ބަރަކާތްތެރި ރަމަޟާން މަސް ފެށުމުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ތަހުނިޔާ ފޮނުއްވައިފިއެވެ.

ރަމަޟާން މަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވިޚިތޯބުގައި ރާއްޖޭގެ އެންމެހައި ލޮބުވެތި ރައްޔިތުންނަށް ވަރަށް އިޚްލާސްތެރިކަމާއެކު ރަމަޟާން މަހުގެ ތަހުނިޔާ ދަންނަވައި ހެޔޮއެދުންތައް ފޮނުއްވާފައި ވެއެވެ.

ރަމަޟާން މަހަކީ، މާތްﷲ މާތްކުރައްވާފައިވާ ވަރަށް މަތިވެރި ރޫހާނީ މައްސަރެއްކަން ފާހަގަކުރައްވައި މި މާތް މައްސަރުގެ ބަރަކާތާއި ދަރުމަ ލިބިގަނެ، މާތްﷲ އަންގަވާފައިވާ ގޮތުގެ މަތިން ރޯދަ ހިފައި، ރޭ އަޅުކަންކޮށް، ސަދަގާތްދީ، ގިނަގިނައިން ކީރިތި ގުރްއާން ކިޔަވައި ހެޔޮކަންތައް އިތުރުކުރުމަށް ރާއްޖޭގެ ރައްޔިތުންނަށް ރައީސް ވަނީ ނަސޭހަތްތެރިވެވަޑައިގެންފަ އެވެ.

ރައީސްގެ ޚިތޯބުގައި ބަރަކާތްތެރި ރަމަޟާން މަހަކީ، މުސްލިމުންގެ މެދުގައި އެއްބަނޑުއެއްބަފާކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ހަމަޖެހުން ގާއިމް ކުރުމަށް ލިބޭ ވަރަށް މުހިންމު ފުރުސަތެއްކަން ފާގަކުރައްވައި، ރާއްޖޭގެ ރައްޔިތުންނަކީ ޒަމާނުއްސުރެ މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތަކުގައި ހިފަހައްޓައިގެން އަދި އެ އުސޫލުތަކަށް ފުރިހަމައަށް އިހްތިރާމްކުރާ ބަޔަކަށްވުމާއެކު، މިފަދަ މާތް މައްސަރަކާ ކުރިމަތިލާއިރު، އިސްލާމީ ރީތީ އުސޫލުތަކަށާއި މުޖުތަމައުގެ ހަމަޖެހުމަށް އިތުރު ސަމާލުކަމެއް ދޭންޖެހޭނެ ކަމަށް ވިދާޅުވި އެވެ.

މުޖުތަމައުގެ ރީތި ހަމަތަކަށް ކަމޭހިތައި، ގާނޫނުތަކަށާއި ގަވާއިދުތަކަށް ފުރިހަމައަށް ބޯލަނބައި، ނަމޫނާ ދެއްކުމަކީވެސް ގައުމުގެ އެއްބައިވަންތަކަމަށާއި ހަމަޖެހުމަށް ލިބޭނެ އިތުރު ބާރެއްކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ބަރަކާތްތެރި ރަމަޟާންމަހުގެ މުނާސަބަތުގައި، އިސްލާމީ ގައުމުތަކުގެ ވެރިންނަށާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ ވެރިންނަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަހުނިޔާ ފޮނުއްވާފަ އެވެ.

ރައީސް އޮފީހުން ބުނީ ރަމަޟާން މަހުގެ މުނާސަބަތުގައި އިސްލާމީ ގައުމުތަކުގެ ވެރިންނާއި ބައިނަލްއަގްވާމީ އިސްލާމީ ޖަމްއިއްޔާ، ޖަމާއަތްތަކުގެ ވެރިންވެސް ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ތަހުނިޔާ ފޮނުއްވަމުން ގެންދަވާ ކަމަށެވެ.