09 Jul 2013, 11:32
ދ. ހުޅުދެލިން: އަހުމަދު ސާއިލް އަލީ
ދ. ހުޅުދެއްޔަކީ އަތްތެރި މަސައްކަތްތެރިކަމުގެ ރޮނގުން އެންމެ މަޝްހޫރު އެއް ރަށެވެ. ނަމަވެސް އެއީ މާޒީ އެވެ. މިހާރު މިރަށުގެ އާބާދީ ބޮޑު ބައެއް އާމްދަނީ ހޯދުމަށް ކުރަނީ މަސްވެރިކަމެވެ. އެކަމުން އެކަށީގެންވާ ބޮޑު އާމްދަނީއެއް ރަށަށް ލިބެ އެވެ.
އާބާދީގައި 863 މީހުން ދިރިއުޅޭ އެ ރަށަށް ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ އެ ރަށަށް އަރާ ފޭބުމުގެ މައްސަލަތަކެވެ. ރަނގަޅު ފެންވަރުގެ ބަނދަރެއް، ޖެޓީއެއް ނެތުމަކީ ހުޅުދެލީ މީހުންގެ އެންމެ ބޮޑު ޝަކުވާ އެވެ. މި ރަށުގެ އާބާދީ ކުޑަ ނަމަވެސް ފުޅާ ދާއިރާއެއްގައި މަސްވެރިކަންކުރާ ރަށަކަށްވުމުން ގިނަ އަދަދެއްގެ ދޯނިފަހަރު އެ ރަށު ބަނދަރު ކުރުމުގެ ނަތީޖާ އަކަށްވެފައި އޮންނަނީ ފަޅު ފުރި ދޯނިފަހަރު އަޅާނެ ތަނެއް ނުލިބުމެވެ. ނަމަވެސް މަޝްހޫރު ވިޔަފާރި ވެރިޔާ އަދި ސަން ހޮޓެލްސް އެންޑް ރިސޯޓްގެ ޗެއާމަން އަހުމަދު ސިޔާމް އެ ރަށުގައި އަޅަައިދިން ޖެޓީގެ ސަބަބުން އެރަށަށް ދިމާވެފައިވާ އަރާފޭބުމުގެ މައްސަލަ އަށް މިހާރު ވަނީ ހައްލެއް އައިސްފަ އެވެ.
"މީގެ ކުރިން އަޅުގަނޑުމެން ފަޅުގައި އޮންނަ ދޯންޏަށް އަރަން ޖެހެނީ އެއް ދޯނިން އަނެއް ދޯންޏަށް އަރައިގެން، މިރަށުގެ ފަޅު އޮންނަނީ އެއްކޮށް ފުރިފައި. ދޯނި ކައިރި ކޮއްލާނެ ތަންކޮޅެއް ނޯވޭ. މިޖެޓީ އަކީ އަޅުގަނޑުމެންނަށްޓަކައި ކޮށްދިން ވަރަށް ބޮޑު ހެޔޮކަމެއް،" ހުޅުދެލީ އައްބާސް އިބްރާހިމް ބުންޏެވެ.
މިރަށުގައި ކަންނެލީގެ މަސްވެރިކަންކުރާ ނުވަ ދޯނި އޮވެ އެވެ. އަދި އެދޯނިތަކަކީ ވެސް 75 ފޫޓާއި 90 ފޫޓާއި ދެމެދުގެ ދޯނިތަކަށް ވުމާއި ރަށުން ބޭރުން އަންނަ ގިނަ އަދަދެއްގެ ދޯނި ފަހަރު ތަފާތު އެކިއެކި ބޭނުމުގައި އެރަށުގައި ބަނދަރުކުރުމުގެ ސަބަބުން އެ ރަށު ބަނދަރު އޮންނަނީ އަބަދުވެސް "ތޮއްޖެހިފަ" އެވެ.
މަސްވެރިކަމުގެ ދާއިރާގައި 17 އަހަރު ހޭދަކޮށްފައިވާ ހުޅުދެލީ އަބުދުލްރައްޒާގް ބުނީ މީގެ ކުރިން އެން ދިރުވައިގެން އެރަށު ބަނދަރަށް ވަދެއްޖެ ނަމަ އެންތައް މަރުވާ ކަމަށެވެ. ސަބަބަކީ ބަނދަރު ކިލަނބުވުން ކަމަށް އޭނާ ބުންޏެވެ. ނަމަވެސް ޖެޓީއެއް އޮތުމުން ސަބަބުން އެ މައްސަލަތައް ދިމާނުވެ މަހަށް ގޮސް އުޅުމުގައި ފަސޭހަވެގެންދާނެ ކަމަށް ރައްޒާގު ބުންޏެވެ. އަދި މީގެ ކުރިން އަރާ ފޭބުމަށް ދިމާވެފައިވާ ދަތިތަކަށް ބޮޑު ލުޔެއް ލިބިފައިވާ ކަމަށް އޭނާ ބުންޏެވެ.
ހުޅުދެލީ ކައުންސިލްގެ ރައީސް އާދަމް ޒާހިރު ވިދާޅުވީ ފަސް ލައްކަ ރުފިޔާ ހަރަދުކޮށްގެން ފަސް މަސްދުވަހުގެ ތެރޭގައި ސިޔާމްގެ އަމިއްލަ ހަރަދުގައި އެ ރަށުގައި އެފަދަ ޖެޓީއެއް ގާއިމު ކުރީތީ ނިހާޔަތައް ޝުކުރުވެރިވާ ކަމަށެވެ. އަދި އެ ޖެޓީގެ ބޭނުން ހެޔޮ ގޮތުގައި ހިފައި އެ ރަށަށް ދިމާވެފައިވާ އަރާ ފޭބުމުގެ ދަތިކަމަށް ހައްލެއް ލިބިގެންދާނެ ކަމަށް އޭޏަ ވިދާޅުވި އެވެ.
ހުޅުދެލީ ރައްޔިތުންނަށް ޓަކައި ސިޔާމް އަޅައި ދެއްވި ޖެޓީ އާއި ބެހޭ ގޮތުން ހުޅުދެލީ ކޮންމެ ރައްޔިތެއް ވެސް ބުނަނީ އެއީ "މިރަށަށް އެންމެ ބޭނުން ޖެހިފައިވާ އެއްކަން" ކަމަށެވެ. އަދި އެކަން ރައްޔިތުން ބަލައިގަންނަނީ ވަރަށް ޝުކުރުވެރިކަމާ ހިތްހަމަޖެހުމާ އެކު އެވެ.