09 Jul 2013, 11:48
މަސާޗޫސެޓްސް (ޖުލައި 9) : އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ އަނބިކަނބަލުން ޓެރޭޒާ ހެއިންޒް ކެރީ އަށް ޖެހިވަޑައިގެންނެވި އާލާސްކަންފުޅަކާ ގުޅިގެން އޭނާގެ ޙާލަތު ވަރަށް ނާޒުކު ކަމަށް ކެރީގެ ޢާއިލާއިން ބުނެފި އެވެ.
ކެރީގެ ޢާއިލާގެ ފަރާތުން ވާހަކަ ދެއްކެވި ތަރްޖަމާން ގްލިން ޖޯންސަން ވިދާޅުވީ ޓެރޭޒާ ބަލިވީ މަސާޗޫސެޓްސްގައި ޢާއިލީ ޗުއްޓީއެއްގައި އުޅުއްވަނިކޮށް ކަމަށާ މިއާ އެކު ކުއްލިޙާލަތުގައި އޭނާ ބޮސްޓަންގެ ހޮސްޕިޓަލެއްގައި އެނދުމަތިކޮށްފައިވާ ކަމުގަ އެވެ. އަނބިކަނބަލުން ހޮސްޕިޓަލުގައި އެނދުމަތި ކުރުމާ އެކު ޖޯންކެރީ ވެސް އިއްޔެ ބޮސްޓަން ހޮސްޕިޓަލަށް ވަޑައިގެންފައިވާ ކަމަށާއި ޓެރޭޒާގެ ޙާލުކޮޅުއިތުރަށް ދަށަށްނުދާ ކަމަށް ޖޯންސަން ވިދާޅުވި އެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު ޖޯންކެރީގެ އަނބިކަނބަލުން ޓެރޭޒާ ހެއިންޒް ކެރީ އަކީ ޕޯޗްގަލް ދަރިކޮޅުގެ ބޭކަނބަލެކެވެ. އެކަމަނާ އުފަންވެފައި ވަނީ ޕޯޗްގީޒުން މޮޒަންބީކް އިސްތިޢުމާރުކޮށްގެން އުޅުނު ދުވަސްވަރު މޮޒަމްބީކް ގައެވެ. އުމުރުން 74 އަހަރުގެ ޓެރޭޒާ އަކީ އެމެރިކާގެ ވަރަށް މުއްސަނދި ޢާއިލާއެއް ކަމަށްވާ ހެއިންޒް ޢާއިލާގެ މެންބަރެއް ކަމަށްވާ ޖޯން ހެއިޒްގެ ކުރީގެ އަނބިކަނބަލުންނެވެ. ޓެރޭޒާގެ ކުރީގެ ފިރިކަލުން ޖޯން ހެއިޒްއަކީ އެމެރިކާގެ ސެނެޓްގެ ކުރީގެ މެންބަރެއް ވެސް މެ އެވެ.
ޓެރޭޒާއާއި ޖޯންކެރީ ކައިވެނި ކުރައްވާފައި ވަނީ 2005 ވަނަ އަހަރު އެވެ. މިއީ މި ދެބޭފުޅުންގެ ވެސް ދެވަނަ ކައިވެންޏެވެ. ޓެރޭޒާއަށް ވަނީ 2009 ވަނަ އަހަރު އުރަމަތީ ކެންސަރު ޖެހިވަޑައިގެންފަ އެވެ. އެބައްޔަށް އެކަމަނާ މިހާރު ވެސް ބޭސްކުރައްވަމުން ގެންދަވާ ކަމަށްވެ އެވެ. ޓެރޭޒާ މިހާރު އެނދުމަތިކޮށްފައި ވަނީ ކޮންބައްޔަކަށް ފަރުވާކުރުމަށް ކަން އޭނާގެ ޢާއިލާއިން ހާމަކޮށްފައެއްނުވެ އެވެ. (ބީ.ބީ.ސީ)