ހދ. ނޮޅިވަރަމް ރައްޔިތުންނަށް ލިބިފައިވާ ގޯތިތަކެއް އެ ރަށު ކައުންސިލުން ނުދީ ހިފަހައްޓާފައި ވާތީ، އެ ގޯތިތައް ދޫކުރުމަށް މަޖިލީހުން އަމުރެއް ނެރުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.

މަޖިލީހުން އަމުރެއް ނެރެން ފާސް ކުރީ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމެޓީން މަޖިލީހުގެ ތަޅުމަށް ހުށަހެޅި ރިޕޯޓަށް ބަހުސް ކުރުމަށް ފަހު މަޖިލީހުގައި ނެގި ވޯޓެއްގަ އެވެ. ރިޕޯޓް ފާސް ކުރުމަށް ވޯޓަށް އެހުމުން ޖަލްސާއަށް ހާޒިރުވެ، ވޯޓުގައި ބައިވެރިވި 47 މެންބަރުންގެ ތެރެއިން 42 މެންބަރުންގެ ވޯޓުންނެވެ. ރިޕޯޓް ފާސް ކުރުމާ ދެކޮޅަށް އެއްވެސް މެންބަރަކު ވޯޓު ނުދެއްވާ އިރު، ފަސް މެންބަރަކު ވަކިކޮޅަކަށް ވޯޓެއް ނުދެއްވަ އެވެ.

ނޮޅިވަރަމުން ގޯތި ދޫކުރުމަށް މަޖިލީހުގެ އަމުރަކަށް އެދުނީ އެ ރަށުގެ 460 ރައްޔިތަކު ސޮއިކޮށް ސަރުކާރުގެ މަސްއޫލިއްޔަތު ކޮމެޓީ އަށް ހުށަހެޅި މައްސަލައަކާ ގުޅިގެންނެވެ. ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ މެދުވެރިކޮށް ކޮމެޓީ އަށް ހުށަހެޅި އެ މައްސަލާގައި ބުނެފައި ވަނީ ނޮޅިވަރަމް ކައުންސިލުން ދޫކުރި 172 ގޯތި، އޭގެ ހައްގުވެރިންނަށް ނުދީ ކައުންސިލުން ހިފަހައްޓާފައިވާ ކަމަށެވެ.

ކޮމެޓީން އެ މައްސަލަ ދިރާސާ ކުރުމަށް ފަހު ތަޅުމަށް ހުށަހެޅި ރިޕޯޓުގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގައި މިނިސްޓްރީ އޮފް ހައުސިން އެންޑް އެންވަޔަރަމަންޓުން މަތި އުތުރު ސަރަހައްދުގެ ގައުމީ އިދާރާ އަށް ފޮނުވި ސިޓީގެ ޖަވާބުގައި އެ ރަށުން ގޯތި ދޫކުރުގެ ހުއްދަ ދީފައިވާކަން އެނގޭ ކަމަށެވެ. އަދި މި އަހަރުގެ ފެބްރުއަރީ މަހު ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ހދ. އަތޮޅު ކައުންސިލް އިދާރާ އަށް ފޮނުވި ސިޓީއެއްގައި ނޮޅިވަރަމުން ގޯތި ދޫކުރުމަށް ހުއްދަ ދީފައިވާ ކަމަށާއި ނޮޅިވަރަމް ކޯޓުން ހުކުމަކުން އެ ގޯތިތަށް ދޫކުރުމަށް މިދިޔަ އަހަރުގެ ސެޕްޓެންބަރު މަހު އަންގާފައިވާ ކަމަށެވެ.

ނޮޅިވަރަމް ކައުންސިލްގެ މައްޗަށް މަޖިލީހުން އަމުރު ކުރާތާ 30 ދުވަހުގެ ތެރޭގައި 172 ގޯތި އޭގެ ހައްގުވެރިންނަށް ދޫކުރުމަށް ރިޕޯޓުގައިވެ އެވެ.