09 Jul 2013, 11:19
ކުރިއަށް އޮތް ރިޔާސީ އިންތހާބަށް ކުރަމުންދާ ކެމްޕެއިންގައި އިތުރު ކުރިއެރުންތަކެއް ލިބެމުންދާ ކަމަށް "ގައުމައިގެން ކުރިއަށް" ލޯލިޝަނުގެ ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު ރޭ ވިދާޅުވެއްޖެ އެވެ.
"ގައުމައިގެން ކުރިއަށް" ކޯލިޝަނުން ކާނިވާ ސަރައްދުގައި ރޭ ބޭއްވި މާހެފުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަހީދު ވިދާޅުވީ ވޭތިވެ ދިޔަ ހަފްތާއެއްހާ ދުވަހުގެ ތެރޭގައި ކެމްޕެއިންގެ ހަރަކާތްތައް ވަރުގަދަ، އާ އުއްމީދެއް ލިބިވަޑައިގެންނެވި ކަމަށެވެ. އެގޮތުން ލަންކާގެ ވެރިރަށް ކޮލަމްބޯގައި ވެސް ކޯލިޝަންގެ ކެމްޕެއިން ހަރަކާތްތައް ހިންގުމަށް ޖަގަހައެއް ވޭތުވި ހަފްތާގައި ހުޅުވާފައިވާ ކަމަށާއި އެމަނިކުފާނުގެ ރަނިންމޭޓް އަހްމަދު ތަސްމީން އަލީ ށ. އަތޮޅަށް ކުރެއްވި ދަތުރުން ވެސް ބޮޑު ތަރުހީބެއް ލިބިގެން ހިނގައްޖެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
"ވޭތުވެދިޔަ ހަފާތާގެ ތެރޭގައި އަޅުގަނޑުމެންގެ މަސައްކަތަށް އިތުރު ކުރިއެރުންތަކެއް ލިބެމުން މި ދަނީ. އެނގިވަޑައިގަންނަވާނެ ފަދައިން އަޅުގަނޑު މިއައީ ސްރީލަންކާ އަށް ވަރަށް އަވަސް ދަތުރެއް ކޮށްލާފައި. ހަމައެހެންމެ ވޭތުވި މި ދުވަސްކޮޅުގެ ތެރޭގައި ވެސް އަޅުގަނޑުގެ އަލްއަހް އަހްމަދު ތަސްމީން އަލީ ވެސް ށ. އަތޮޅުގެ ފަސް ރަށަކަށް ދަތުރުކުރައްވާފައިވާ އެ ވަޑައިގެންނެވީ. އެހެންވީމަ އޮޅުދޫ ކަރައިގައި އާއި ށ. އަތޮޅުން އަޅުގަނޑުމެނަށް ފެނިގެން ދަނީ ވަރަށް އުއްމީދީ މަންޒަރުތައް،" ރައީސް ވަހީދު ވިދާޅުވި އެވެ.
ރައީސް ވަހީދު ވިދާޅުވީ އެމަނިކުފާނު ލަންކާ އަށް ކުރެއްވި ދަތުރުފުޅުގައި އެހެން ޕާޓީތަކުގެ ބައެއް ދިވެހިން އެމަނިކުފާނަށް ތާއިދުކުރައްވާކަން ހާމަކޮށްފައިވާ ކަމަށެވެ.
އޭގެ އިތުރުން ރައީސް ވަހީދު ވިދާޅުވީ ކެމްޕެއިންގެ ކަންތައް ކުރިއަށް ގެންދިއުމަށް ކެމްޕެއިން މެނޭޖަރަކު ވެސް މިހާރު ހަމަ ޖައްސާފައިވާ ކަމަށާއި އޭގެ ސަބަބުން ކެމްޕެއިން ހަރަކާތްތައް މިހާރަށް ވުރެ ބާރަށް ކުރިއަށްދާނެ ކަމަށެވެ.