ޤަހިރާ (ޖުލައި 9): މިސްރުގެ ސިފައިން ދިންކަމަށް ބެލެވޭ ބަޑީގެ ޙަމަލާތަކެއްގައި އެގައުމުގެ ކުރީގެ ރައީސް ޑރ. މުޙައްމަދު މުރުސީއަށް ތާއީދުކުރާ 49 މީހަކު މަރުވެ އެތައް ސަތޭކަބަޔަކު ޒަޚަމްވުމާގުޅިގެން އެއީ ސިފައިން ހިންގި ޤަތްލު ޢާންމެއް ކަމަށް މުރުސީ ނިސްބަތްވެ ވަޑައިގަންނަވާ އިޚްވާނުލްމުސްލިމޫން ޖަމާއަތުން ސިފަކޮށްފި އެވެ.

ޤާހިރާގައި ހުންނަ މިސްރުގެ ރިޔާސީ ގާޑުންގެ މައި މަރުކަޒުގެ ކުރިމަތީގައި އިއްޔެ އިޙްތިޖާޖް ކުރަމުން ގެންދިޔަ ޑރ. މުރުސީ އަށް ތާއީދުކުރާ އިޚްވާން ޖަމާއަތަށް ނިސްބަތްވާ އެތައް ހާސްބަޔަކަށް އަމާޒުކޮށް އިއްޔެ ބަޑިން ޙަމަލާދީ 49 މީހުން މަރާލި ޖަރީމާ ހިންގާފައި ވަނީ އެސަރަހައްދުގައި ޙަރަކާތްތެރިވަމުން ގެންދިޔަ ކުލަހެދުމުގައި ތިބި މިސްރުގެ ސިފައިން ކަމަށް އިޚްވާން ޖަމާއަތުން ބުނެފައިވީ ނަމަވެސް މިސްރުގެ ސިފައިން ނެރުނު ބަޔާނެއްގައި ވަނީ މިކަން ދޮގުކޮށްފަ އެވެ.
މިސްރުގެ ސިފައިންގެ ބަޔާނެއް އިއްވަމުން ސިފައިންގެ ތަރްޖަމާން ކާނަލް އަޙްމަދު މުޙައްމަދު ޢަލީ ވިދާޅުވީ ރިޔާސީ ގާޑުންގެ މައިމަރުކަޒުގެ ކުރިމަތީގައި އިޙްތިޖާޖް ކުރަމުން ގެންދިޔަ މީހުންގެ ގަޔަށް ބަޑިޖަހާފައި ވަނީ ހަތިޔާރު އަޅައިގެންތިބި ޓެރަރިސްޓުންގެ ބައެއްކަމަށާ އެއީ ސިފައިން ހިންގި ޢަމަލެއް ނޫންކަމުގަ އެވެ. އަދި އިޙްތިޖާޖްކުރި މީހުން ދިން ބަޑީގެ ޙަމަލާއެއްގައި މިސްރު ސިފައިންގެ އޮފްސަރަކާއި އިތުރު މީހަކު މަރުވެފައިވާ ކަމަށް ވިދާޅުވެ ކާނަލް އަޙްމަދު މުޙައްމަދު ޢަލީ ވާހަކަ ދެއްކެވި އެވެ.
އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ މިސްރުގެ ފަރާތްތަކާއި އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޢަރަބި އޮގަނައިޒޭޝަނުން ވަނީ މުރުސީއަށް ތާއީދުކުރާ މީހުންގެ ތެރެއަށް ބަޑިޖަހައި 49 މީހުން މަރާލީ މިސްރުގެ ސިފައިން ކަމަށް ތުހުމަތުކޮށްފަ އެވެ. އަދި މިޖަރީމާގެ ހަޤީޤަތް އޮޅުވާލައި މިކަމުގެ ޒިންމާ އެހެން ފަރާތްތަކެއްގެ ބޮލުގައި އެޅުވުމަށް މިސްރު ސިފައިން މަސައްކަތްކުރާ ކަމަށްވެސް ތުހުމަތުކޮށްފަ އެވެ.

މުރުސީއަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް މިސްރުގެ ސިފައިން ހިންގި ކަމަށްބެލެވޭ މިޤަތްލު އާންމު، ޑިމޮކްރަސީއާއި އިންސާނީ ޙައްޤުތަކުގެ ނަމުގައި އެންމެ އަޑުގަދަކޮށް ވާހަކަ ދައްކާ އެމެރިކާ އާއި ޔޫރަޕްގެ ގައުމުތަކުން ކުށްވެރިކޮށްފައެއް ނުވެ އެވެ. ވިލާތުގެ އިއްތިޙާދާއި އިނގިރޭސިވިލާތުން މިސްރަށް ހަމަޖެހުން ގެނަންބޭނުންވެފައިވާ ކަމަށާ އަދި މިކަމަށް އެހީތެރިވެދޭނެ ކަމަށް ބުނެފައިވާއިރު އެމެރިކާ މިސްރު ސިފައިންނަށް ގޮވާލާފައި ވަނީ ހަމައެކަނި ނަފްސު ކޮންޓްރޯލް ކުރުމަށެވެ. ނަމަވެސް އާންމުން މެރުމަކީ ޤަބޫލުކުރެވޭނެ ކަމެއްނޫން ކަމަށް މިތިން ފަރާތުން ވެސް ބުނެފައިވެ އެވެ.
މިސްރު ސިފައިން ހިންގި ކަމަށް ބެލެވިފައިވާ މިޖަރީމާ އެންމެ ބޮޑަށް ކުށްވެރިކޮށްފައި ވަނީ ތުރުކީންނާއި ތޫނިސް އިންނެވެ. ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު އަޙްމަދު ދާއޫދު އޮގްލޯ ވަނީ މުރުސީ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް އިއްޔެ ހިންގާފައިވަނީ ޤަތްލު އާންމެއް ކަމަށް ސިފަކުރައްވާފަ އެވެ. ތޫނިސް އިންވެސް ވަނީ މުރުސީ އަށް ތާއީދުކުރާ 49 މީހަކު މަރާލުމަކީ ޤަތްލު އާންމެއް ކަމަށް ސިފަކޮށްފައެވެ. ޤަތަރުން ވެސް ވަނީ މިޖަރީމާ ވަރަށްބޮޑަށް ކުށްވެރިކޮށްފަ އެވެ.
ޤަތަރުގެ ޚާރިޖިއްޔާ އިން ވަނީ ސުލްޙަވެރިގޮތުގައި އިޙްތިޖާޖްތައް ކުރަމުންގެންދިޔަ ބަޔަކާދެކޮޅަށް ހިންގާފައި ވަނީ ބޮޑު ޖަރީމާތަކެއް ކަމަށް ސިފަކޮށްފަ އެވެ. މިސްރުގެ ސިފައިން އިޙްތިޖާޖްތައް ހުއްޓާލުމަށް މުރުސީއަށް ތާއީދުކުރާ ފަރާތްތަކަށް ގޮވާލާފައިވާއިރު މުރުސީ ނިސްބަތްވެވަޑައިގަންނަވާ އިޚްވާން ޖަމާއަތުންވަނީ މިސްރުގެ މިހާރުގެ ޢަސްކަރީ ވެރިކަމާ ދެކޮޅަށް އެއްމިލިޔަން މީހުންގެ މުޒާހަރާއަކަށް ގޮވާލާފަ އެވެ. (ނޫސްއެޖެންސީތައް)