09 Jul 2013, 13:08
ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް އިން ކޮންމެ ހަފުތާއަކު ހިޓާޗީ އިންވާޓާ އައިސްއަލަމާރިއެއް ލިބޭ ޕްރޮމޯޝަނެއް މިއަދު ފަށައިފި އެވެ.
ސަރުކާރުގެ މަސް ކުންފުނިން ނެރުނު ނޫސްބަޔާނެއްގައި ވަނީ "ކޭއެފްއެމް ރޯދަމަސް"ގެ ނަމުގައި ފެށި ހާއްސަ ޕްރޮމޯޝަންގައި އައިސް އަލަމާރި ދިނުމަށް ހަމަޖެހިފައި ވަނީ އެ ކުންފުނީގެ ދެ މަސް ފިހާރައިން، 200ރ. އިން މަތީގެ ވިޔަފާރިކުރާ ފަރާތްތަކުގެ މެދުގައި ނަގާ ގުރުއަތަކުން ކަމަށެވެ. އެ ޕްރޮމޯޝަނުގައި 30،000ރ.ގެ އަގު ހުރި ހަތަރު އައިސް އަލަމާރި ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޫއްޑޫ އިން ބުނީ މި ރޯދަމަހު އެ ކުންފުނީގެ ފިހާރަތަކުން ދަޅުމަހުގެ އިތުރުން ފިނިކުރި ކަނޑުމަހާއި ކަންނެލި އަދި ފަރުމަހުގެ ބާވަތްތައް ވެސް ލިބެން ހުންނާނެ ކަމަށެވެ. އަދި ދެމެހެއްޓެނިވި ގޮތަކަށް މަސް ލިބޭނެ ގޮތް ހެދުމަށް ކޫއްޑޫގެ މަސްބޯޓެއް މާލެ ސަރަހައްދުގައި ބަނދަރުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.
ކޫއްޑޫއިން ބުނީ މާލެ ސަރަހައްދުގައި އޮންނަ ބޯޓުން ކޮންމެ ދުވަހަކު އެ ކުންފުނީގެ ދެ ފިހާރައަށް މަސް ފޯރުކޮށްދޭނެ ކަމަށެވެ. އަދި ކޫއްޑުއިން ކޮންމެ ދުވަހަކު ވައިގެ މަގުން ހަފުތާއަކު އެއް ދުވަހު ކަނޑުމަގުން މަސް ގެންނާނެ ކަމަށްވެސް އެ ކުންފުނިން ބުންޏެވެ.