09 Jul 2013, 13:57
ރިޔާސީ އިންތިހާބުގެ ކެމްޕޭނަށް އެމްޑީޕީން ބޭނުންކުރާ "އެއްބުރުން" ޝިއާރާ އެކު، ރީނދޫ ކުލައިން ޖަރީކުރި ކައިވެންޏެއްކޮށްދިނުމަށް ގާޒީއަކު ދެކޮޅު ހަދައިފި އެވެ.
~
އެކަން ހިނގާފައި ވަނީ މިދިޔަ ހަފްތާގައި ގއ. ކަނޑުހުޅުދޫގަ އެވެ. އެ ރަށު ދެ ޒުވާނަކަށް ކައިވެނި ކޮށްދޭން ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ހަސަން ދީދީ ގެއަށް ވަޑައިގެންނެވި އިރު، ކައިވެނި ކުރާ މާލަން އޮތީ ރީނދޫ ކުލައިން ޖަރީކޮށްފަ އެވެ. މޭޒުމަތީގައި އަޅާފައިވާ ފޮތިގަނޑުގައި އޮތީ "އެމްޑީޕީ އެއްބުރުން" ބޮޑު އަކުރުން ލިޔެފަ އެވެ. ގޮނޑި އާއި މޭޒާއި ކައިވެނި ކުރާ ދެ މީހުންގެ ހެނދުން ވެސް ވަނީ ރީނދޫ ކުލައިން ނަލަކޮށްފަ އެވެ. ދެ މީހުން ވެސް ތިބީ "އެއްބުރުން" ކައިވެނިކުރަން ތައްޔާރުވެގެންނެވެ.
ނަމަވެސް ގާޒީ އެކަމަށް ދެކޮޅު ހެދި އެވެ. ވަކި ބަޔަކު ޕްރޮމޯޓްކުރުމަށް ޓަކައި ކައިވެންޏެއް ނުކޮށްދެވޭނެ ކަމަށާއި މޭޒުމަތީގައި "އެމްޑީޕީ އެއްބުރުން" ލިޔެފައިވާ ފޮތިގަނޑު ބަދަލުކޮށްދިނުމަށް ގާޒީ އެދިވަޑައިގެންނެވި އެވެ. ކައިވެނި ކުރަން ޖެހުނީ ދެވަނަ ބުރުންނެވެ.
ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ "ސަން"އަށް ވިދާޅުވީ ކޮންމެ ކުލަޔަކުން ކައިވެނީގެ ހަފްލާ ޖަރީކުރިޔަސް އެއީ މައްސަލައެއް ނޫން ކަމަށާއި ނަމަވެސް ވަކި ބަޔަކު ޕްރޮމޯޓް ކުރުމަށްޓަކައި ލިޔުންތަކެއް ބަހައްޓައިގެން ކައިވެންޏެއް ކުރިއަށް ގެންދިއުމަކީ ރަނގަޅު ކަމެއް ނޫން ކަމަށެވެ. އަދި އެ ސަބަބަށްޓަކައި މޭޒުމަތީގައި އަޅާފައި އޮތް "އެމްޑީޕީ އެއްބުރުން" ލިޔެފައިވާ ފޮތިގަނޑު ބަދަލު ކުރުމާ އެކު ކައިވެނިކޮށްދިން ކަމަށް ހަސަން ދީދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދިޔައީ އެމްޑީޕީގެ ޖަގަހައެއް ހުޅުވާކަން ނޫނޭ. އެމްޑީޕީގެ ޖަލްސާއަކަށް ނޫނޭ. އެމްޑީޕީގެ އެއްވެސް މުނާސަބައެއް ފާހަގަ ކުރާކަން ނޫން. އަޅުގަނޑުމެން ދިޔައީ އުފާވެރި ކައިވެންޏެއް އެބޭފުޅުންނަށް ކޮށްދިނުމަށް،" ކަނޑުހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ ގާޒީ ހަސަން ދީދީ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ދާއިރު، އެތަން އެހެން ހުރީމާ އެބޭފުޅުން އެއިން ނަގާނެ ވަރަށް ނާޖައިޒް ފައިދާތަކެއް. އެއީ އެބޭފުޅުން އަޅުގަނޑު އެ ތާންގައި އިށީނީމާ ފޮޓޯ ނަގާނީ. ދެން ސޯޝަލް މީޑިއާގައި ޝެއާ ކުރުމުން އަޅުގަނޑު އެވީ ސިޔާސީ މީހަކަށް. އެކަން އެބޭފުޅުންނަށް އެކަން ކުރިޔަ ނޫދޭންވެގެން އެހެން ކަންތައް ކުރީ،"