(06 ޖުލައިގެ އަދަދާއި ގުޅޭ)

"ދެން ބުނެބަލަ ހާދަ ވަރަކަށް މޫދާއި ކަނޑާ އަވަލައިފަ ތިހުންނަނީ ކީއްވެ؟" އިޔަންގެ ސުވާލުން ޒޯހާ ވެސް ހެވިއްޖެއެވެ. "އެންމެން ތިހެން ކިޔަނީ." ޒޯހާ އެވަރުންވެސް ސުވާލަށް ޖަވާބެއް ނުދެއެވެ. "އަނެއްކާ ބޮޑު ސިއްރެއްތަ؟" އިޔަން ބޭނުންވީ އޮޅުން ފިލުވާށެވެ. "އަހަރެން ވަރަށް މީހުންނަށް ނުކިޔައިދޭ ވާހަކައެއް މީ." ޒޯހާ އެވާހަކަ ކިޔައިދޭންވެގެން ބުނެލި ފުރަތަމަ ޖުމްލަވެސް އިޔަންގެ ހިތާއި ކުޅެލިއެވެ. ނޭނގުމުގެ ތެރޭގައިވެސް ޒޯހާގެ ހިތުން އޭނާ ހާއްސަވެފައިވާ ކަން ފާހަގަ ކުރެވުމުން ހިތަށް ލިބުނީ ބަޔާން ކުރަން ނޭނގޭ ފަދަ އުފަލެކެވެ. "އަސްލު އަހަރެން ވަރަށް ފޫހިވާ ކަމެއް އެހެންމީހުންގެ ސިމްޕަތީ ހޯދަން އުޅުމަކީ. އެހެންވެ އެކުން ކިޔައި ނުދެނީވެސް. ވީ ގޮތަކީ އަހަރެންގެ ފެމެލީގައި ހުރި ހަމައެކަނި ބޭބެ، އަހަރެންގެ އަނީލްބެ މަރުވީ ކަނޑުވެގެން. އޭގެފަހުން އަސްލު އަހަރެން ފަތަން، ފީނަން ދަސްކުރީ. ދެން މިހާރު މާ ފެނާއި ދޯޅުވެގެން ހިޔާލުވެސް ހުންނަނީ އޭ ލެވެލް ނިމުނީމަ ޑައިވިން އިންސްޓްރަކްޓަރ އަކަށް ނަމަވެސް ކަނޑާއި ގުޅޭ ޖޮބަކަށް ދާން." ޒޯހާ ވާހަކަ ނިންމައިލީ ހިނިގަނޑަކުންނެވެ.

އެޖާދުވީ އަޑު ފަޒާގެ ތެރެއަށް ވިރިގެން ދިޔަ އަޑު އަހަން އިޔަން ހުރީ ހަމަ ބަސް ހުއްޓިފައެވެ. ހާދަ މިއުޒިކީ އަޑެކެވެ. ދެމީހުން ހިނގަމުން ގޮސް ކޮޓަރި ތަކާއި ހަމަވުމުން ޒޯހާ ވަކިވެލަނީ ކަމަށް ބުންޏެވެ. ދައުވަތު ދެވުނު ގިނަ އާއިލާތަކަށް ތިބެވޭގޮތަށް ކޮޓަރިތައް ހަމަޖައްސާފައި ހުއްޓެވެ. "ކާކަށް ނުދާނަންތަ؟" އިޔަން ބޭނުންވީ އަދިވެސް ބައްދަލުވާނެ ކަން ޔަޤީން ކުރާށެވެ. "ޗޭންޖް ކޮށްގެން ދާނަން." ޒޯހާ ދޮރު ހުޅުވާލައިގެން ހުރެފައި ހަނާ އަޅައިލިއެވެ. އެދެމެދުގައި ބަދަލު ކުރެވުނު ލުއި ހިނިތުންވުމަކާއެކު އިޔަންވެސް ޒޯހާއަށް ހަނާ އަޅައިލާފައި ޖިންސްގެ ޖީބަށް ދެއަތް ޖަހައިގެން ދާން ހިނގައި ގަތެވެ. ތަންކޮޅަކަށް ގޮއްސައި އަދިވެސް އެއްފަހަރު އިޔަން އެނބުރި ބަލައިލިއެވެ. ދޮރުފޮތިގަނޑު ދުރުކޮށްލައިގެން ހުރެފައި ޒޯހާ ސިއްސައިގެން ގޮސް ދުރަށް ޖެހިލިކަން އިޔަންއަށް އެނގޭނީ ކިހިނެއް ހެއްޔެވެ؟

އެނބުރި ގޮސް މެހުމާނުންގެ ތެރެއަށް އިޔަން ވަދެގެން ދަނިކޮށް މިއާ އައިސް އަތުގައި ހިފައިލިއެވެ. "އިޔާ ކޮންތާކަށް ދިޔައީ؟" މިއާ ހުރީ ރުޅިމޫނު ހަދާފައެވެ. ފްރެންޑް ކުއްޖަކު ހޯދާލީ." އިޔަން ސިއްރު ހިނިތުންވުމަކާއިއެކު ޖަވާބުދިނެވެ. ޝާފިޔާ އާއި ހަމީދު ތަންކޮޅެއް ބޮޑެތި މީހުންތަކަކާއި ވާހަކަ ދައްކަން ތިބުމުން މިއާ ގޮވައިގެން އިޔަން ގޮސް އިށީންދެލީ ދުރުގައި ހުރި ހުސް މޭޒެއްގެ ދޮށުގައެވެ. މޯޑު އައީ އިޔަން އެތާގައި އިންދައެވެ. "ކޮންތާކަށް ވަދެފަ ތިއައީ؟" އިޔަން ފުރަތަމަވެސް އަހައިލި އެވެ. މިއާ އިނުމުން މޯޑު ފާޑަކަށް ހީލާފައި ނިންމައިލީއެވެ. "އެހެރަ އަންނަނީ މިއާގެ ކްލާސްމޭޓް ނަޒޫ." އިޔަން މިއާ ފޮނުވައިލާނެ ގޮތެއް ނޭނގިފައި އިންދާ ދުރުގައި ހުރި ކުއްޖަކު ފެނިގެން އަވަހަށް ބުނެލިއެވެ. މިއާ ކާން އިން ތަށި ބަހައްޓާފައިވެސް ނަޒޫ ފެނިގެން ދިޔައެވެ. މޯޑުދެއްކީ އޭނާ ވަރަށް ދުވަހުން ފެށިގެން ހިތުލައިގެން އުޅުނު އަންހެންކުއްޖަކު ކާމިޔާބު ވި ވާހަކަ އެވެ. "ޒޯހާވެސް ފެނިއްޖެ. ވާހަކަވެސް ދައްކައިފިން." މޯޑުގެ ވާހަކަ ނިމުމުން އިޔަން ބުނެލިއެވެ. "ވެއިޓް! އޭނައަށް ކިޔަނީ ޒޯހާތަ؟" މޯޑް އަހައިލިއެވެ. އިޔަން ހިނިތުންވުމަކާއެކު ކައިރީގައި ހުރި ކޮކްޓެއިލް ތަށިން އެތިފޮދެއް ބޯލިއެވެ. ދުރުން ޒޯހާ އަންނަންތަން ފެނުނީވެސް ހަމަ އެދަނޑިވަޅުގައެވެ. "ވާއު!" އިޔަންއަށް ބުނެލެވުނެވެ. އެއަޑު އިވިގެން މޯޑު ވެސް އެނބުރި ބަލައިލައިފިއެވެ.

އަތްދިގުވެފައި، ކަށިމައްޗާއި ހަމައަށް އަންނަ ރަތް މިޑީގައިވެސް ޒޯހާ ވަރަށް ފުރިހަމައެވެ. މޭކަޕެއްވެސް ނެތި ކަރުގައި އޮތް ހަމައެކަނި ރަން ފަށާއެކު އެދިގު އިސްތަށިގަނޑު ދޫކޮށްލައިފައި އެއްބައި ގެނެސް ކޮނޑުމަތިން ކުރިމައްޗަށް ވައްޓާލައިފައި އޮތެވެ. ސާދާ ސީދާ ކަމުގެ ލާމަސީލު ނަމޫނާއެކެވެ. އިޔަން އެސްފިޔަޖަހަންވެސް ނޭނގިފައި އެރީތި މޫނާއި ހަށިގަނޑަށް ކަޅި ހުއްޓައިގެން އިންދައި މޯޑު ކޮށްޓައިލުމުން ސިހުނެވެ. "އިޔަން އަޅެ ބުނެބަލަ އެއީ ޖިންނިއެއް ނޫނީ ފެނުޕަރީއެއްތަ؟" މޯޑުއަށްވެސް ޒޯހާގެ ރީތިކަން ފެނި އެއްޗެއް ނުބުނެއެއް ނީދެވުނެވެ. "އެން އޭންޖެލް." އިޔަން ހިނިތުންވެފައި އަދިވެސް ބަލަން އިނީ އެސޫރައަށެވެ. އިރުކޮޅަކުން މޯޑުގެ ހުއްދަ ހޯދައިގެން އިޔަން ދިޔައިރު ޒޯހާ ހުރީ ތައްޓަށް ކާއެއްޗެހި އަޅާށެވެ. "ތީ ކެއުމަކަށް ވޭތަ؟" ޒޯހާ ތައްޓަށް ގްރީން ސެލެޑް އެކަނި އަޅާފައި މޭވާ ޓުކުރިން އިތުރަށް ދޮންކެޔޮ ވަކެއް ނަގާފައި އެނބުރިލުމުން އިޔަން ކުރިމަތީ ހުރެފައި ބުނެލިއެވެ. ޒޯހާ ސިއްސައިގެން ގޮސް ތަށިވެސް އަރިވިއެވެ. އެކަމަކު އިޔަންގެ ހުޝިޔާރު ކަމުން އޭގައި ހުރި ކާއެއްޗެހި ބިންމައްޗަށް ނުފައިބަނީސް ސަމާލުވެފައި ހިފަހައްޓައިލިއެވެ. "ތޭންކްސް." ޒޯހާ ހިނިތުންވެލިއެވެ. ލައިޓް ތަކުގެ ރަންއަލީގައި އެމޫނު ވިދަމުން ދިޔަގޮތުން އިޔަންއަށް ނަޒަރު ބަދަލުކޮށްލަން އުނދަގޫވިއެވެ.

"އަހަންނަށް މިހުންނަ ބީފް، ޗިކެން އަދި ސީފުޑް ކަހަލަ އެއްޗެހި މީރެއް ނޫން." ޒޯހާ ހިނގައިގެންފައި އިޔަން ކުރިން ކުރި ސުވާލަށް ޖަވާބުދިނެވެ. މީހުންގަނޑުގެ ތެރޭގައި ހުރުމުން އިޔަން ވެސް ގޭ މީހަކަށް ފެނިދާނެތީ މާބޮޑަކަށް ހާހެއް ނުވެއެވެ. ލައިޓްތަކުގެ ސަބަބުން ދުރުން އެކަކު އަނެކަކު ފާހަގަ ކުރާކަށްވެސް މާ ފަސޭހައެއް ނުވާނެއެވެ. "އެހެންވެ ދޯ ތިހާ ރީތީ. ހުސް މޭވާ އާއި ތަރުކާރީ ކާތީ." އިޔަން ފުރުސަތުގެ ބޭނުން ހިފާފައި ތައުރީފް ކޮށްލިއެވެ. ޒޯހާ މޭޒު ދޮށުގައި އިށީންނަން ވެގެން އިސްޖެހިގޮތަށް އިޔަންގެ ވާހަކަ އިވުމުން އިސްއުފުލައެއް ނުލިއެވެ. އަންހެންކުއްޖަކު އޭނާގެ ކުރިމަތީގައި އެހާބޮޑަށް ލަދުގަތްތަން އިޔަން އެދުށީ އަލަށެވެ. ބަސްހުސްވެފައި މިނިޓެއްހާއިރު ވަންދެން އިޔަން އިނެވެ. ސިކުންތުތަށް ހިނގަމުން ދިޔަ ވަރަކަށް އެމޫނުގެ ރަތްކަންވެސް އިތުރުވަމުން ދިޔައެވެ. ޒޯހާ އުލާއި ސަމުސަލުން ތަށި ހާވަމުން މިނިޓަކު ދެތިން ފަހަރު އެދިގު އެސްފިޔަތައް ތަޅުވައިލާއިރުވެސް ކަންބޮޑުވެފައިވާ މިންވަރު އެނގެއެވެ. "ޒޯހާ!" އިޔަންގެ ކެތްތެރިކަން ކޮޅުންލައިގެން ޒޯހާގެ އަތުގައި ހިފަހައްޓައިލެވުނެވެ. ދެވަނަ ސިކުންތުގައި ޒޯހާ ތެޅިގަތްގޮތުން އަތުގައި އޮތް އޫވެސް ވިއްސައިގެން ގޮސް ޖެހުނީ ދޮންވެލިގަނޑަށެވެ. އިސްއުފުލައިލުމުން އެމޫނުން ކަންބޮޑުވުމާއި ލަދުވެތިކަން އެކުވެފައިވަތީ އިޔަން ދުށްޓެވެ. އިޔަން ބަލަން ހުއްޓައި އެބޮޑުބޮޑު ދެލޮލަށް ކަރުނަތައް ޖަމާވިތަން ފެނުނެވެ. ލަދުންވެސް އަންހެން ކުދިން ރޮއެ ހެއްޔެވެ؟

"ސޮރީ." ހަމްދަރްދީ ވެވުނުވަރުން އިޔަން އަވަހަށް ތެދުވެފައި ދާންވެގެން ހިނގައިގަތެވެ. ޒޯހާގެ އެސިފަ އާއި މެދު ވިސްނަން އޭނާއަށް މަޖުބޫރުވިއެވެ. ހާދަ ތަފާތު ކުއްޖެކެވެ. އެއް ވަގުތެއްގައި އެހާ އެކުވެރިކޮށް ވާހަކަ ދައްކާފައި އަނެއް ވަގުތެއްގައި އެއިނީ ބަސް ހުސްވެ އަނގައިންވެސް ނުބުނެވިފައެވެ.

އިޔަން ގޮސް މޯޑު ކައިރީ އިންދައި އިރުކޮޅަކުން ޒޯހާ ފެނުނީ ތެދުވެގެން ގޮސް އިތުރު ބަޔަކާއިއެކު ފާލަމާއި ދިމާއަށް ދާން ފެށިތަނެވެ. އެތަނުން އިސްކޮށް ހުރި ފިރިހެންމީހާ އިޔަންއަށް ފާހަގަވިއެވެ. އެއީ ގޭގައި ސެކިއުރިޓީ ބަލަހައްޓަން ހުންނަ މީހެކެވެ. ރަވީދު އަކީ ބައްޕަ ނުހަނު އިތުބާރުވެސް ކުރާ ގާތް މީހެކެވެ. "އެއީތަ ޒޯހާގެ ފެމެލީ؟" އިޔަން މޯޑުއަށް އެމީހުން ދައްކައިލި އެވެ. އިޔަންގެ ތުންފަތަށް ފަނޑު ހިނިތުންވުމެއް ވެރިވެގެން ދިޔައީ މޯޑު ބޯޖަހައިލި ފަހުންނެވެ.

ޒޯހާ ނުފެނި އިތުރަށް ދެ ދުވަސް ހޭދަވެގެން ދިއުމުން އިޔަންގެ ކެތްތެރިކަން ކޮޅުންލިއެވެ. ތިންވަނައަށް ވީ ދުވަހު ނަސީބުވެސް ދިމާކުރީ ނިކަން ރަނގަޅަށެވެ. ރަވީދު ބަލިވެ މަސައްކަތަށް ނައުމުން އިޔަން ގޮވާލަން ދިއުމުގެ ބަހަނާގައި ފުރަތަމަ ފަހަރަށް އެގެއަށް ދާން ނިންމިއެވެ. ކޮޓަރީގައި ތައްޔާރު ވާން ހުއްޓައި މިއާ އައީ ހޯމްވޯކް ހަދަން އިނދެފައެވެ. "އިޔާ ތަނަކަށް ދަނީތަ؟ އެހެންވިއްޔާ ފަހުން އަންނާނަން." މިއާ ދޮރު ކައިރީ ހުރެފައި އިޔަން ތައްޔާރު ވާތަން ފެނިގެން ބުނެލިއެވެ. "އޯކޭ ބޭބީ. ވަރަށް އަވަހަށް އަންނާނަން." އިޔަން އެއްލޯ މަރައިލަމުން އައިސް މިއާގެ ކައިރިއަށް ހުއްޓި ކޯތާފަތުގައި މަޑުމަޑުން ޖަހައިލި އެވެ.

ދޮރާއި ހަމައިން ހަމީދު ފެނިގެން އިޔަންއަށް ހިންދިރުވައިލަން އުދަނގޫވިއެވެ. ބައްޕަގެ ހަރުކަށި މިޒާޖުދެކެ އޭނާ އަބަދުވެސް ޖެހިލުންވެއެވެ. "އިޔަން ކޮންތާކަށް؟" ހަމީދު ސުވާލު ކޮށްލުމުން އިޔަން ވަގުތުން ހުއްޓުނެވެ. "މިއަދު ރަވީދުބެ ނާންނާތީ ހާލު ބަލައިލަން ކަމަށް." ބައްޕަ މަނާކޮށްފާނެތީ އިޔަން ޖެހިލުންވި ނަމަވެސް ތެދަށް ޖަވާބުދިނެވެ. "ވަރަށް ރަނގަޅު. ދޭ ގޮސްލައިފަ އަންނަން. ބައްޕަގެ ސަލާމް ރައްދުކޮށްދޭތި. އަދި އެނބުރި އައިސް ރަވީދުބެގެ ހާލު ހުރިގޮތް ބައްޕައަށް އަންގާލާތި." ހަމީދުގެ މޫނުން ހިސާބެއްގެ ހަމަޖެހުމެއް ފާޅުވިއެވެ. އޭނާގެ ދަރިފުޅު އެހެން މީހުންނާއި ދޭތެރޭ ވިސްނާވަރު ދެކެފައި ހިތާއި ހިތުން އުފާކުރިއެވެ. އިޔަން އުފަލުން އާއެކޭ ބުނެފައި އަވަހަށް ނިކުމެގެން ގޮސް ސައިކަލަށް އެރިއެވެ.

ރަވީދުގެ ގޭ ދޮރުމައްޗަށް ސައިކަލު މަޑުކޮށްފައި އިޔަން ފުރަތަމަވެސް މޯޑުއަށް މެސެޖްކޮށްލީ "މި ވަންނަނީ ޒޯހާއުޅޭ ގެއަށޭ" ލިޔެލައިފައެވެ. އިޔަން ލުއި ހިނިތުންވުމަކާއެކު ގޭގެ ތަޅުގައި ހިފާފައި އަނެއްއަތުން ދޮރުފަތުގައި ޓަކި ޖަހައިލިއެވެ. "އައްސަލާމް އަލައިކުމް. މީ ރަވީދުބޭ އުޅޭ ގެ ދެއްތޯ؟" ކުރިމަތިން ބައްދަލު ކުރި މުސްކުޅި އަންހެނާ ދެކެފައި އިޔަން ގާތް މޫނަކާއެކު ވާހަކަދެއްކިއެވެ. "ރަނގަޅު. ތީ ކޮންކުއްޖެއް؟" މުސްކުޅިޔާ އިޔަން ވަންނަން ތަން ދައްކާފައި އަހައިފިއެވެ. "ރަވީދުބޭ ސެކިއުރިޓީ ބަލަހައްޓަން ހުންނަ ގޭ ކުއްޖެއް މީ." އިޔަން ތައާރަފް ދިނުމުން މުސްކުޅިޔާ ލޯ ބޮޑުކޮށްލައިފައި އަސާގަނޑާއެކު ދެވުނު އެންމެ ބާރަކަށް ހިނގައިގަނެގެން ގޮސް ވަނީ އެންމެ ކައިރީގައި ހުރި ކޮޓަރި އަށެވެ. އިޔަން އެގޭގެ އެކި ދިމާއަށް ނަޒަރު ހިންގައިލާފައި ސިޓިންރޫމްގައި ހުރި ތިން ގޮނޑީން ކުރެ ގޮނޑިއެއްގައި އިށީންނަން އުޅެނިކޮށް މީހުންތަކެއްގެ ފިޔަވަޅުގެ އަޑު އިވިގެން ބަލައިލިއެވެ. މުސްކުޅިޔާ އާއި އެއަށްވުރެ ޅަ އަންހެނަކު ނިކުމެފައި އެޅަމީހާ އެއީ ރަވީދުގެ އަންހެނުން ޝަހާމާ ކަމަށް ތައާރަފް ދިނެވެ. އަދި މުސްކުޅިޔާ އެއީ ރަވީދުގެ މަންމައެވެ. ޝަހާމާ އަތުގައި އޮތް ފޮތިގަނޑަކުން ގޮނޑިތައް ފުހެން ފެށުމުން އިޔަން ލަދުގަންނަ ގޮތްވިއެވެ. އޭނާއަށްޓަކައި އެމީހުން އެވަރު އަރުވައިލާނެ ކަމެއް ނޭނގޭ ވިއްޔާއެވެ.

"ފުހޭނެ ކަމެއް ނެތް ދައްތާ." އިޔަންއަށް ބުނެވުނެވެ. ޝަހާމާ އެނބުރި ބަލައިލާފައި ހިނިތުންވެލިއެވެ. އެވަރުންވެސް ހުރިހާ ގޮނޑިއެއް ފުހުނެވެ. އިޔަން އިށީންދެފައި އައި ބޭނުން ހާމަ ކުރުމުން މުސްކުޅިޔާވެސް ލޯ ބޮޑުވިއެވެ. "މަންމަ ދޭބަލަ ރަވީދުއަށް ގޮވަން. އަހަރެން އަންނާނަން އިޔަންއަށް ކާއެއްޗެއް ހިފައިގެން... ދަރިފުޅާ ޒޯހާ!" ޝަހާމާގެ ވާހަކަ އިވިގެން އިޔަން އެކަން މަނާކުރަން އުޅެނިކޮށް ޒޯހާއޭ ގޮވައިލުމުން އެހިޔާލު ދޫކޮށްލިއެވެ. ޒޯހާ ފެންނަންޏާ އޭނާ އެގޮތާއިވެސް ގަބޫލެވެ. "ދައިތާ ރަވީދުބެ ބަލިވެ އޮތްވާ މިތަނަށް ނެރޭނެ ކަމެއްނެތް. އަހަރެން ވަދެފާނަން." ޝަހާމާ ދިޔަފަހުން އިޔަން ތެދުވެފައި މުސްކުޅިޔާ ހުއްޓުވަން ވެގެން އުޅުނެވެ. ބޭރުގައި އަޑު ގަދަވެގެން ރަވީދު ނިކުތީ އެވަގުތުއެވެ.

"އަހަ ކޮއްކޯ." ރަވީދުވެސް ހައިރާންވިއެވެ. "އަވަހަށް އިށީންދޭ ރަވީދުބެ. ބޭބެ ބަލިވެ މިއަދު ނުދާތީ ހާލު ދެކިލަން މިއައީ. ބައްޕަވެސް ސަލާމް ބުނި." އިޔަން ވާހަކަދެއްކިއެވެ. ރަވީދުގެ ލޯ ފެންކަޅިވެގެން އައުމާއެކު ކައިރީގައި ހުރި ގޮނޑީގައި އިށީންދެފައި އިޔަންއަށް ޝުކުރު އަދާކުރިއެވެ. އިރުކޮޅަކުން ޝަހާމާ ވާހަކަ ދައްކަމުން އަންނަ އަޑު އިވިފައި އިޔަންގެ ސަމާލުކަން ހުއްޓުވައި ލެވުނީ އެދިމާއަށެވެ. ޒޯހާ ގޭގައި ލައިއުޅޭ ބާ ޓީޝާޓަކާއި ހަރުވާޅެއްގައި އިސްތަށިގަނޑުގައި ހުޅިއެއްޖަހައި ހައްޔަރު ކޮށްގެން އައިސް ވަނީ ތަބަކެއްގައި ޖޫސްތައްޓަކާއި ތެލުލި ބަނބުކެޔޮ ތައްޓެއް ބަހައްޓައިގެންނެވެ. އެވަގުތު ޒޯހާއަށް އިޔަންގެ މޫނު ފެނިފައި ސިހިގެން ގޮސް ތަބައް އަރިކޮށްލައިފި އެވެ. ޝަހާމާ ދާދި ކައިރީގައި ހުރެފައި އޭގައި ނުހިފިނަމަ އެކައްޗެއްވެސް ސަލާމަތް ނުވީހެވެ. އިޔަންއަށް އިހުތިޔާރަކާއި ނުލައިވެސް ހެވެން އުޅުނެވެ. އަވަހަށް އިސްޖަހާލައިފައި ތުންފަތުގައި މުށްކަވައިލި އަތް ޖައްސައިނުލިނަމަ އަޑު ބޭރުވީހެވެ.

"އިޔަން! މީ އަހަރެމެންގެ ހަގު ދަރިފުޅު ޒޯހާ." ރަވީދު ޒޯހާގެ ތައާރަފް ދިނުމުން ތަބައް ބަހައްޓާފައި އަވަހަށް ގޮސް ކައިރީގައި ހުރި ކޮޓަރިއަށް ދެމިގެންފިއެވެ. އިޔަން ޖޫސްތަށީގައި ތުންޖަހާފައި ސިއްރު ލޮލަކުން އެދިމާއަށް ބަލައިލި އިރު ޒޯހާވެސް ސިއްރުން ބޯދިއްކޮށްލަނީއެވެ. ޒޯހާ ލޯ ބޮޑުކޮށްލައިފައި އަނެއްކާ އެތެރެއަށް ދެމިގަތްތަން ދެކެފައި އިޔަން ކޮށިވެސް އަރައިފި އެވެ. "ދަރިފުޅާ ޒޯހާ. އިޔަންއަށް ފެންތައްޓެއް ގެނެސްދީބަލަ!" ޝަހާމާ އަނެއްކާވެސް ގޮވައިލީ ޒޯހާ އަށެވެ. އިޔަން ހިނިގަނޑު ބަނޑަށް ހިންދާލައިގެން އިނދެފައި ތެލުލި ބަނބުކެޔޮ ފޮއްޗެއްވެސް ކައިލިއެވެ. "ހުރޭ ދެން ތިގެއަށް ގެންގޮސްދޭނަން ކެޔޮ ޑަބިޔަލެއް." އިޔަން އެ މީރުވެގެން ތައުރީފްކޮށްލުމުން ރަވީދުބެ އަވަހަށް ބުނެފިއެވެ. "ކޮބާތަ އެޒޯހާ؟" ޝަހާމާ އިންތިޒާރުކޮށްވެސް ޒޯހާ ނުނިކުތުމުން އަނެއްކާ ގޮވައިލާފައި މިފަހަރު ގޮސް އައީ ފެންތަށި ހިފައިގެންނެވެ. އިޔަން ރަވީދުގެ ހާލަތު އޮޅުންފިލުވައި ޑޮކްޓަރަށް ދައްކާށޭ ކިޔާފައި ވޮލެޓުން ފައިސާ ދޭން އުޅެން ފެށުމުން އެންމެން އެއްފަހަރާ މަނާވެގެންފިއެވެ.

"ދެން ދަނީ. ވަރަށް ބޮޑަށް ޝުކުރިއްޔާ." އިޔަން ދާންވެގެން ތެދުވެފައި އަނެއްކާވެސް ބަލައިލެވުނީ ޒޯހާ ވަން ކޮޓަރި އާއި ދިމާއަށެވެ. ގެއާއި ހަމައަށް ދެވޭންދެން ސައިކަލުގައި ވެސް އޭނާ އިނީ އެހިޔާލުގައި ހިނިތުންވެފައެވެ. އިޔަން ގޮސް ވަދެފައި ކޮޓަރިއަށް ވަންނަން ދަނިކޮށް ތަފާތު ކަމެއް ފާހަގަ ކުރެވުނެވެ. ހޯލްތެރޭގައި ބަހައްޓާފައި ހުރި ފޮށިތަކަށް ބަލާލީމައި ހީވަނީ މީހަކު އައީހެންނެވެ. އިޔަން ވިސްނަން ހުރެފައި ގޮސް މިއާ ކުރެން އަހަންވެގެން އެދިމާއަށް ދިޔައިރު އެކޮޓަރިން ބަޔަކު ވާހަކަ ދައްކާ އަޑު އިވުނެވެ.

ދޮރާއި ހަމައިން އިޔަންގެ ނިތަށް ރޫ އަރައިފިއެވެ. މިއާގެ ކޮޓަރީގައި ބޮޑު ބުރުގާ އަޅާފައި ހުރި އަންހެންމީހާ ފެނިފައި ހިތުގައި ރުޅިވެރިކަމުގެ ރާޅެއް ދުވެލިއެވެ. މިއާގެ މަންމަ ޒަމީހާ އެނބުރި އައީއެވެ. ހަމައެކަނި މިއާގެ މަންމައެއްވެސް ނޫނެވެ. އިޔަންގެ ބޮޑުދައިތަވެސް މެއެވެ. ޒަމީހާ އާއި ހަމީދުގެ ކޮއްކޮ ނާޝިދު މިއާ ބަހައްޓާފައި އެންމެ ފަހުން ބޭރަށް ކިޔަވަން ދިޔަތާ އަހަރެއްވީއެވެ. އަހަރެއް ފަހުން އެއައީ ޗުއްޓީއަށެވެ. ޒަމީހާ އެއީ އާއިލާގެ މެމްބަރަކަށްވިއަސް އެންމެންނާއި ތަފާތެވެ. އަދި ޒަމީހާގެ އެހެން އެންމެންނަށް ނޭނގޭ ސިއްރެއް އިޔަންއަށް އެނގުނު ދުވަހުން ފެށިގެން އިންތިހާއަށް ނަފްރަތު ކުރެއެވެ. ހަމައެކަނި އެކަން ފާޅު ނުކުރާކަމެވެ. މިއާ އެއީ ދެބެންގެ ދެދަރި ކުއްޖަކަށް ވުމުން މިއާދެކެ އިޔަން، ކޮއްކޮއެއް ފަދައިން ލޯބިވިއަސް ޒަމީހާ އެއީ އޭނާގެ ހަތުރެކެވެ. ނަޝީދުވެސް ޒަމީހާދެކެ ވާ ލޯބިން އެވަރުގެ ބޮޑުކަމެއް އެހުންނަނީ ސިއްރު ކޮށްލައި ގެންނެވެ.

އެހާ ކުޑަ ވަގުތުކޮޅަކަށްވެސް އިޔަން ކަންބޮޑުވީ ޒަމީހާ މިޗުއްޓީގައި ކޮށްލާނީ ކޮންފަދަ ކަމެއްބާއޭ ހިތަށް އަރައިފައެވެ.
(ނުނިމޭ)