ސިފައިން، ފުލުހުންނަށް ބޮޑީގާޑް ތަމްރީނުތަކެއް ހިންގައިދީފި އެވެ.  


އެމްއެންޑީއެފްން ބުނީ ފުލުހުންގެ އެދުމަކަށް މިދިޔަ މަހުގެ އެއް ވަނަ ދުވަހުން ފެށިގެން އެ މަހުގެ ނިޔަލަށް ހިންގި ބޮޑީގާޑުން ތަމްރީނު ކުރުމުގެ ކޯހުގައި 30 ފުލުހަކަށް ތަމްރީނު ދީ، އޭގެ ތެރެއިން 27 ފުލުހަކު ފާސް ވެފައިވާ ކަމަށެވެ.  


ސިފައިންގެ ސްޕެޝަލް ޕްރޮޓެކްޝަން ގުރޫޕުން ހިންގި މިކޯހުގައި ބީޖީ ސްކިލްސް އާއި ފެތުމާއި ފުރަތަމަ އެހީ އާއި ކޮންޓެކްޓް ޓެކްޓިކްސް ހިމެނެ އެވެ.


މީގެއިތުރުން ޕަބްލިކް ރިލޭޝަނާއި ޓެރަރިޒަމާއި އެތިކްސް، މެނަނިޒަމް، އިފެކްޓިވް ކޮމިޔުނިކޭޝަންގެ މައުލާމާތު ވެސް ތަމްރީނުވި ބޮޑީގާޑުންނަށް ދިނެވެ.


ބޮޑީގާޑް ޓްރޭނިންގ ކޯހުގެ ނިމުމުގެ ރަސްމިއްޔާތުގައި ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއާ ޖެނެރަލް ފަރުހަތު ޝަހީރު ވިދާޅުވީ، އިލްމާއި ހުނަރުން މީހާ ބަންޑުން ޖެހިގެންދިޔައަސް، ޝަހުސިއްޔަތެއް ނެތްނަމަ ހުނަރާއި އިލްމެއްގެ ބޮޑު ޕަސެންޓޭޖެގެ ގެއްލޭނެ ކަމަށެވެ. އޭނާ ވިދާޅުވީ ތެދުވެރިކަމާއި އިހުލާސް ތެރިކަމާއި ވަފާތެރިކަމަކީ ބޮޑީގާޑެއްގައި ހުރުން ކޮންމެހެން ލާޒިމް ސިފަތަކެއް ކަމަށާއި ބޮޑީގާޑަކާ ހަވާލުކުރާ ޕްރިންސިޕަލާމެދު ވަރަށް ބޮޑު އިތުބާރެއް އޮންނަންޖެހޭނެ ކަމަށެވެ. އެކަންކަން ކުރެވޭނީ ޝަހުސީ ސިފަތައް ހުރެގެން ކަމަށް ވެސް ވިދާޅުވި އެވެ.


އޭނާ ވިދާޅުވީ ކުރިއަށް އޮތް ސާކު ސަމިޓަށް ތައްޔާރުވުމަށް ބޮޑީގާޑްން ތަމްރީނު ޕްރޮގްރާމެއް ރާވަމުންދާ ކަމަށާއި ފުލުހުން ބޭނުންވި ވަރަކަށް އެ ޕްރޮގްރާމުން ޖާގަ ދޭނެ ކަމަށެވެ.