08 Jul 2013, 19:08
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރޯދަ މަހަށް ފަށާފައިވާ "ރޯދަ ވެދުން" ޕްރޮމޯޝަންގެ ދަށުން ކޮންމެ ދުވަހަކު ބައި ލައްކަ ރުފިޔާއާ ހަމައަށް ފައިސާގެ އިނާމެއްގެ ފުރުސަތު ލިބޭ ދޫކުރާނެ ޕްރޮމޯޝަނެއް އެ ބޭންކުން ފައްޓައިފި އެވެ.
ބީއެމްއެލްގެ ބާޒާރު ބުރާންޗުގައި މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު ހުސައިން ރަޝީދު ވިދާޅުވީ ބީއެމްއެލް އިން މި އަހަރުގެ ރޯދަ މަހަށް ފަށާފައިވާ ޕްރޮމޯޝަންއަކީ އެބޭންކުގެ ކުރެޑިޓް އަދި ޑެބިޓް ކާޑު ގެންގުޅޭ ކަސްޓަމަރުންނަށް އަމާޒުކޮށްފައިވާ ޕްރޮމޯޝަނެއް ކަމަށެވެ.
ހުސައިން ވިދާޅުވީ މިޕްރޮމޯޝަންގެ ދަށުން ބީއެމްއެލްގެ ޑެބިޓް ނުވަތަ ކުރެޑިޓް ކާޑު ބޭނުންކޮށްގެން އެބޭންކުގެ ޕީއޯއެސްތަކުން ވިޔަފާރި ކުރާ ކަސްޓަމަރުންނަށް "ރޯދަ ވެދުން" ޕްރޮމޯޝަންގައި ބައިވެރިވެވޭނެ ކަމަށެވެ.
"މިޕްރޮމޯޝަންގައި ކޮންމެ ދުވަހަކަށް ގުރުއަތުން ހޮވޭ ކަސްޓަމަރެއް އެދުވަހު ވިޔަފާރި ކުރުމަށް ކާޑުން ހޭދަކުރި ފައިސާ 50،000 ރުފިޔާއާ ހަމައަށް އަނބުރާ އެކަސްޓަމަރަކަށް ލިބިގެންދާނެ" ހުސައިން ވިދާޅުވި އެވެ.
ބޭންކުން ބުނީ މިޕްރޮމޯޝަންގައި ބަލާނީ ކޮންމެ ދުވަހަކު ކާޑުން ކުރާ ވިޔަފާރިތަކަށް ކަމަށެވެ.
ބީއެމްއެލް އިން ބުނީ މިޕްރޮމޯޝަންގެ ގުރުއަތުލުން އޮންނާނީ ކޮންމެ ހަފުތާއަކު ކަމަށާއި މީޑިއާގެ ހާޒިރުގައި ކުރިއަށްދާ ގުރުއަތުލުމުގައި ކޮންމެ ހަފުތާއަކު ހަތް ނަސީބުވެރިއަކު ހޮވާނެ ކަމަށެވެ. އަދި ގުރުއަތުން ހޮވޭ ފަރާތްތަކަށް ބޭންކުން ގުޅާފައި އެކަން އަންގާނެ ކަމަށާއި ގުރު ދިމާވި ޓްރާންސެކްޝަންގައި ހިމެނޭ އަދަދު ހަފުތާއެއްގެ ތެރޭގައި އެ މީހެއްގެ އެކައުންޓަށް އަނބުރާ ޖަމާކޮށްދޭނެ ކަމަށެވެ. ނަމަވެސް ބޭންކުން ބުނީ އެ ދަދަދު 50،000 ރުފިޔާ އަށް ވުރެ މަތި ނަމަވެސް ބޭންކުން ޖަމާކޮށްދޭނީ 50،000 ރުފިޔާ ކަމަށެވެ.
ބޭންކުން ބުނީ ގުރު ދިމާވާ ޓްރާންސެކްޝަނަކީ ތަފާތު އަދަދު ހިމެނޭ ފުރުސަތަކަށް ވެދާނެ ކަމަށާއި އަދި އެ އަދަދަކީ އެއް ރުފިޔާ އިން ފެއްޓިގެން 50،000 ރުފިޔާގެ އަދަދަކަށް ވެދާނެ ކަމަށެވެ.