08 Jul 2013, 16:02
ބަދުއަހުލާގީ ވީޑިއޯތަކެއްގެ މައްސަލާގައި ތުހުމަތު ކުރެވޭ ބައެއްގެ މައްސަލަ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން ފޮނުވައިފި އެވެ.
ފުލުހުން މިއަދު އާންމު ކުރި ބަޔާނެއްގައި ބުނެފައި ވަނީ ސަން މީޑިއާ ގްރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ސިނާން އަލީގެ މައްޗަށް، ބަދުއަހުލާގީ އަމަލު ހިންގާ ކަމަށް ތުހުމަތު ކުރާ ވީޑިއޯއެއްގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ. އަދި ސިނާނާ އެކު ބަދުއަހުލާގީ އަމަލު ހިންގި ކަމުގެ ތުހުމަތުގައި ދ. މާއެނބޫދޫ، ވައިލެޓްގޭ މުރުޝިދާ ޝަފީގު، 25،ގެ މައްސަލަ ވެސް ވަނީ ޕީޖީ އަށް ވަނީ ފޮނުވައިފަ އެވެ.
ސަން އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ސަން މީޑިއާ ގްރޫޕުގެ ސީއީއޯގެ މައްޗަށް ތުހުމަތު ކުރެވޭ ވީޑިއޯގެ މައްސަލައިގައި މީގެ ދެ އަހަރެއްހާ ދުވަސް ކުރީން ވަނީ އޭނާ ފުލުސް އޮފީހަށް ގެންގޮސް ސުވާލުކޮށްފަ އެވެ. ބައެއް މީޑިއާ ތަކުގައި ރިޕޯޓު ކޮށްފައިވާ ގޮތުގައި މި ތުހުމަތަކީ ސަން މީޑިއާ ގްރޫޕުގެ ސީއީއޯ ޖޮބްމާކެޓް ކިޔާ ކުންފުންޏެއްގައި ހުުރި އިރު ހިންގާފައިވާ އަމަލެކެވެ. ސަން އަށް އެނގިފައިވާ ސަންގެ މިހާރުގެ ސީއީއޯ ޖޮބްމާކެޓުގައި މަސައްކަތް ކުރީ މީގެ ފަސް އަހަރު ދުވަސް ކުރީގަ އެވެ.
މީޑިއާގައި މަސައްކަތް ކުރާ ބައެއް ފަރާތްތަކުގެ "ބަދުއަހުލާގީ ވީޑިއޯ"ގެ މައްސަލަ ފުލުހުން މިއަދު އާންމު ކުރި އިރު، މީޑިއާގައި މަސައްކަތް ކުރާ، ވީޑިއޯ އާންމުވެފައިވާ، ބައެއް ފަރާތްތަކުގެ މައްސަލަ ފުލުހުން އާންމެއް ނުކުރެ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ މައްސަލަތައް ޕީޖީ އަށް ފޮނުވަނީ ތަހުގީގުތައް ނިމެމުންދާ ވަރަކަށް ކަމަށެވެ.