ޕާސްޕޯޓް ހަދާ ފޯމު ވެލާނާ ގޭގައި ހުންނަ ޕޯސްޓް ލިމިޓެޑްގެ އޮފީހުން ބަލައިގަންނަން ފަށައިފި އެވެ.

އިމިގްރޭޝަން ޑިޕާޓްމަންޓާއި ޕޯސްޓް ލިމިޓެޑާ ދެމެދު ވެވުނު އެއްބަސްވުމުގެ ދަށުން ގިނަ ވަގުތު ކިޔޫގައި މަޑުކުރަން ނުޖެހި ލުއި ފަސޭހަކޮށް ޕާސްޕޯޓް ފޯމް ހުށަހެޅޭނެ ގޮތް ހަމަޖެހިގެންދާނެ އެވެ.

އެ އެއްބަސްވުމުގައި ސޮއިކުރުމަށްފަހު އިމިގްރޭޝަން ކޮންޓްރޯލަރު ޑރ. މުހައްމަދު އަލީ މިއަދު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ރައްޔިތުންނަށް "އާ އިމިގްރޭޝަނެއް" ފެށިގެންދާނެ ކަމަށެވެ.

"މިމަރުހަލާގައި މިއޮތީ ޕާސްޕޯޓް އެޕްލިކޭޝަނަށް ހުށަހަޅާ ފޯމު ބަލައިގަތުން. މީގެ އިތުރުން ވެލާނާގޭގައި ހުރި ޕޯސްޓް އޮފީހުގައި ފޮޓޯ ނެގުމުގެ އިންތިޒާމް ހަމަޖެހިފައި. އެހެންވީ ފޮޓޯ ވެސް ނެގޭނެ. އެޕްލިކޭޝަން ވެސް އެތަނަށް ބަލައިގަންނާނެ،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ކުރިޔަށް އޮތްތަނުގައި ޕޯސްޓް އޮފީހުގެ ހުރިހާ ބްރާންޗަކުން ވެސް އެ ހިދުމަތް ލިބޭނެ ގޮތް ހަމަޖައްސަން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އޭގެ އިތުރުން ބޮޑެތި ބައެއް އަތޮޅުތަކުން ބައެއް ކަހަލަ ޕާސްޕޯޓް ދޫކުރުމުގެ އިންތިޒާމް ވެސް ހަމަޖެއްސުމަށް މަސައްކަތްކުރާ ކަމަށް ޑރ. މުހައްމަދު އަލީ ވިދާޅުވި އެވެ.

"ކުރިޔަށް އޮތްތަނުގައި ހިދުމަތް ރަނގަޅުކުރީމަ ޕާސްޕޯޓް ދުވަހުން ދުވަހަށް ދޫކުރާ އަދަދު އިތުރުވެގެންދާނެ. ވަރަށް މަދު ގައުމެއްގައި އެގޮތަށް ޕާސްޕޯޓް ދޫކުރަނީ. މިދިޔަ އަހަރު ވެސް 33،000 އަށް ވުރެ ޕާސްޕޯޓާ ގުޅޭ ލިޔެކިއުންތައް ދޫކޮށްފައިވާނެ. ބައެއް ދުވަސްދުވަހު 500 ވަރަކަށް ޕާސްޕޯޓް ދޫކުރެވިފައި އެބަހުރި،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ބޭރު ގައުމަކުން ރާއްޖޭގެ ޕާސްޕޯޓާ ބެހޭ އެއްވެސް މައްސަލައެއް ޖެހިފައިނުވާ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕޯސްޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ބަދުރުއްދީން ނަސީރު އެ ކުންފުނިން މަސައްކަތްކުރަނީ ރައްޔިތުންނަށް ލުއި ފަސޭހަކޮށް ހިދުމަތް ދިނުމަށް ކަމަށެވެ.

"މީގެ ކުރިން ފޮޓޯ ނަގާ ތަންތަނުން ފޮޓޯ ނަގައިދޭ ގޮތަށް މިއަދުން ފެށިގެން ފޯމު ބަލައިގަންނަން ފެށީ. ކުރިޔަށް އޮތްތަނުގައި ޕޯސްޓް މެދުވެރިކޮށް ޕާސްޓްޕޯޓް މެދުވެރިކޮށް ފޮނުވައިދެވޭތޯ މަސައްކަތްކުރާނަން،" އޭނާ ވިދާޅުވި އެވެ.

ކޮންޓްރޯލަރު ވިދާޅުވީ ޕޯސްޓް އޮފީހުން ފޯމު ބަލައިގަތް ނަމަވެސް ޕާސްޕޯޓް ދޫކުރާނީ އިމިގްރޭޝަން ޑިޕާޓްމަންޓުން ކަމަށެވެ.