09 Jul 2013, 15:04
އައްޑޫ ސިޓީ ފޭދޫގެ ޖަމިއްޔާއެއް ކަމަށްވާ ސޮސައިޓީ ފޮ ދި އައިލެންޑް އޮފް ފޭދޫ އެޑްވާންސްމަންޓް (ސިފަ) ޖަމިއްޔާ އިން ފޭދޫ ސިއްހީ މަރުކަޒަށް 300000ރ. ގެ މެޑިކަލް ސާމާނު ހަނދިޔާ ކޮށްފި އެވެ.
ސިފަ ޖަމީއްޔާގެ ފަރާތުން ފޭދޫ ސިއްޙީ މަރުކަޒަށް ހަދިޔާ ކުރި މެޑިކަލް ސާމާނު ހަދިޔާ ކުރުމުގެ ރަސްމީއްޔާތު ބާއްވާފައި ވަނީ އިއްޔެ ހަވީރު ފޭދޫ ސިއްހީ މަރުކަޒުގަ އެވެ. އެ ރަސްމީއްޔާތުގައި ސިފަ ޖަމީއްޔާގެ ފަރާތުން ސިއްޙީ މަރުކަޒަށް ތަކެތި ހަވާލު ކޮށްދެއްވީ އެ ޖަމީއްޔާގެ ޖަމިއްޔާގެ ސޯޝަލް ސެކްރެޓަރީ ހުސައިން ޝުވައިޒެވެ. ފޭދޫ ސިއްހީ މަރުކަޒުގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގެންނެވީ ފޭދޫ ސިއްޙީ މަރުކަޒު ވަގުތީ ގޮތުން ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ޖާގުﷲ ސައީދު އެވެ.
ސިފަ ޖަމީއްޔާގެ ސޯޝަލް ސެކްރެޓަރީ ހުސައިން ޝުވައިޒް "ސަން"އަށް ވިދާޅުވީ އެ ޖަމީއްޔާއިން ސިއްޙީ މަރުކަޒަށް 22 އައިޓަމެއް ހަދިޔާ ކުރި ކަމަށެވެ. އޭގެ ތެރޭގައި އީސީޖީ މެޝިނަކާއި ކާޑިއޯ މެށިނަކާއި އަދި އިތުރު ސާމާނު ހިމެނޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޝުއައިޒް ވިދާޅުވީ އެ ޖަމީއްޔާއިން ސިއްހީ މަރުކަޒަށް ތަކެތި ހަދިޔާ ކުރަން ޖެހުނީ ސިއްޙީ މަރުކަޒުން އެތަނަށް މެޑިކަލް ސާމާނު ބޭނުން ވެގެން ފަންޑު ފޮއްޓެއް ހުޅުވައިގެން މަސައްކަތް ކުރަމުން ދާތީ ކަމަށެވެ. އަދި އެ ޖަމީއްޔާގެ ފަރާތުން ސިއްޙީ މަރުކަޒ×ާއި ވާހަކަ ދެއްކުމުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާގެ ތަކެތި ސިއްޙީ މަރުކަޒަށް ބޭނުންވާ ކަމަށް އެދި ލިސްޓެއް ދިން ކަމަށާއި އެގޮތުން އެ ޖަމިއްޔާއިން މި ފަހަރު ހަދިޔާ ކުރީ އޭގެ ތެރެއިން މި ވަގުތަށް އެ ޖަމީއްޔާއަށް ހަދިޔާ ކުރެވެން އޮތް މިންވަރު ކަމަށް އޭނާ ވިދާޅުވި އެވެ.
ފޭދޫ ސިއްޙީ މަރުކަޒު ހިންގުމާއި ހަވާލުވެވަޑައިގެން ހުންނެވި ޖާދުﷲ ސައީދު (ޖާދު) "ސަން"އަށް ވިދާޅުވީ ސިފަ ޖަމިއްޔާގެ ފަރާތުން ފޭދޫ ސިއްހީ މަރުކަޒަށް ހަދިޔާ ކުރި މެޑިކަލް ސާމާނު ތަކުގެ ސަބަބުން ހިދުމަތް ދިނުމަށް ވަރަށް ބޮޑު ލުޔެއް ލިބިގެން ދާނެ ކަމަށެވެ. އެގޮތުން ސިއްޙީ މަރުކަޒުން ހަދާ ޓެސްޓްތައް ހެދުމުގައި އިތުރު ޔަގީން ކަން ލިބި ކުރިއަށް ވުރެ އަވަހަށް ހިދުމަތް ދެވޭނެ ކަމަށް ވެސް ޖާދު ވިދާޅުވި އެވެ.
ޖާދު އިތުރަށް ވިދާޅުވީ އަދި ވެސް ވަރަށް ގިނަ ސާމާނު ފޭދޫ ސިއްހީ މަރުކަޒަށް ބޭނުންވާ ކަމަށެވެ. އެކަމަށްޓަކައި ފޭދޫ ސިއްޙީ މަރުކަޒުގެ ފަރާތުން ހާއްސަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ފޭދޫ ސިއްހީ މަރުކަޒަށް އެހީތެރިވެ މެޑިކަލް ސާމާނު ހަދިޔާ ކުރަން ބޭނުންވާ ފަރާތްތަކަށް އެ މަރުކަޒުން އަބަދު ވެސް މަރުހަބާ ކިޔާ ކަމަށާއި ހާއްސަކޮށް ސިފަ ޖަމީއްޔުާއިން ފޭދޫ ސިއްހީ މަރުކަޒަށް ވެދެއްވި އެހީއަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރާ ކަމަށް ޖާދު ވިދާޅުވި އެވެ.