08 Jul 2013, 16:55
ހައްޖަށް ގެންދިޔުމަށް އެތައް ބައެއްގެ އަތުން ނެގި 8.6 މިލިއަން ރުފިޔާގެ ތެރެއިން ހަ މިލިއަން ރުފިޔާ އަށް ވުރެ ގިނަ ރުފިޔާ މައްކާގައި ހައްޖުވެރިން ތިބޭނެ ގެތައް ކުއްޔަށް ހިފުމަށް ހަރަދުކޮށްފައިވާ ކަމަށް މަލީޝާ ހައްޖު އެންޑް އުމްރާ ސާވިސަސްގެ ވެރިޔާ އިސްމާއީލް އަބްދުއްލަތީފް ބުނެފި އެވެ.
އިސްމާއީލް އަބްދުއްލަތީފް އެގޮތަށް ބުނީ އޭނާގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޚިޔާނާތްރެތިވުމުގެ ކުށުގެ ދައުވާއާ ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި އިސް ގާޒީ އަބްދުﷲ މުހައްމަދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެމުން ނެވެ.
ބާކީ ހުރި ފައިސާ އަށް ހެދީ ކިހިނެތްތޯ އިސް ގާޒީ އެއްސެވުމުން އޭގެ ތަފްސީލުތައް ޝަރީއަތަށް ކިޔައިދުނުމުގެ ބަދަލުގައި އޭނާ ބުނީ އޭގެ ތަފްސީލުތައް ލިޔުމުން ކޯޓަށް ހުށަހަޅާފައިވާނެ ކަމަށެވެ.
އޭނާ ބުނީ އެ ޖަމާއަތަށް ފައިސާ ދެއްކި މީހުންގެ ތެރެއިން ތިން މީހަކަށް އަނބުރާ ފައިސާ ހަވާލުކޮށްފައިވާނެ ކަމަށާއި އެއީ ކ. ހުރަ އަށް ނިސްބަތްވާ ތިން މީހުން ކަމަށެވެ.
އޭނާ ބުނީ ހައްޖަށް ގެންދިޔުމުގެ ހުއްދަ ނުލިބެނީސް ހައްޖަށް ގެންދިޔުމަށް ޓަކައި ފައިސާ ނަގަން ފަށާފައިވާ ކަމަށެވެ. އަދި ބުނީ އެގޮތަށް އަމަލުކުރީ ސައުދީ ސަރުކާރުން ދޫކުރާނެ ކަމަށް ބުނި 500 ކޯޓާގެ ތެރެއިން ކޯޓާ ދޫކުރާނެ ކަމުގެ ލިޔުމެއް އިސްލާމިކް މިނިސްޓްރީން އެ ޖަމާއަތަށް ދޫކުރުމުން ކަމަށެވެ.
"އިސްލާމިކް މިނިސްޓްރީން އޮތް ލިޔުމެއް ދޫކޮށްފައި، ހުއްދަ ލިބޭނެކަމުގެ ލިޔުމެއް. ފަހުން ލިބޭ 500 މީހުންގެ ކޯޓާއިން ލިބޭނެ ކަމަށް،" އިސްމާއީލް އަބްދުއްލަތީފް ބުންޏެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ވަނީ ދައުލަތުން ހުށަހަޅާފައިވާ ދެ މީހެއްގެ ހެކިބަސް ނަގައިފަ އެވެ.
ހެކިބަސްދެމުން ކ. ހުރާގައި މަލީޝާގެ ފަރާތުން މީހުންގެ އަތުން ފައިސާ ނެގުމުގައި ހަރަކާތްތެރިވި އެރަށު މީހެއްކަމަށްވާ ހުސައިން ލުގުމާން އާދަމް ބުނީ މަލީޝާގެ ދަށުން ހައްޖަށް ދިޔުމަށް އެރަށު މީހުން އޭނައާ ފައިސާ ހަވާލުކުރުމުން އިސްމާއީލް އަބްދުއްލަތީފާ އެ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ.
އޭނާ ބުނީ އެރަށު މީހުންގެ އަތުން ފައިސާ ނަގަން ފެށި އިރު ހައްޖަށް މީހުން ގެންދިޔުމުގެ ހުއްދަ އިސްލާމިކް މިނިސްޓްރީން އެ ޖަމާއަތަށް ދޫކޮށްފައި ނުވާ ކަމަށެވެ.
އޭނާ ބުނީ އެރަށުން ފައިސާ ދެއްކި މީހުންގެ ތެރެއިން ތިން މީހަކަށް އަނބުރާ ފައިސާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި ބާކީ ތިބި މީހުންނަށް ފައިސާ ހަވާލުކުރުމުގެ ގޮތުން ޗެކެއް ދޫކުރި ކަމަށާއި ނަމަވެސް އެޗެކަށް ފައިސާ ލިބިފައި ނުވާ ކަމަށް ވެސް އޭނާ ބުންޏެވެ.
ހެކިބަސްދެމުން މާލީޝާ ހައްޖު އޮފީހުގެ ކުރީގެ އިދާރީމުވައްޒަފަކު ބުނީ ކޯޓާ ލިބޭނެ ކަމުގެ ލިޔުން އިސްލާމިކް މިނިސްޓްރީން ދޫކުރުމުގެ ކުރިން ފައިސާ ނަގާފައި ވަނީ ހުއްދަ ލިބެންދެން ރައްކާތެރިކަމާ އެކު ބެހެއްޓުމަށް ކަމަށެވެ. އަދި މިނިސްޓްރީން އެ ލިޔުން ދޫކުރި ފަހުން ފައިސާ ނަގާފައި ވަނީ ހައްޖަށް ގެންދިޔުމަށް ކަމަށް ވެސް އެމީހާ ބުންޏެވެ.
އޭނާ ބުނީ ރާއްޖެ އިން މީހުން ހައްޖަށް ގެންދެވޭގޮތް ނުވުމުން ލަންކާ ކޯޓާ އިން މީހުން ހައްޖަށް ގެންދިޔުމަށް ޓަކައި 100 އަށް ވުރެ ގިނަ ކޯޓާ އިސްމާއީލް އަބްދުއްލަތީފް ހޯދާފައިވާ ކަމަށާއި އަދި އިތުރު ކޯޓާ ލިބޭތޯ މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އޭނާ ގާތު އިސްމާއީލް އަބްދުއްލަތީފް ބުނި ކަމަށް ވެސް އެމީހާ ބުންޏެވެ.
ހިޖްރީ ގޮތުން 1433 ވަނަ އަހަރު މީހުން ހައްޖަށް ގެންގޮސްދޭނެ ކަމަށް ބުނެ 126 މީހެއްގެ އަތުން މަލީޝާ އިން ވަނީ ފައިސާ ނަގައިފަ އެވެ.