ރޯދަމަހާ ދިމާކޮށް މާރުކޭޓުގައި މަހުގެ ބާވަތްތައް މަދުވެ، މަހުގެ އަގު އިންތިހާއަށް މައްޗަށް ހިނގައްޖެ އެވެ.

މާލޭ މާރުކޭޓުގައި މިއަދު ކަންނެލި ކިލޯއެއްގެ އަގު 70ރ، އަށް ހުރިއިރު ކިރިޔާ ފޫޓު ހަމަވާ ވަރުގެ އާދައިގެ ކުޑަކުޑަ ކަންނެއްޔެއް ލިބެނީ 80ރ. އަށް އަށެވެ. އަދި ހަމަ އެ ސައިޒުގެ ކަޅުބިލަމަހެއްގެ އަގު އުޅެނީ 50ރ. އާއި 80ރ. އާ ދެމެދުގަ އެވެ.

މާރުކޭޓުގައި މިއަދު ފަރު މަހުގެ އަގުތައް ވެސް ހުރީ "ރަނަށް" ވެފަ އެވެ. އެގޮތުން، ދޮޅު ފޫޓު ހަމަ ނުވާވަރުގެ ރަތްމަހެއް ގަންނަން ލިބެނީ 400ރ، އަށެވެ. އަދި ހަމަ އެވަރުގެ މުޑަހަންޖެއްގެ އަގު 500ރ. އަށް އުފުލިފައިވާއިރު، ކައިވަތެއް ހަމަވާ ވަރުގެ ކުޑަކުޑަ ގިނި މަހެއްގެ އަގު ހުރީ 70ރ. އަށެވެ.

ފިލޮޅުގެ އަގު 100ރ. އާއި 150ރ ދެމެދުގައި ވިއްކަން ހުރި އިރު ތޮޅި މަހެއް ލިބެނީ 25ރ. އަށެވެ. އަދި ކުޑަ ބޯވައެއްގެ އަގު 200ރ އުފުލިފައިވާ އިރު މީގެ ކުރިން 10ރ ތިން މަސް ގަންނަން ލިބޭ ރިންމަހާއި މުށިމަސް މުލަ ރޯދަ ދުވަހު ގަންނަން ލިބެން ހުރީ 10ރ. އެންމެ މަހެކެވެ.

ރޯދަމަހާ ދިމާކޮށް މާރުކޭޓުގައި މަހުގެ ބާވަތްތަކުގެ އަގު އުފުލިފައި މިވަނީ، މަސް ބާނާލެއް ވެސް މަދުވެފައި އަދި މާރުކޭޓަށް ގެންނަ މަހުގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވީމަ އެވެ.

މާރުކޭޓުގައި މަސް ވިއްކަން ތިބި މީހުން ބުނީ މަހުގެ އަގު ބޮޑުވެފައި ވަނީ މަސްވެރިކަން ދަށްވެ، މާލެއަށް ގެންނަ މަހުގެ އަދަދު މަދުވުމުން ކަމަށެވެ.