ދިރާގު ބޮޑު ހަދިޔާގެ ނަމުގައި މިފަހަރުގެ ރޯދަމަހަށް ހާއްސަކޮށްގެން، ނަސީބުވެރި ހަތަރު ފަރާތަކަށް، ޔަމަހާ ބްރޭންޑްގެ ހަތަރު ސައިކަލް ލިބޭ ޕްރޮމޯޝަނެއް މިއަދު ތައާރަފްކޮށްފި އެވެ.

"ދިރާގު ރޯދަ ބޮޑު ހަދިޔާ"ގެ ނަމުގައި ތައާރަފްކުރި ޕްރޮމޯޝަނަކީ ދިރާގުގެ ހިދުމަތް ހޯއްދަވަމުން ގެންދަވާ ހުރިހާ ކަސްޓަމަރުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ތައާރަފް ކޮށްފައިވާ ޕްރޮމޯޝަނެކެވެ. އެގޮތުން ޖުލައި 9ން އޯގަސްޓް 10ގެ ނިޔަލަށް ދިރާގު ޕްރިޕެއިޑް، ޕޯސްޓް ޕެއިޑް، ފިކްސްޑް ލައިން އަދި އޭޑީއެސްއެލް އިންޓަނެޓް ބިލަށް 150 ހަރަދު ކޮށްފި ނަމަ އޮޓޮމެޓިކުން ލަކީޑްރޯގައި ބައިވެރި ވެވޭނެ އެވެ.

"އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރު ވެސް އަޅުގަނޑުމެން ރޯދަމަހަށް ހާއްސަކޮށްގެން ދިރާގު ރޯދަ ހަދިޔާގެ ނަމުގައި މިވަނީ ޕްރޮމޯޝަންތަކެއް ފަށާފައި. އަޅުގަނޑުމެން މިއުންމީދުކުރަނީ މި ޕްރޮމޯޝަން ވެގެން ދާނީ ކަސްޓަމަރުންނަށް ބޭނުންވާނޭ ވަރަށް ހާއްސަ ހަދިޔާތަކެއް އަދި ވަރަށް ހާއްސަ އޮފާތަކެއް ކަމަށް،" ދިރާގުގެ މާކެޓިން ކޮމިއުނިކޭޝަން އެންޑް ޕަބްލިކް ރިލޭޝަންސް އޮފިސަރު މުޙައްމަދު މިރުޝާން ހަސަން ވިދާޅުވި އެވެ.

މިރުޝާން ވިދާޅުވީ، ރޯދަ ބޮޑު ހަދިޔާގެ ނަސީބު ވެރިންނަށްދޭ ހަތަރު ސައިކަލަކީ، ދިރާގުގެ ޕްރޮމޯޝަން ޕާޓްނަރު، އެލިޔާ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުން ރާއްޖެ އެތެރެކޮށް ވިއްކާ ޔަމަހާ ސައިކަލްގެ އެންމެ ފަހުގެ ހަތަރު މޮޑެލް ކަމަށްވާ، ޔަމަހާ ސޯލް ޖީޓީ، ޔަމަހާ ޒިއޯން، ޔަމަހާ ބައިސަން އަދި ޔަމަހާ ފީނޯ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ނަސީބުވެރި ހަތަރު ފަރާތަކަށް އެ ހަތަރު މޮޑެލްގެ ތެރެއިން ބޭނުންވާ މޮޑެލްއެއްގެ ސައިކަލެއް އިހްތިޔާރު ކުރުމުގެ ފުރުސަތުވެސް ލިބޭނޭ ކަމަށެވެ.

ދިރާގުން ރޯދަމަހަށް ހާއްސަކޮށްގެން ތައާރަފްކުރި އަނެއް ޕްރޮމޯޝަނަކީ، "ޕްރިޕެއިޑް ފްރީ ފްރައިޑޭ އޮފާ" އެވެ.

"ފްރީ ފްރައިޑޭ ޕްރޮމޯޝަންއަކީ އަޅުގަނޑުމެންގެ ޕްރިޕެއިޑް ކަސްޓަމަރުންނަށް ހާސައްކޮށްގެން، ރޯދަ ހަދިޔާގެ ދަށުން ހިންގާ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަންއަކީ ހުކުރު ދުވަހު ޕްރިޕެއިޑް ކަސްޓަމަރުންނަށް ދިރާގުގެ ހުރިހާ ނަންބަރު ތަކަކަށް މުޅިން ހިލޭ ގުޅާލެވޭ ގޮތަށް އޮންނަ ޕްރޮމޯޝަނެއް. މި ޕްރޮމޯޝަންއަކީ ޕްރިޕެއިޑް ކަސްޓަމަރުން އާދައިގެ ގޮތެއްގެ މަތިން ހޭދަކުރަށްވާ މިންވަރު، 75 ރުފިޔާއާ ހަމައަށް އެ ހަފްތާ ތެރޭގައި ހަމަވުމުން ޖެހިގެން އަންނަ ހުކުރު ދުވަހު، މުޅި ދުވަހު ދިރާގު ނެޓްވޯކަށް ގުޅުއްވުމަށް މުޅިން ހިލޭ ލިބޭ ފުރުސަތެއް،" ދިރާގުގެ މޯބައިލް ޕްރޮޑަކްޓް މެނޭޖަރު މަރިޔަމް ޝިޒްލީން ވިދާޅުވި އެވެ.

ފްރީ ފްރައިޑޭ ޕްރޮމޯޝަންގައި ބައިވެރިވާން ބޭނުންފުޅުވާ ދިރާގުގެ ކަސްޓަމަރުން "އެފްއެފް" ޖެއްސެވުމަށް ފަހު، 343 ނަންބަރަށް އެންމެ އެސްއެމްއެސްއެއް ފޮނުއްވުމުން ޕްރޮމޯޝަންގައި ބައިވެރި ވެވޭނެ އެވެ.

ދިރާގުން ވަނީ އެކުންފުނީގެ ޓަޗްނެޓްގެ ހިދުމަތް ހޯދާ ކަސްޓަމަރުންނަށް ހަ މަސް ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ ވަރަށް ހާއްސަ ޕްރޮމޯޝަނެއް ތައާރަފް ކޮށްފަ އެވެ.

"ޓަޗްނެޓް ކަސްޓަމަރުންނަށް މިއޮތީކީ ހަމައެކަނި ރަމަޟާން މަހަކަށް ނޫން. ރަމަޟާން މަހުން ފެށިގެން ހަ މަސް ދުވަހަށް ކުރިއަށް ގެންދާ ޕްރޮމޯޝަނެއް މިއީ. ކޮންމެ މަހަކު ވެސް އެންމެ 200ރ. ހޭދަކުރެއްވުމާ އެކުގައި މުޅިން ހިލޭ 500އެމްބީ އެބޭފުޅަކަށް ލިބިވަޑައި ގަންނަވާނެ. އެ ހަމަސް ދުވަހުގެ ތެރޭގައި ކޮންމެ ކަސްޓަމަރަކަށް ވެސް 3ޖީބީ ހިލޭ ލިބުމުގެ ފުރުސަތު އޮންނާނެ" ދިރާގުގެ ސީނިއާ މާކެޓިން ކޮމިއުނިކޭޝަންސް އެންޑް ޕީއާރު އެގްޒެކެޓިވް އިބްރާހިމް އިމްޖާދު ޖަލީލް ވިދާޅުވި އެވެ.

އިމްޖާދު ވިދާޅުވީ އެ ޕްރޮމޯޝަންގައި ބައިވެރިވުމަށްޓަކައި ޓޗްނެޓްގެ ހިދުމަތް ހޯއްދަވާ ކޮންމެ ކަސްޓަމަރަކު ވެސް “PROMO” ޖެއްސެވުމަށްފަހު 443 އަށް އެސްއެމްއެސްއެސް ފޮނުވުމުން އެ ކަސްޓަމަރަކު ޓަޗްނެޓް ޕްރޮމޯޝަންގައި ރެޖިސްޓާ ވެގެން ދާނޭ ކަމަށެވެ.

ދިރާގުން ބުނީ، ޓަޗްނެޓް ޕްރޮމޯޝަން ކުރިއަށް ގެންދާ ދުވަސްވަރުގައި، ދިރާގުގެ ޓަޗްނެޓް މޯޑެމް އަލަށް ގަންނަން ބޭނުންވާ ފަރާތްތަކަށް 599ރ، އަށް މޯޑަމެއް ގަންނަން ލިބޭނޭ ކަމަށެވެ.