09 Jul 2013, 14:10
މިދިޔަ އަހަރު ފުރަތަމަ ހަ މަސް ދުވަހާ އަޅާބަލާ އިރު މި އަހަރުގެ އެ މުއްދަތުގެ ތެރޭގައި ހުށަހެޅުނު ފޭރުމުގެ މައްސަލަތައް 39 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށް ފުލުުހުން ބުނެފި އެވެ.
ފުލުހުން ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި ހާއްސަކޮށް މާލެއިން ހުށަހެޅުނު ފޭރުމުގެ މައްސަލަތައް 40 އިންސައްތަ ދަށްވެފައިވާ އިރު އަތޮޅުތަކުން ހުށަހެޅުނު މައްސަލަތައް 33 އިންސައްތަ ދަށަށް ގޮސްފައިވާ ކަމަށެވެ. އަދި ބުނީ މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމުގެ މައްސަލަތައް މަދުވެފައިވީ ނަމަވެސް ބަރަކާތްތެރި ރޯދަ މަހުގައި ކުދި ވައްކަންތައް އިތުރު ވެގެންދާކަން ފާހަގަކުރެވޭ ކަމަށް ފުލުހުން ބުންޏެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސްު ދުވަހުގެ ތެރޭގައި ފޭރުމުގެ 434 މައްސަލައެއް މާލެއިން ހުށަހެޅިފައިވާ އިރު މިއަހަރު ހުށަހެޅިފައި ވަނީ 262 މައްސަލަ އެވެ. އަދި މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު އަތޮޅުތަކުން ފުލުހުންނަށް 60 މައްސަލައެއް ހުށަހެޅިފައިވާ އިރު މި އަހަރުގެ މި މުއްދަތުގައި ހުށަހެޅިފައި ވަނީ 40 މައްސަލަ ކަމަަށް ވެސް ފުލުހުން ބުންޏެވެ.
މީގެކުރީ އަހަރުތަކުގައި ފުލުހުންނަށް ހުށަހެޅިފައިވާ ވައްކަމާއި ފޭރުމުގެ މައްސަލަތަކަށް ބަލާ އިރު ހާއްސަ ގޮތެއްގައި ރޯދަ މަހުގައި ކުދި ވައްކަންތައް އިތުރުވެގެންދާކަން ފާހަގަކުރެވިފައި ވަނީ ރޯދަ މަހުގެ ހެނދުނު އެވެ.
ފުލުހުން ބުނީ ވައްކަން މަދުކުރުމަށް ޓަކައި އާއްމު ރައްޔިތުންނަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ފަތިސް ނަމާދަށް ދިޔުމުގެ ކުރިން ގޭގެ ކުޑަ ދޮރުތަކާއި ފެންލައިޓް އަދި ދޮރުތައް ރަނގަޅަށް ތަޅުލުމާއި ގޭގައި ގެންގުޅޭ އަގުބޮޑެތި ތަކެތި ރައްކާތެރިކަމާ އެކު ފޮރުވާއި ބެހެއްޓުމަކީ ކުރެވިދާނެކަމެއް ކަމަށެވެ. އަދި ގެންގުޅޭ ފޯނާއި ލެޕްޓޮޕް ފަދަ ތަކެތި ގެންގުޅުމުގައި މިހާރަށް ވުރެ ރައްކާތެރިވުމަކީ ވެސް މިފަދަ މައްސަލަތައް މަދުކުރުމަށް ޓަކައި ކުރެވިދާނެ ކަންތައްތައް ކަމުގައި ފުލުހުން ބުންޏެވެ.
މީގެއިތުރުން މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހާއި އަޅާބަލާއިރު މިއަހަރުގެ ފުރަތަމަ ހަ މަސް ދުވަހު މާލެއިން ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަތައް ވަނީ 10 އިންސައްތަ ދަށަށް ގޮސްފަ އެވެ. މާލެއިން ހުށަހެޅުނު މައްސަލަތަކުގެ އިތުރުން އެ މުއްދަތުގެ ތެރޭގައި އަތޮޅުތަކުން ފުލުހުންނަށް ހުށަހެޅުނު މައްސަލަތައް ވެސް ނުވަ އިންސައްތަ ދަށަށް ގޮސްފައިވާ ކަަމަށެވެ.
މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު 3451 މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާ އިރު މި އަހަރުގެ މި މުއްދަތުގެ ތެރޭގައި ފުލުހުންނަށް ހުށަހެޅިފައި ވަނީ 3122 މައްސަލައެއް ކަމަށް ފުލުހުންގެ ތަފާސް ހިސާބުތަކުގައިވެ އެވެ. އަދި އަތޮޅުތަކުން ހުށަހެޅިފައިވާ މައްސަލަތަކަށް ބަލާލާއިރު މިދިޔަ އަހަރުގެ ފުރަތަމަ ހަ މަސް ދުވަހުގެ ތެރޭގައި 939 މައްސަލައެއް ހުށަހެޅިފައިވާއިރު މިއަހަރު އެ މުއްދަތުގައި ހުށަހެޅިފައި ވަނީ 857 މައްސަލަ އެވެ.