ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން އިންތިޒާމް ކޮށްގެން ބާއްވާ ވެޓަރެންސް ކަޕް ފުޓްބޯޅަ މުބާރާތް އަންނަ ބުދަ ދުވަހު ހަވީރު ފަށާގޮތައް ހަމަޖައްސައިފި އެވެ.

ޓާފް ދަނޑުގައި ކުރިއަށްދާ މި މުބާރާތުގެ ފުރަތަމަ މެޗުގައި ބައްދަލުކުރާ ދެ ޓީމަކީ މާޒިޔާ އާއި އޭވައިއެލް އެވެ.

އެފްއޭއެމްއިން ބުނީ، ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތަކީ 35 މަތީގެ ކުރީގެ ކުޅުންތެރިންނަށް އަމާޒްކޮށް ރޯދަ މަހު ބާއްވާ މުބާރާތެއް ކަމަށާއި އެގޮތުން މިފަހަރުގެ މުބާރާތުގައި އެންމެ ފަހު ތިން އަހަރުގެ ޗެމްޕިއަން ވެލެންސިއާ އާއި ރަނަރަޕް ވިކްޓަރީ ބައިވެރިވެފައި ނުވާ ކަމަށެވެ. އަދި މުބާރާތުގައި މިފަހަރު ބައިވެރިވެފައި ވަނީ ޖުމްލަ ހަ ޓީމް ކަމަށް އެފްއޭއެމްއިން ބުނެ އެވެ.

މުބާރާތުގައި މި އަހަރު ވާދަކުރަނީ ނިއު ރޭޑިއަންޓާއި އޭވައިއެލް އަދި އީގަލްސް އާއި މާޒިޔާގެ އިތުރުން ބީޖީ އާއި ސިފައިންނެވެ.

މުބާރާތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ލީގު އުސޫލުން އެއްބުރު ކުޅުމަށްފަހު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެއް ސެމީ ފައިނަލަށް ދަތުރު ކުރާ ގޮތަށެވެ. އަދި މުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައި ވަނީ ރޯދަ މަހުގެ 29 ވަނަ ދުވަހު އެވެ.