމްބަސީގެ އޮފިޝަލަކު މިއަދު ސަން އަށް ވިދާޅުވީ ނަޝީދަށް ވިސާ ލިބުމުގައި ލަސްވަމުން ދަނީ ވިސާ އަށް އެދި ހުށަހެޅުއްވިލެއް ލަސްވެގެން ކަމަށާއި ނަމަވެސް ވިސާގެ ކަންތައް ހަމަޖެހިގެންދާނެ ކަމަށް ދެކިވަޑައިގަންނަވާ ކަމަށެވެ. އޭނާ ވިދާޅުވީ ސައުދީ ވިސާ އަށް އެދި ހުށަހެޅުމުން އެކަންތައް ހަމަޖެހިގެންދާނީ ސައޫދީގައި ހުންނަ ރޯޔަލް ޕެލަސް އިންނެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދު އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދާއި ކުރީގެ ބަންޑަރަ ނައިބް އަހުމަދު އަލީ ސަވާދު ވެސް ވަނީ ވިސާއަށް އެދި ހުށަހަޅުއްވައިފަ އެވެ. އަދި އެބޭފުޅުން އެންމެ ފުރަތަމަ ވިޝާއަށް އެދި ހުށަހެޅުއްވީ ރާއްޖޭގައި ހުންނަ ފޮރިން މިނިސްޓްރީ މެދުވެރިކޮށެވެ. ނަމަވެސް ވިސާ ދޫކުރުމުގެ ކަންތައްތައް ކުރިއަށް ގެންދާނީ ސައޫދީގައި ހުންނަ ރޯޔަލް ޕެލަސްއިން ކަމަށް އެ އެމްބަސީން އެނގުމުން އެ ތިން ބޭފުޅުން ލަންކާއަށް ވަޑައިގެން އަމިއްލަފުޅު ގޮތުން ވަނީ ވިސާ އަށް އެދި ހުށަހަޅުއްވައިފަ އެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީ އިން ބުނީ އެކަމާ ބެހޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށް ބުންޏެވެ.