09 Jul 2013, 15:16
އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން އެއްބާރުލުން ދިނުމަށް ރާއްޖެއާއި ސްރީލަންކާ އަދި އިންޑިއާއިން އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުގައި ބުނެފައި ވަނީ ކޮލަމްބޯގައި އިއްޔެ ނިމުނު ތިން ގައުމުގެ ސަލާމަތާ ގުޅޭ ބައްދަލުވުމުގައި އެ އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އާއި އިންޑިއާގެ ނެޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝިވްޝަންކަރު މެނަން އަދި ލަންކާގެ ޑިފެންސް މިނިސްޓަރު ގޮތަބަޔާ ރާޖަޕަކްސަ ކަމަށެވެ.
"މިއީ މީގެ ކުރިން ބޭއްވުނު ބައްދަލުވުންތަކުގައި ކުރެވުނު މަޝްވަރާތަކުގެ އަލީ އެކުލަވާލުނު އެއްބަސްވުމެއް. އަދި މި އެއްބަސްވުމުގެ ދަށުން ތިން ގައުމު ގުޅިގެން އިންޑިއާ ކަނޑުގެ ސަލާމަތާ ގުޅޭ ގޮތުން މަސައްކަތްކުރާނީ،" ލަންކާގެ ޑިފެންސް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.
އެ ނޫހުން ބުނެފައި ވަނީ، އެ އެއްބަސްވުން އެކުލަވާލުމަށް ތިން ގައުމުގެ ސަލާމަތާ ގުޅޭ އިސްވެރިންގެ މެދުގައި މަޝްވަރާކުރެވުނު ކަމަށެވެ.
އެއްބަސްވުމުގެ ދަށުން މި ސަރަހައްދުގެ ކަނޑު ހުރަސްކޮށް މުދާ ހިފައިގެން ދަތުރުކުރާ އުޅަނދުފަހަރުގެ މައުލޫމާތު ހިއްސާކުރުމާއި އީއީޒެޑް ސަރަހައްދު ބެލެހެއްޓުން ވަރުގަދަކުރުމުގެ އިތުރުން ގާނޫނާ ހިލާފަށް ހިންގާ ހަރަކާތްތައް މޮނިޓާކޮށް އެކަންތައްތައް ހުއްޓުވުމަށް މަސައްކަތްކުރުން ހިމެނޭ ކަމަށް އެ ބަޔާނުގައި ބުނެފައިވެ އެވެ.
އޭގެ އިތުރުން ސުނާމީއާ ގުޅޭ އިންޒާރުތައް ތިން ގައުމުގެ މެދުގައި ވަގުތުން ހިއްސާކުރުމާއި ކަނޑުފޭރުމުގެ ހަރަކާތްތައް ހުއްޓުވުމަށް މަސައްކަތްކުރުން ވެސް ހިމެނެ އެވެ.