ދ. ހުޅުދެލިން: އަހްމަދު ސާއީލް އަލީ

ސަން ޓްރެވެލްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މީދޫ ދާއިރާގެ މެމްބަރު އަހްމަދު ސިޔާމް މުހައްމަދު ދ. ހުޅުދެލީގައި ބިނާކޮށްދެއްވި ޖެޓީ އާއި އެ ރަށު ޕްރީ ސްކޫލް ހުޅުވައިފި އެވެ.

އިއްޔެ ހަވީރު އެރަށުގައި ވިދިވިދިގެން ބޭއްވި ދެ ހަފްލާގައި ޖެޓީ އާއި ޕްރީ ސްކޫލް ހުޅުއްވައިދެއްވީ ސިޔާމް އެވެ.

ޕްރީ ސްކޫލް ހުޅުވުމުގެ ހަފްލާގައި ސިޔާމް ދެއްކެވި ވާހަކައިގައި އިއްޔެ އަކީ ހުލުދެލީގައި ތައުލީމީ ބިންގާ ފުރިހަމައަށް އެޅިގެންދިޔަ ދުވަސް ކަމަށް ވިދާޅުވި އެވެ.

އެ ހަފްލާގައި ސިޔާމް ވަނީ ދ. އަތޮޅު ކައުންސިލާއި ހުޅުދެލީ ކައުންސިލްގެ ފަރާތުން އަތޮޅާއި ރަށުގެ ތަރައްގީއަށް ވަރަށް ބުރަކޮށް މަސައްކަތް ކުރަމުންގެންދާކަން ފާހަގަކުރައްވައި އެއީ މުޅި ރާއްޖެ މިސާލަކަށް ބަލަންޖެހޭނެ ކަމެއް ކަމަށް ވިދާޅުވެފަ އެވެ.

ހުޅުދެލީ ކައުންސިލްގެ ރައީސް އާދަމް ޒާހިރު ވިދާޅުވީ އެރަށުގައި އިއްޔެ ހުޅުވި ޖެޓީއަކީ އެރަށުގެ ބަނދަރު ކުޑަވެ ރަށަށް އަރާ ފޭބުމަށް ދަތިވެފައިވާތީ އެކަން ހައްލުކޮށްދިނުމުގެ ގޮތުން ސިޔާމްގެ އަމިއްލަ ޚަރަދުގައި އަޅައިދެއްވި ޖެޓީއެއް ކަމަށެވެ.

ޖެޓީ ހެދުމުގެ މަސައްކަތަށް ގާތްގަނޑަކަށް ފަސް ލައްކައަށްވުރެ ގިނަ ރުފިޔާ ހޭދަވެފައިވާ ކަމަށާއި އެއީ އެރަށު ރައްޔިތުންނަށް ލިބިގެންދިޔަ ވަރަށް ބޮޑު ލުއިފަސޭހައެއް ކަމަށް ވެސް ޒާހިރު ވިދާޅުވި އެވެ.

ޒާހިރު ވިދާޅުވީ އިއްޔެ އެރަށުގައި ހުޅުވި ޕްރީ ސުކޫލަކީ ސިޔާމްގެ އިތުރުން ސަރުކާރުގެ ފަރާތުންނާއި މަޝްހޫރު ވިޔަފާރިވެރިޔާ ގާސިމް އިބްރާހީމްގެ އެހީތެރިކަމުގެ ދަށުން އަޅާފައިވާ ޕްރީ ސްކޫލެއް ކަމަށެވެ.

އެރަށު ޕްރީ ސްކޫލް ބިނާކުރުމުގެ ކުރިން ޕްރީ ސްކޫލް ދަރިވަރުންނަށް ކިޔަވައިދީފައި ވަނީ ހުޅުދެލީ ސްކޫލްގަ އެވެ. އަލަށް ހުޅުވި އެ ސްކޫލްގައި މިހާރު 65 ކުދިން ތައުލީމް ހާސިލް ކުރަމުންގެންދާ ކަމަށާއި އެކަމުގެ ސަބަބުން ކުޑަކުދިންނަށް އެރަށުން ދެވޭ ތައުލީމްގެ ފެންވަރު ރަނގަޅު ކުރެވިގެންދާނެ ކަމަށް ވެސް ޒާހިރު ވިދާޅުވިއެވެ.

އިއްޔެގެ ހަފްލާގައި ޕްރީ ސުކޫލުގެ ކުދިންގެ ސަގާފި ނެށުމަކާއި ކޭކު ފެޅުމުގެ އިތުރުން ޕްރީ ސްކޫލުގެ ބެލެނިވެރިން ދެއްވި ޚާއްސަ ސައިފޮދެއް ވެސް އޮތެވެ.

ހުޅުދެއްޔަކީ 863 މީހުންގެ އާބާދީގެ އެއް އޮންނަ ރަށެކެވެ.