ސޮނޭވާ ރިސޯޓްސް އިން ވިއްކަން ހުޅުވާލި ޕްރައިވެޓް ރެސިޑެންސްތަކުގެ ތެރެއިން އަށް ގެއެއް ވިއްކާލައިފި އެވެ.

ވޯލްޑް ޕްރޮޕަޓީ ޗެނަލަށް ދެއްވި އިންޓަވިއުއެއްގައި ސޮނޭވާ ރިސޯޓްސް ޗެއާމަން ސޯނޫ ޝިވްދަސާނީ ވިދާޅުވީ ރާއްޖޭގައި ހިންގާ ސޮނެވާ ފުށި ރިސޯޓުގައި 50 ޕްރައިވެޓް ރެސިޑެންސް ތަރައްގީކުރުމަށް ފަހު ވިއްކަން ނިންމާފައިވާ ކަމަށެވެ. އަދި އޭގެ ތެރެއިން 16 ގެއެއް ހަދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ އެ ރަށުގައި ހެދި ޕްރައިވެޓް ރެސިޑެންސްތައް ގަނެފައި ވަނީ ރަޝިއާ އަދި ޔޫރަޕް އަދި އޭޝިއާގެ މަހުޖަނުން ކަމަށެވެ.

ސޮނޭވާގައި ހެދި ފުރަތަމަ ރެސިޑެންސް ގަނެފައި ވަނީ 2011 ވަނަ އަހަރު ފްރާންސްގެ މަހުޖަނެއް ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ. ސޮނެވާގައި ހެދި އެ ރެސިޑެންސް ފްރާންސްގެ މަހުޖަނު ގަނެފައި ވަނީ ހަތް މިލިއަން ޑޮލަރަށެވެ.

ރާއްޖޭގައި މި ގޮތަށް ދިގު މުއްދަތަކަށް ރިސޯޓްތަކުގެ ރޫމްތަކާއި ވޯޓާ ވިލާތައް ވިއްކުމަށް އެންމެ ފުރަތަމަ ހުޅުވައިލީ ވެސް ސިކްސް ސެންސަސް އިންނެވެ. ދެ ހާސް ދިހަ ވަނަ އަހަރު އެ ކުންފުނިން ފުރުސަތު ހުޅުވާލާފައިވަނިކޮށް ރާއްޖޭގައި ފުރަތަމަ ފަހަރަށް ވަނީ މި ގޮތަށް ތަންތަން ކުއްޔަށް ދިނުމާ ބެހޭ ގަވާއިދަކަށް ވެސް އަމަލުކުރަން ފަށައިފަ އެވެ. އެ ގަވާއިދުގައިވާ ގޮތުން ރިސޯޓެއްގެ ބައެއް ނުވަތަ ވޯޓާ ވިލާ ފަދަ ތަންތަން ގިނަވެގެން 50 އަހަރު ދުވަހަށް އެހެން ފަރާތަކަށް ކުއްޔަށް ދެވިދާނެ އެވެ.

ސޯނޫ ވިދާޅުވީ ޓޫރިސްޓުންގެ މެދުގައި މަގުބޫލް ރާއްޖޭގައި ތަރައްގީކޮށްފައިވާ މިފަދަ ގެތަކެއް ގަންނަން ލިބޭނީ ވަރަށް މަދުން ކަމަށެވެ. އަދި އެފަދަ ގެތަކެއް ގަތުމަށް ފަހު އެތަންތަނުން އާމްދަނީ ވެސް ހޯދޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯނޫ ވިދާޅުވީ އޭނާގެ ދެވަނަ ރިސޯޓެއް ތަރައްގީކުރުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށެވެ.

ސޮނޭވާ އިން ކުރިން ހިންގި ސޮނޭވާ ގިލި ސިންގަޕޫރުގެ އެޗްޕީއެލް ރިސޯޓްސް އަށް ވިއްކާލި އިރު ލ. އޮޅުވެލީގައި ތަރައްގީކުރި ސިކްސް ސެންސަސް ލާމު ވިއްކާލާފައި ވަނީ އެމެރިކާގެ ޕެގާސަސް ކެޕިޓަލް އަށެވެ.