08 Jul 2013, 23:28
ބަރަކާތްތެރި ރޯދަ މަހަށް ހާއްސަކޮށްގެން ދިރާގުން މިއަހަރު ވެސް ސައޫދީ އަރަބިއްޔާއަށް ގުޅުމަށް އެކުންފުނީގެ ކަސްޓަމަރުންނަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފްކޮށްފި އެވެ.
"ދިރާގު އައިޑީޑީ ސްޕެޝަލް އޮފާ ފޮރ ސައޫދީ އަރަބިއްޔާ"ގެ ނަމުގައި މި ފަހަރުގެ ރޯދަމަހަށް ހާއްސަ ކޮށްގެން ދިރާގުން ފެށި ހާއްސަ ޕްރޮމޯޝަނަކީ މިވަގުތު ރާއްޖެ އިން ސައޫދީއަށް ގުޅާލެވޭނޭ އެންމެ ހެޔޮ އަގުކަމަށް ދިރާގުން ބުންޏެވެ.
"މި ރަމަޟާން މަހު ވަރަށް ގިނަ އަދަދެއްގެ ބޭފުޅުން އުމްރާގެ އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާ އަށް ވަޑައިގެން އުޅުއްވާނެ. އެގޮތުން އެބޭފުޅުންނަށް ގުޅާލުމަށް ވަރަށް ހެޔޮ ރޭޓެއްގައި 1.99ރ. އަށް ދިރާގު 019 އައިޑީޑީ ސްޕެޝަލް ކޯޑް ޖެއްސެވުމަށް ފަހު ސައޫދީ އަރަބިއްޔާގެ ކޯޑު ޖައްސަވާފައި އެ ގުޅުއްވަން ބޭނުންފުޅުވާ ނަންބަރަކަށް ގުޅުއްވުމާ އެކީގައި މިނިޓަކަށް 1.99ރ އަށް ސައޫދީގައި ތިއްބަވާ އެބޭފުޅެއްގެ އާއިލާ ބޭފުޅުންނާއި ރައްޓެހިންނަށް މި ބަރަކާތްތެރި ރަމަޟާން މަހުގެ ތެރޭގައި ގުޅުއްވޭނެ،" ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވި އެވެ.
އިމްޖާދު ވިދާޅުވީ، ރޯދަމަހަށް ހާއްސަކޮށްގެން ސައޫދީ އަށް ގުޅުމަށް ދިރާގު ކަސްޓަމަރުންނަށް ތައާރަފް ކުރި ހާއްސަ ޕްރޮމޯޝަނަކީ މިހާރު އެ ގައުމަށް ރާއްޖެ އިން ގުޅޭނޭ އެންމެ ހެޔޮ ރޭޓް ކަމުގަ އެވެ.
ދިރާގުން ވަނީ ވޭތުވެ ދިޔަ ތިން އަހަރެކޭ އެއްގޮތަށް މިއަހަރުގެ ރޯދަމަހުގައި ވެސް އެ ކުންފުނީގެ ކަސްޓަމަރުންނަށް ނަމާދުވަގުތު "އެލާޓް" ހިލޭ ލިބޭނޭގޮތް ހަމަޖައްސާފަ އެވެ.
"ރޯދަމަހަށް ހާއްސަކޮށްގެން މިއަހަރު ވެސް ޕްރޭޔަޓައިމް އެލާޓް އަޅުގަނޑުމެން މި ފޯރުކޮށްދެނީ ހަމަ މުޅިން ހިލޭ. ޕްރޭޔަ ޓައިމްސް އެލާޓްސް ހިލޭ ސަބްސްކްރައިބް ކުރެއްވުމަށް، #123* މެނޫއަށް ވަޑައިގަންނަވާފައި ސަބްސްކްރައިބް ކުރަށްވަން ޖެހޭނީ. އޭރުން މުޅި ރޯދަމަހަށް އެ ހިދުމަތް ހިލޭ ލިބިވަޑައިގަންނަވާނެ،" ދިރާގުގެ މޯބައިލް ޕްރޮޑަކްޓް މެނޭޖަރު މަރިޔަމް ޝިޒްލީން ވިދާޅުވި އެވެ.
ޝިޒްލީން ވިދާޅުވީ ނަމާދުވަގުތު އެލާޓަށް ސަބްސްކްރައިބް ކުރެއްވުމުން ކޮންމެ ބޭފުޅަކަށްވެސް ނަމާދު ވަގުތުގެ 15 މިނިޓް ކުރިން ފޯނަށް އެލާޓް ލިބިނޭ ކަމަށެވެ.
ދިރާގު ކަސްޓަމަރުންނަށް މިއަހަރުގެ ރޯދަމަހުގައިވެސް އެސްއެމްއެސް މެދުވެރިކޮށް ޒަކާތް ދެއްކޭނޭ ގޮތް ހަމަޖައްސާފައި ވެއެވެ. އެގޮތުން #123* މެނޫއަށް ވަޑައިގަންނަވާފައި "ޕޭ ޒަކާތް" އިހްތިޔާރު ކުރުމުން އެހިދުމަތް ލިބޭނެ އެވެ.