09 Jul 2013, 13:51
ރޯދައިގެ ހުކުމްތައް ބާވައިލައްވައިފައިވަނީ ކީރިތި ޤުރުއާނުގެ ސޫރަތުލް ބަޤަރާގައެވެ. އެސޫރަތުގެ 183 ވަނަ އާޔަތާއި 184 ވަނަ އާޔަތާއި 185 ވަނަ އާޔަތުގެ މާނާގައިވެއެވެ.
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުންގެ ކުރީގެ މީހުންގެ މައްޗަށް ފަރުޟު ކުރެއްވި ފަދައިން ތިޔަބައިމީހުންގެ މައްޗަށް ވެސް ރޯދަ ފަރުޟު ކުރައްވައިފިއެވެ. (އެއީ) ތިޔަބައިމިހުން ތަޤުވާވެރިވުމަށްޓަކައެވެ. (ރޯދަ ހިފަންވީ) އަދަދު ކަނޑައެޅިގެންވާ ދުވަސްތަކެއްގައެވެ. ފަހެ، ތިޔަބައިމީހުންގެ ތެރެއިން ބަލިވެއުޅޭ މީހާ ނުވަތަ ދަތުރެއްގެމަތީ ގައި ވާމީހާ (ރަމަޟާން މަހު ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސްތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ. އަދި އުނދަގޫކަމާ އެކު އެކަމަށް ކުޅަދާނަވާ މީހުންގެ މައްޗަށް އޮތީ، (ރޯދަ ދޫކޮށްލުމާއެކު) ފިދުޔަ ދިނުމެވެ. (ފިދުޔައިގެ މިންވަރަކީ) މިސްކީނަކަށް ކާންދޭ މިންވަރެވެ. ފަހެ، ތަޠައްވުޢުގެ ގޮތުން އިތުރު ހެޔޮކަމެއް ކޮށްފި މީހާ (ދަންނާށެވެ!) ފަހެ، އެކަންތައް އެމީހަކަށް ހެޔޮކަން ބޮޑެވެ. އަދި ތިޔަބައިމީހުން ރޯދަހިފުން ތިޔަބައިމީހުންނަށް ހެޔޮކަން ބޮޑެވެ. އެކަން ތިޔަބައިމީހުން ދަންނާނެނަމައެވެ.
ރަމަޟާން މަހަކީ، އެމަހެއްގައި ޤުރުއާން ބާވައިލެއްވިމަހެވެ. (އެޤުރުއާން ބާވައިލެއްވީ) މީސްތަކުންނަށް ހުރި ތެދުމަގެއް ކަމުގައްޔާއި، ހިދާޔަތާއި، ޙައްޤާއި، ބާޠިލް ވަކިކޮށްދެނިވި ހެކިތަކެއްކަމުގައެވެ. ފަހެ، ތިޔަބައިމިހުންގެ ތެރެއިން އެމައްސަރުގައި ހާޟިރުވެ ހުރެއްޖެ މީހާ އެމަހުގައި ރޯދަ ހިފާހުށި ކަމެވެ! އަދި ބަލިވެ އުޅޭ މިހާ ނުވަތަ ދަތުރެއްގެމަތީގައިވާ މީހާ، (އެމައްސަރުގެ ރޯދަ ދޫކޮށްލައިފިނަމަ) އެހެން ދުވަސް ތަކަކުން އެ ޢަދަދު ހަމަކުރުން ހުއްޓެވެ. ﷲ ތިޔަބައިމީހުންނަށް ލުއިފަސޭހަގޮތް އިރާދަކުރައްވަތެވެ. އަދި ދަތި އުނދަގޫގޮތް ތިޔަބައިމީހުންނަކަށް އިރާދައެއް ނުކުރައްވަތެވެ. (މިކަންތައްތައް މިގޮތަށް ކަނޑައަޅުއްވައިފައި ވަނީ) ތިޔަބައިމީހުން އެމައްސަރުގެ ދުވަސްތަކުގެ ޢަދަދު ފުރިހަމަ ކުރުމަށްޓަކައެވެ. އަދި ތިޔަބައިމީހުންނަށް ތެދުމަގު ދެއްކެވިކަން މައްޗަށް ﷲ އަށް ތަކުބީރުކިޔައި އުޅުމަށްޓަކައެވެ. އަދި ތިޔަބައި މީހުން (އެކަލާނގެއަށް) ޝުކުރުވެރި ވުމަށްޓަކައެވެ."
ރޯދަ އަކީ އެއްފަހަރާ ދެ ރޮނގަގުން އިންސާނުން ތަރްބިޔަތުކޮށްދޭ ވަސީލަތެކެވެ. ޝުކުރުވެރިވުމާއި، ތަޤްވާވެރިވުމުގެ ތަރްބިޔަތެވެ. އިންސާނާގެ ކަނާއާއި ބޯފެނަކީ އަރަހުށި މާތްﷲ ގެ ވަރަށްބޮޑު ނިއުމަތްތަކެކެވެ. ނަމަވެސް އާއްމު ޙާލަތްތަކުގައި އިންސާނާއަށް އެކަން އިޙްސާސެއްނުވެއެވެ. ރޯދައަށް ހުންނައިރު އޭނާ ހުންނަނީ ކާބޯތަކެއްޗާ ދުރުހެލިވެގެންނެވެ. ކެއިން ބުއިން ހުއްޓައިލައިގެންނެވެ. ފަޖުރުލީއްސުރެ އިރުއޮއްސުމާ ހަމައަށް އެގޮތުގައި ހުރުމަށްފަހު އިރުއޮއްސުމުުން އޭނާ ރޯދަ ވީއްލައެވެ. އޭނާ ކާބޯތަކެތީގެ ސުފުރާއާ ކުރިމަތިލަނީ ނުހަނު ބަނޑުހައި ކަމާއި ފެންބޮވައިގަތުމުގައި ބާރަވަރަކަށް ގަޑިއިރު ހޭދަކުރުމަށްފަހުއެވެ. އެވަގުތު އޭނާއަށް އިޙްސާސް ވަނީ ކާބޯތަކެއްޗަކީ މާތްﷲ ގެ ކިހާބޮޑު ނިޢުމަތެއްކަމެވެ. މިތަޖުރިބާއިން އިންސާނާގެ ކިބައިގައި އޭނާގެ ރައްބާމެދު ޝުކުރުވެރިވުމުގެ ނިހާޔަތުގެ ވަރުގަދަ ޖަޒުބާތެެއް އުފެދެއެވެ.
އަނެއްކޮޅުން ރޯދައަކީ އިންސާނާއަށް ލިބޭ ތަޤްވާވެރިކަމުގެ ތަރުބިޔަތެކެވެ. ތަޤުވާގެ އެއް އަސާސަކީ އިންސާނާ އޭނާގެ ވެރި ރަސްކަލާނގެ ކަނޑައަޅުއްވައިފައިވާ އިންތަކުގެ ތެރޭގައި ރަމަތަވުމެވެ. އޭނާގެ ވެރި ރަސްކަލާނގެ މަނާ ކުރައްވާފައިވާ ތަކެއްޗާއި ކަންކަމުން ދުރުހެލި ވުމެވެ. އެކަލާނގެ އޭނާއަށް ހުއްދަކުރައްވައިފައިވާ ކަންތައްތައްކުރުމެވެ. ރޯދައަށް ހުންނައިރު ހަމައެކަނި ރޭގަނޑު ކައިބޮއި ހެދުމާއި، ދުވާލު ކައިބޮއި ހެދުމާ ދުރުހެލިވެގެން ހުރުމަކީ އަރަހުށި މާތްﷲ އީ، ތިމާގެ ކަންތައް ބައްލަވައި ވޮޑިގެންވާ ރަޤީބުވަންތަ ރަސްކަލާނގެ ކަމުގައި ހެދުމުގެ ތަރުބިޔަތެކެވެ. މުއުމިނުންގެ މުޅިހަޔާތު ވާންޖެހޭނީ މިފަދަ "ރޯދަވެރި" ޙަޔާތަކަށެވެ. ރޯދަމަހުގެ ދުވާލުގެ ގަޑިތަކުގައި ބައެއް ކަންކަމާއި ތަކެތި ދޫކޮށްލައިގެން ހުރުމުގެ ޒަރީޢާއިން މުއުމިނުން ހޯދަނީ އޭނާގެ ރަސްވަންތަ ﷲ ރުހިވޮޑިގެންނުވާ ކަންކަމާއި ތަކެއްޗާ ދުރުހެލިވެގެން މުޅި ޢުމުރުގައި ހުރުމުގެ ތަރުބިޔަތެވެ.
ރޯދައިގެ ސަބަބުން އިންސާނައަށް މަޑުމޮޅިކަމާއި އޯގާވެރިކަމާއި ހިތްތިރިކަމުގެ ތަމްރީނު ލިބެއެވެ. ހަވާނަފްސު މަތަކޮށް ހިފެހެއްޓުމުގެ ތަރުބިޔަތު ލިބެއެވެ. އަރަހުށި މާތްﷲ އެކަލާނގެ އަޅުތަކުންގެ ކިބައިގައި ހުރުން އެދިވޮޑިގެންވާ ސިފަތައް އިހްސާސްކުރެވި އެކަންކަން ހިތުގައި ހަރުލައެވެ. ރޯދައިގެ ވަރުގަދަ ތަރުބިޔަތުގެ ނަތީޖާއަކީ އަރަހުށި މާތްﷲ ގެ ނިޢުމަތްތަކާ މެދު ޝުކުރުވެރިކަމުގެ ޖަޒުބާތުން އަޅާގެ ހިތުގެ ވިންދު ހަލުވި ވުމެވެ. މާތްﷲ އަށް ބިރުވެތިވެ އޭނާ ތުރުތުރު އެޅުމެވެ. އިންސާނާގެ ނަފްސިއްޔާތު މިފަދަ ޙާލަތަކަށް ދިޔުމުން އޭނާގެ ހިތުގައި އޭނާގެ ވެރި މާތްﷲ ގެ ނިޢުމަތްތަކާ މެދު އުފެދޭ ޝުކުރުވެރިކަމުގެ ޝުޢޫރު ތަކަކީ އޭގައި އޭނާގެ ހިތާއި ފުރާނައިގެ ހޫނުކަން އެކުލެވޭ ޝުކުރުގެ ޝުޢޫރުތަކެކެވެ. އޭނާއަށް ތަޖުރިބާކުރެވޭ ތަޤްވާވެރިކަމަކީ އޭނާގެ ވެރި ރައްބަށް ބިރުވެތިވުމުގެ ސަބަބުން އޭނާގެ ލޯލިތައް ކޮޅަށް ޖެހިގެންދާ ފަދަ ތަޤްވާވެރިކަމެކެވެ. އެހިނދު އޭނާއަށް އޭނާގެ ވެރި ރަސްކަލާނގެ ރަސްކަންފުޅު ސިފަވެގެން ދާނީ ތިމާއަކީ އެއްވެސް ޙައިޡިއްޔަތެއް ނެތް ވުޖޫދެއްކަން ޔަޤީންވާ ފަދަ މާތްވަންތަ، މަތިވެރިވަންތަ ފަރާތެއްގެ ގޮތުގައެވެ.
ކީރިތި ޤުރުއާނަކީ މާތްﷲ އެކަލަނގެ އަޅުތަކުންނަށް ދެއްވައިފައިވާ ވަރަށް އަގުހުރި އިނާމެކެވެ. ރޯދަޔަކީ މުއުމިން އަޅުން އެނިޢުމަތަށް ޢަމަލީގޮތުންވާ ފުރިހަމަ އިޢުތިރާފެކެވެ. ރޯދައިގެ ޒަރީޢާއިން މުއުމިނުން ހޯދަނީ ޤުރުއާން މަގުދައްކާފަދައިން ދުނިޔޭގައި ތަޤްވާވެރި ދިރިއުޅުމެއް އުޅުމުގެ އެކަށޭނަކަމެވެ.
ރޯދަމަހަކީ އެމަހެއްގައި ކީރިތިޤުރުއާން ބާވައިލެއްވި މަހެވެ. އެކަމުންވެސް އެނގެނީ ރޯދަ އާއި ކީރިތި ޤުރުއާނާ ދެމެދުގައި އޮންނަ ފުން ގުޅުމެވެ. އެގުޅުމަކީ ކީރިތި ޤުރުއާން އެފޮތް ޤަބޫލުކުރާ މީހުނާ ޙަވާލުކުރާ ވަރުގަދަ މިޝަނެވެ. މާތްﷲ ގެ މަގަށް މީސްތަކުންނަށް ދަޢުވަތު ދިނުމުގެ މިޝަނެވެ. އެމިޝަން ކާމިޔާބުކަމާއެކު ހިންގައިލުމަށްޓަކައި ވަރަށް ވަރުގަދަ ކެތްތެރިކަމެއް ބޭނުންވެއެވެ. ތިމާމެންގެ ޠަބީޢަތުގެ މައްޗަށް ފުރިހަމަޔަށް ބާރުފޯރުވަން ބޭނުންވެއެވެ. ރޯދަޔަކީ މިދެންނެވި ކެތްތެރިކަމާއި އަމިއްލަ ނަފްސު މަތަކޮށް ހިފެހެއްޓުމުގެ ތަރުބިޔަތުގެ ޒަރީއާއެކެވެ.
އިތުރުސާހިބާގެ ޙަދީޡް ފުޅެއްގައިވާ ގޮތުން ރޯދަމަހަކީ ކެތްތެރިކަމުގެ މައްސަރެވެ. އެމަހުގެ ތަރްބިޔަތު މުއުމިނުންގެ ކިބައިގައި އުފައްދަނީ މާތްﷲ ގެ މަގަށް ދަޢުވަތުދިނުމުގެ މިޝަން ކެތްތެރިކަމާއި ސާބިތުކަމާއެކު ހިންގައި ކާމިޔާބުގެ މަންޒިލަށް ގެންދިޔުމުގެ ޤާބިލުކަމެވެ.