09 Jul 2013, 13:33
ރޯދަ މަހާއެކު ކާބޯތަކެތީގެ ބާވަތްތަކަށް އޮންނަ ޑިމާންޑް ބޮޑުވުމުން، އާއްމުކޮށް ކޮންމެ ފަހަރަކު ވެސް އަގުތައް އިންތިހާއަށް އުފުލިގެންދެ އެވެ. މި އަހަރުގެ ރޯދަ މަސް މިއަދު ފެށުނުއިރު ވެސް ބާޒާރުގެ އަގުތައް ހުރީ އިންތިހާއަށް އުފުލިފަ އެވެ.
ލޯކަލް މާރުކޭޓްގެ އަގުތަކަށް ބަލާ އިރު ރޯދަ މަހު އެންމެ މަގުބޫލު ކަރަލުގެ އަގު އުޅެނީ ކިލޯއެއް 20ރ. އަށެވެ. މިދިޔަ އަހަރު ރޯދަ މަސް ފެށުނު އިރު ކަރާ ކިލޯއެއް ވިއްކީ 15ރ. އަށެވެ. ފަނި ގިރާލަން ބޭނުންކުރާ ފެޝަން ފުރުޓް ކިލޯއެއް 80ރ. އަށް ހުރި އިރު ފޭރު ކިލޯއެއްގެ އަގު އުޅެނީ 60ރ. އަށެވެ. އަދި ރަންބުސްތާން ކިލޯއެއް 80ރ. އަށް ހުރި އިރު ކުރުނބަލެއްގެ އަގު އުޅެނީ 12ރ. އާއި 15ރ. އާ ދޭތެރޭ އަގުތަކެއްގަ އެވެ. އަދި ގަބުޅިއެއް ވިއްކަނީ 15ރ. އަށެވެ.
ބާޒާރުގައި ލުނބޯ ކިލޯއެއް 50ރ. އަށް ވިއްކާ އިރު މިރުސް ކިލޯއެއް ވިއްކަނީ 180ރ. އަށެވެ. އަދި ކެބެޖް ކިލޯއެއް 70ރ. އަށް ވިއްކާ އިރު ކެރެޓް ކިލޯއެއްގެ އަގު އުޅެނީ ކިލޯ އެއް 50ރ. ގަ އެވެ. އަދި ކޮޕީ ފަތް ބޮނޑިއެއް 10ރ. އަށް ވިއްކާ އިރު ކުއްޅަ ފިލާފަތް ދެ ބޮނޑި ވިއްކަނީ 15ރ. އަށެވެ. އަދި ބަށި ކިލޯއެއް 40ރ. އަށް ވިއްކާއިރު ފަޅޯކިލޯއެއް ހުރީ ހަތް ރުފިޔާ އަށެވެ.
ފިޔާ އަލުވި ބިހުގެ އަގުތަކަށް ބަލާ އިރު ބާޒާރުގައި ފިޔާ ބަސްތާއެއް ލިބެން ހުރީ 650ރ. އަށެވެ. އަދި ބިސް ކޭހެއް 440 ރުފިޔާ އަށެވެ. ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަނީ 30ރ. އަށް ނަމަވެސް އެސްޓީއޯގެ ފިހާރަތަކުން ފިޔާ ކިލޯއެއް ވިއްކަނީ 10ރ. އަށެވެ. އަދި އަލުވި ކިލޯއެއް 8ރ. އަށް ލިބެން އެބަހުއްޓެވެ.