06 Nov 2010, 11:38
އައިއެމްއެފުން ދިވެހި ރާއްޖެ ކޮށްފައިވާ ސަސްޕެންޝަނުން ވީއްލައިދިނުމުގެ ފުރުސަތު އަދި ވެސް އެބައޮތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީން ބުނެފި އެވެ.
ސަން އޮންލައިނަށް ދެއްވި އިންޓަވިއުއެއްގައި މާލިއްޔަތު ކޮމެޓީގެ މުގައްރިރު އަހުމަދު ނާޒިމް މިއަދު ވިދާޅުވީ ރާއްޖެ އަށް ދިމާވެފައިވާ އިގްތިސާދީ އަދި މާލީ ދަތިތައް ރަނގަޅުކުރުމަށްއިންޓަނޭޝަނަލް މަނިޓަރީ ފަންޑުން ހިންގާ ޕްރޮގްރާމް ކުރިއަށް ގެންގޮސް، ސަންޕެންޝަނުން ވީއްލާނީ ސަރުކާރާ އެކު ވާހަކަ ދެއްކުމަށް ފަހު އިތުރު އެއްބަސްވުންތަކަކަށް އާދެވިގެން ކަމަށް އައިއެމްއެފުން ބުނެފައިވާ ކަމަށެވެ.
"ދިވެހި ރާއްޖެ އިން އެއްބަސްވެފައިވާ އެއްބަސްވުންތަކާއި މިންގަނޑުތައް ހާސިލް ނުވެވޭނެ ކަމަށް އައިއެމްއެފްގެ ދިރާސާތަކުން މި ދައްކަނީ. އެހެންވީމާ އެ ބޭފުޅުން ނިންމެވީ އިތުރަށް ފައިސާ ނުދެއްވަން. ދެން ދިވެހި ސަރުކާރާ އެއްކޮށް ވާހަކަ ދައްކައި އިތުރަށް ވެވޭ އެއްބަސްވުންތަކަކާއި އަލަށް އެތައްކަމެއް ކޮށްގެން އަނެއްކާ ވެސް އެ ޕްރޮގުރާމް ހިންގަން ފެށޭނެ ކަމަށް އެ ބޭފުޅުން ވިދާޅުވަނީ،" ނާޒިމު ވިދާޅުވި އެވެ.
ނާޒިމު ވިދާޅުވީ ދިވެހި ސަރުކާރާއި އައިއެމްއެފާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން ސަރުކާރުގެ މުވައްޒަފުން މަދު ކުރުމަށް އެއްބަސްވެފައި އޮތް ނަމަވެސް، މުވައްޒަފުން މަދުކުރުމުގެ ބަދަލުގައި ސަރުކާރުން ކުރި ކަމަކީ، ކޯޕަރަޓައިޒު ކުރަނީ ކަމަށް ބުނެ، ސިވިލް ސާވިސް އިން މީހުންތައް ކަނޑާލުމުމަށް ފަހު އެ ކޯޕަރޭޝަންތަކަށް ގެންގޮސް، އެކަމަކު ސަރުކާރުން މުސާރަ ދެމުން ގެންދިއުން ކަމަށާއި އެކަން އައިއެމުއެފުން ފާހަގަކުރާ ކަމަށެވެ.
އައިއެމްއެފުގެ ޕްރޮގުރާމުތައް ހުއްޓާލިކަން އިއުލާނު ކުރި އިރު ދިވެހި ސަރުކާރާ ދެމެދު ދެ އެއްބަސްވުމެއްގައި ސޮއިކޮށް ލޯނުގެ ގޮތުގައި ދިނުމަށް އެއްބަސްވެފައިވާ 93.5 މިލިއަން ޑޮލަރުގެ ތެރެއިން 15.5 މިލިއަން ޑޮލަރު ދިވެހި ސަރުކާރަށް ވަނީ ދީފަ އެވެ.
ނާޒިމު ވިދާޅުވީ އައިއެމްއެފްގެ ފުރަތަމަ ޕޭމަންޓު މާޗް މަހު ދިނީ، އެއްބަސްވުމާ އެއްގޮތަށް ކަންތައްތައް ކުރިއަށް ގޮސްފައި ހުރުމުން ކަމަށެވެ. ނަމަވެސް ޕްރޮގުރާމް ހުއްޓާލުމަށް ނިންމީ އައިއެމްއެފުން މި އަހަރު މޭ މަހު ބެލި އިރު އެއްބަސްވުންތަކަށް ވާސިލު ނުވެވޭނެ ކަމަށް އައިއެމްއެފް އަށް ފާހަގަކުރެވިގެން ކަމަށް އޭނާ ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ ސަރުކާރުން ހަރުދަނާ މާލީ ސިޔާސަތެއް ގެންގުޅެން ޖެހޭ ކަމަށް އައިއެމްއެފުން ބުނާ ކަމަށާއި ދިވެހި ސަރުކާރުގެ އިގްތިސާދީ އަސާސުތައް ރަނގަޅުކުރަން ޖެހޭނެ ކަމަށް އެ ފަންޑުން ބުނާ ކަމަށެވެ. ދިވެހި އިގްތުސާދަށް ދިމާވެފައިވާ އެންމެ ބޮޑު އަސާސީ މައްސަލައަކީ ރި ކަރަންޓު ހަރަދުތައް ބޮޑުވުން ކަން އޭނާ ފާހަގަކުރެއްވި އެވެ.
"އައިއެމްއެފުން ދެކޭ ގޮތުގަ ދިވެހި ސަރުކާރުން ހަރުދަނާ މާލީ ސިޔާސަތެއް އެބަ ޖެހޭ ގެންގުޅެން. ދިވެހި ސަރުކާރުން އެބަޖެހޭ ދިވެހި ރާއްޖޭގޭ އިގްތިސާދުގެ އަސާސުތައް ރަނގަޅު ކުރަން. ދިވެހި އިގްތިސާދުގެ އަސާސީ އެންމެ ބޮޑު މައްސަލައަކީ ރި ކަރަންޓު ހަރަދުތައް ބޮޑުވުން. އެބޭފުޅުން ވެސް ގަބޫލުކުރައްވާ ރާއްޖެ ޖޯގްރަފިކަލް ގޮތުން ބެހިފައިވާ ގޮތުން ވެސް ރިކަރަންޓު ހަރަދުތައް ބޮޑުވާނެކަން،"
އައިއެމްއެފުން ޝަރުތު ކޮށްފައި ވަނީ، ނާޒިމު ވިޑާޅުވި ގޮތުގައި، ސަރުކާރުގެ ރިކަރަންޓު ހަރަދުތައް ކުޑަކޮށް ދައުލަތައް ލިބޭ އާމްދަނީ އިތުރުކުރުމަށް ކަމަށެވެ.
"އެކަންތަތައް [ރި ކަރަންޓު ހަރަދު] ކުޑަކުރުމަށް ކުރެވެން ހުރި ކަންތައްތައް ކުރުމަށް އެ ބޭފުޅުން ހުރީ ޝަރުތު ކޮށްފައި. ދައުލަތައް ލިބޭ އާމްދަނީ އިތުރުކުރުން އެއީ އެއްކަންތައް. ދައުލަތުގެ ހަރަދު ކުޑަކުރުން އެއީ ދެ ވަނަ ކަންތައް. މިގޮތަށް ކަނޑައަޅާފައި ހުރި ކަންތައްތަކުގެ ތެރެއިން ސަރުކާރުން ބައެއްކަންތައްތައް ފުރިހަމަކޮށްފައި އަނެއްބައި ކަންތައްތައް ފުރިހަމަ ނުކުރާތީ އެކަންތައް އެހެންވެގެން އެ ދިޔައީ،" ނާޒިމް ވިދާޅުވި އެވެ.
އައިއެމްއެފްގެ ވަފުދާ ހަވާލާ ދެއްވައި ނާޒިމު ވިދާޅުވީ އައިއެމްއެފުން އެދިފައިވާ ކަންތައްތަކުގެ ތެރެއިން ބައެއް ކަންތައްތައް ސަރުކާރުން ކުރި ކަމަށެވެ.
"އޭގެތެރޭގައި ސްޓެލްކޯ އަށް [ސަރުކާރުންދޭ] ސަބްސިޑީ ދިނުން ހުއްޓާލުން ހިމެނޭ. އެކަންތައްތައް ސަރުކާރުން ކުރި. ޓާގެޑް ސަބްސިޑީ ދިނުމާއި ސްޓެލްކޯގެ ކަރަންޓު ވައިރުތައް ވެސް ސަރުކާރުން މަދު ކުރި. ފައިސާ ޗާޕުކޮށްގެން ޑެފިސިޓް ފައިނޭންސް ކުރުން ވެސް ސަރުކާރުން ހުއްޓާލި،" އަދި "ޖީއެސްޓީ ޓެކްސް ނެގުމާއި އެހެން ދާއިރާތަކުން ވެސް ޖީއެސްޓީ ޓެކްސް ނެގުން ވެސް ހިމެނޭ."
މަޖިލީހުން ކުރަން ޖެހޭ ކަންތައްތަކުގެ ތެރޭގައި ހިމެނެނީ ޓެކްސްގެ ބިލް ފާސްކުރުމާއި ބޭންކިން ބިލް ފާސްކުރުން ކަމަށް ނާޒިމް ވިދާޅުވި އެވެ. އެ ދެ މަސައްކަތް މަޖިލީހުން މިހާރު އޮތީ ނިމުމާ ހިސާބުގައި ކަމަށް ނާޒިމް ވިދާޅުވި އެވެ.
"ރައްޔިތުން މަޖިލީހުގެ ފަރާތުން ކުރަން ޖެހޭ ކަންތަތައް އަޅުގަނޑުމެން މިދަނީ ކުރަމުން. މަޖިލީހުން ޖީއެސްޓީގެ ބިލުތައް ވެސް ވަނީ ފާސްކޮށްދީފައި. ބިޒްނަސް ޓެކްސްގެ ބިލުވެސް ނިމުން ވަރަށް ގާތުގައި ވަނީ. ބޭންކިން ބިލު ވެސް އެންމެ ޖަލްސާއެއް ކުރެވުނަސް ނިންމާލެވޭނެ. މަޖިލީހާ ދެކޮޅަށް ބޯޅަ އައިސްފައި އޮތް ކަމެއްވެއްޖިއްޔާ އެކަން އެވަނީ ނިމިފައި. ނޫނީ ނިމުމާ ވަރަށް ގާތުގައި އެ ވަނީ. ސަރުކާރުގެ ޕޮލިސީން ނިންމަންވާ ބައެއްކަންތައްތައް ނުމިމި ހުރުމުން ވީކަމެކޭ އަޅުގަނޑު ދަންނަވާނީ."
އައިއެމްއެފާ ހަވާލާދީ ނާޒިމު ދެއްކި ވާހަކައާ ގުޅޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ޕްރެސް ސެކެރެޓަރީ މުހައްމަދު ޒުހައިރުގެ ކޮމެންއްޓެއް ހޯދުމަށް ފޯނުން ގުޅުމުން އޭނާ ފޯނު ނުނަންގަވާތީ އޭނާގެ ކޮމެންޓެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ. އަދި އައިއެމްއެފުން ވެސް އެ ސަސްޕެންޝަނާ ބެހޭ ގޮތުން ރަސްމީކޮށް އެއްވެސް އެއްޗެއް ނުބުނެ އެވެ.