ހދ. ހޮނޑައިދޫގައި ބަނގުރާ ބުއި ކަމުގެ ތުހުމަތުގައި ރައްޔިތުންގެ މަޖިލީހުގެ ދެ މެމްބަރަކާއި ކުރީގެ ސަރުކާރުގެ ބައެއް އިސްވެރިންތަކެއްގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ބަނގުރަލާއި މަސްތުވާތަކެތި ބޭނުންކޮށް އެތަކެތި ހޮނޑައިދޫގައި ގެންގުޅުނު ކަމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ހ.ތިމާވެށި އަބްދުﷲ ޖާބިރު 41، އާއި ހެންވޭރު ދެކުނުދާއިރާގެ މެންބަރު ހ.ޝޭޑީކޯނާ ހާމިދު އަބްދުލްޣަފޫރު 54، އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުގެ ޕްރެސް ސެކްރެޓަރީ މ.ވައިނުޖެހޭގެ-1 މުހައްމަދު ޒުހެއިރު 54، އާއި އޭނާގެ އަނބިކަނބަލުން މއ.މަނާގޭ މަރިޔަމް ފާއިޒް 52، އާއި ސ.ހުޅުދޫ ރީފްސައިޑް ޖާދުﷲ ޖަމީލް 37، އާއި ރައީސް ނަޝީދުގެ ސްޕެޝަލް އެންވޯއީ ހ.ހުޅުގަލި އިބްރާހީމް ހުސައިން ޒަކީ 65، ގެއިތުރުން އޭނާގެ ދަރިކަލުން ގ.ހިލިހިލާގޭ މުހައްމަދު ހަމްދާން ޒަކީ 36، ގެ މައްޗަށް ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ހޮނޑައިދޫން ފުލުހުން ހައްޔަރުކުރުމަށް ފަހު ދޫކޮށްލުމާ ގުޅިގެން އެ މީހުންގެ ތެރެއިން އިބްރާހީމް ހުސައިން ޒަކީ ވަނީ ބޭސްފަރުވާއަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ފުރާވަޑައިގެންފަ އެވެ. އޭގެފަހުން އޭނާ ރާއްޖެ ވަޑައިގެންފައެއް ނުވެއެވެ.

އެ ހަތް މީހުން ހޮނޑައިދޫން ހައްޔަރުކޮށްފައި ވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 16 ވަނަދުވަހުގެ ފަތިހު 5:00 އެހައިކަންހާއިރު އެވެ.

ފުލުހުން ބުނީ އެ މީހުންގެ ތެރެއިން ޖާބިރު އާއި ޒުހައިރު އާއި އޭނާގެ އަނބިކަނބަލުން މަރިޔަމް ފާއިޒު އާއި ހާމިދު އަބްދުލްޣަފޫރު އަދި އިބްރާހީމް ހުސައިން ޒަކީ ގާތު ކުޑަކަމުދާތަކެތި ދިނުމަށް ފުލުހުންގެ އޮފިސަރަކު އެދުމުން ކުޑަކަމުދާތަކެތި ދިނުމަށް އިންކާރުކޮށްފައިވާތީ އެ މައްސަލައިގައި ވެސް އެ މީހުންގެ މައްޗަށް ދައުވާ ކޮށްދިނުމަށް ޕީޖީ އޮފީހުގައި އެދިފައިވާނެ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މީގެކުރިން ވެސް ފުލުހުން މި މައްސަލަ ޕީޖީ އޮފީހަށް ފޮނުވި އެވެ. ނަމަވެސް ތަހުގީގުގައި ބައެއްކަންތައް ފުރިހަމަވެފައި ނުވާތީ އެ އޮފީހުން ވަނީ އެ މައްސަލަ އަނބުރާ ފުލުސް އޮފީހަށް ފޮނުވާފަ އެވެ.

މި މައްސަލައިގެ ތަހުގީގު މުޅިން ފުރިހަމަ ކުރުމަށް ފަހު ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ ތިން ވަނަ ދުވަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.