އިސްލާމީ ގިނަގައުމުތަކުން މިއަދަކީ ޝަޢްބާން މަހުގެ 30 ވަނަ ދުވަސްކަމަށް ނިންމައި ހިޖްރީ ގޮތުން 1434 ވަނަ އަހަރުގެ ރަމަޟާން މަހުގެ އެއްވަނަ ދުވަހަކީ މާދަމާ ކަމަށް ކަނޑައަޅައިފި އެވެ.

މިއަދަކީ ޝަޢްބާން މަހުގެ 30 ވަނަ ދުވަސްކަމަށް ނިންމައި އެކަން އިޢްލާންކުރި އިސްލާމީ ގައުމުތަކުގެ ތެރޭގައި ޤަތަރު، މިސްރު، ސަޢޫދީ އަރަބިޔާ، ލުބްނާން، ޔަމަން، ޢުމާން، ކުވައިތު، ލީބިޔާ، ތޫނިސް، އަލްޖަޒާއިރު، މަޣްރިބް، އީރާން، ޢިރާޤު، މެލޭޝިޔާ، އިންޑޮނީޝިޔާ، ޔޫއޭއީ ސޫދާން އަދި ބުރުނާއި ހިމެނެ އެވެ. ސައޫދީ އަރަބިއްޔާގައި ހަނދުސާބިތު ކުރުމާބެހޭ ގޮތުން ގައުމުގެ ހައިކޯޓުން ރޭ ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، އިއްޔެ އިރު އޮއްސުމަށް ފަހު، އެގައުމުގެ އެއްވެސް ސަރަހައްދަކަށް ހަނދު ފެނުނު ކަމަށް އެއްވެސް ފަރާތަކުންރިޕޯޓްކޮށް ހެކިބަސްދީފައި ނުވާތީ މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާ މާދަމައަކީ ރޯދަ މަހުގެ އެއްވަނަ ދުވަސްކަމަށް ނިންމީ ކަމުގަ އެވެ.

ސައޫދީ ރަސްކަމުގެ ދީވާނުންވެސް ވަނީ މިގޮތަށް ބަޔާނެއް ނެރެފަ އެވެ. ނަމަވެސް ސައޫދީ އަރަބިޔާގައި ހަނދު ބެލުމަށާއި ހަނދު ފެންނަކަމަށް މަޝްހޫރު ދެ ގަވަނޭޓް ކަމަށްވާ އަލްޙަރީޤް އާއި ޙުތާސުދައިރު ގެ މޫސުންހުރިގޮތުން ރޭގައި ހަނދުބެލުމުގެ ފުރްސަތު އެދެސަރަހައްދުން ގެއްލިފައިވާ ކަމަށް ސައޫދީ މީޑިޔާ ބުނެ އެވެ. ލުބްނާނުގެ މުފްތީ ނެރުއްވި ބަޔާނެއްގައި ބުނެފައި ވަނީ އެގައުމަށް ވެސް ރޭ ހަނދު ސާބިތުނުވާތީއާއި ފަލަކީ ހިސާބުތަކުން ވެސް ހަނދު ސާބިތުނުވާނެ ކަމަށް ދައްކާތީ މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށް ނިންމީ ކަމަށެވެ. ޤަތަރުގެ އަވްޤާފާބެހޭ ވުޒަރާގެ ދަށުން މަސައްކަތްކުރާ ހަނދު ސާބިތުކުރާ ކޮމިޓީން ބުނެފައި ވަނީ ޤަތަރަށް ވެސް ހަނދު ސާބިތުވެފައިނުވާތީ މިއަދަކީ ޝަޢްބާން މަހުގެ 30 ވަނަ ދުވަސްކަމަށް ނިންމީ ކަމުގަ އެވެ.

މިސްރުގެ އިސްލާމީ ފަތްވާއާ ބެހޭ އިދާރާ އިން ބުނެފައި ވަނީ ހަނދުބެލުމުގެ ކަންތައް ކަމާބެހޭ ޢިލްމީ އަދި ޝަރުޢީ ކޮމިޓީތަކުން ކުރިޔަށް ގެންދިޔަކަށާ ނަމަވެސް މިސްރުގެ އެއްވެސް ތަނަކަށް ހަނދުފެނުނުކަން ސާބިތުވެފައިނުވާތީއާއި ރޭގައި ހަނދު ނުފެންނާނެ ކަމަށް އިތުބާރު ހުރި ފަލަކީ ހިސާބުން ވެސް ދައްކާތީ މިއަދަކީ ޝައުބާން މަހުގެ 30 ވަނަ ދުވަސް ކަމަށާ އަދި މާދަމާއަކީ ރޯދަ މަހުގެ އެއްވަނަ ދުވަސްކަމަށް ކަނޑައަޅައި އެގޮތަށް ނިންމީ ކަމުގަ އެވެ.

ނަމަވެސް ތުރުކީއަށް ވަނީ ރޭގައި ހަނދު ސާބިތުވެގެން މިއަދަކީ މުލަރޯދަ ދުވަސްކަމަށް ކަނޑައަޅައިފަ އެވެ. ރަޝިޔާގެ މުސްލިމުންގެ ޖަމްޢިއްޔާއިންނާއި ފަރަންސޭސިވިލާތުގެ މުސްލިމުންގެ ޖަމްޢިއްޔާއިން ވެސް ވަނީ އެދެގައުމަށް މިއަދަކީ ރޯދަ މަހުގެ އެއްވަނަ ދުވަސްކަން އިޢްލާންކޮށް އެދެގައުމުގެ މުސްލިމުންނަށް ޚާއްސަކޮށްގެން ބަޔާންތައް ނެރެފަ އެވެ.
ހަނދު ސާބިތު ކުރުމާއި ފަލަކީ ހިސާބުތަކާބެހޭ ދިރާސާތައްކުރާ އިސްލާމީ ޖަމްޢިއްޔާ އެއް ކަމަށްވާ "އިސްލާމިކް ކްރެސެންޓްސް އޮބްޒަވޭޝަން ޕްރޮޖެކްޓް"އިން ބުނެފައިވަނީ އިއްޔެ އިރު އޮއްސޭއިރު، އިސްލާމީ ވަރަށް މަދުގައުމެއްގެ އުދަރެހުގައި މަދުސިކުންތު ކޮޅަކަށް ހަނދު ހުންނާނެ ކަމުގަ އެވެ. އެހެންކަމުން ފަލަކީ ހިސާބުތަކުން އިސްލާމީ މަދު ގައުމުތަކަކަށް ހަނދު ސާބިތުވާނެ ކަމަށާއި ނަމަވެސް އިސްލާމީ ގިނަ ގައުމުތަކުގައި އިރުއޮއްސުމުގެ ކުޑައިރުކޮޅެއްގެ ކުރިން ހަނދުއޮއްސޭނެ ކަމުގަ އެވެ. (އިސްލާމީ ވެބްސައިޓްތައް)